ހަޤީޤީ ކާމިޔާބީއަކީ ނަރަކައިގެ ޢަޒާބުން ސަލާމަތްވުމެވެ. ކޮންމެ ހާލެއްގައިވެސް ނަރަކައަށް ނުވަދެ ސުވަރުގެ ވަދެއްޖެ މީހަކު ކާމިޔާބުވެއްޖެއެވެ. މާތް ރަސޫލާ އަހަރެމެންނަށް އަންގަވާފައިވަނީ ކަދުރުއޮށެއްގެ ފަޅިއެއް ސަދަގާތްކޮށްގެން ވިޔަސް މި ބިރުވެރި ތަނުން ސަލާމަތްވުމަށެވެ. ނަރަކައިން ސަލާމަތްވެވޭ ދިހަ ގޮތް ކަމުގައި ޝައިޙުލް އިސްލާމް އިބްނު ތައިމިއްޔާ (ރަހިމަހު ﷲ) ފާހަގަ ކުރައްވާފައިވާ ކަންތައްތަކަށް ތިރީގައި ބަލާލާނަމެވެ.
ތައުބާ
ތައުބާއަކީ ނަރަކައިން މިންޖުކުރެއްވުމުގެ އެންމެ ފުރިހަމަ މަގެވެ. ތައުބާ ވުމަކީ ހިތުން ކުރެވޭ ކަމެކެވެ. ތައުބާވުމަކީ ދެރަވެ ހިތާމަކުރުމުވެ. ފާފަ ދެން ނުކުރުމަށް ޢަޒުމް ކަނޑައެޅުމެވެ. ތައުބާގެ މާނައަކީ ﷲ އަށް އެނބުރި ރުޖޫޢަވުމެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ތައުބާ ނުވެވޭ އެއްވެސް ފާފައެއް ނުވާކަމެވެ. ކިތަންމެ ބޮޑުފާފައެއްކުރުމަށްފަހުވެސް ﷲގެ ހަޟްރަތުގައި އެފާފައެއް ފުއްސަވާދެއްވުމަށް އިޙްލާސްތެރިކަމާއިއެކު އެދިއްޖެނަމަ މާތް ﷲ އެފާފައެއް ފުއްސަވާދެއްވައެވެ. އަދި އިޙްލާސްތެރިކަމާއެކު ތައުބާވާމީހާގެ ތައުބާ އަކީ ގަބޫލްކުރެއްވުން ޔަގީން ތައުބާއެކެވެ.

އަބަދާއިއަބަދު އިސްތިޣްފާރު
ތައުބާވުމަށްޓަކައި ދުލުން ބުނާ ބަހަކީ އިސްތިޣްފާރް ކުރުމެވެ. ކޮންމެ ޢިބާރާތަކުންވިޔަސް ﷲ ގެ ހަޟްރަތުގައި ފާފަފުއްސެވުމަށް ދެންނެވުމަކީ އިސްތިޢްފާރު ކުރުމެވެ. ގިނަގިނައިން އިސްތިޣްފާރުކުރުމަކީ ފާފަތައްފުހެވި ނަރަކައިން މީހާ މިންޖުކޮށްދޭނޭކަމެކެވެ.
ހެޔޮޢަމަލުކުރުން
ހެޔޮޢަމަލުތަކަކީ ނުބައި ޢަމަލުތައް އެކީ އެކައްޗަކަށް ފުހެވިގެން ދިޔުމަށް މެދުވެރިކޮށްދޭ ކަމެކެވެ.
އެއީ ކީރިތި ޤުރުއާނުގައި ﷲ ވަހީ ކުރައްވާފައިވާ ފަދައިންނެވެ.
”ހަމަކަށަވަރުން ހެޔޮޢަމަލުތައް ނުބައި ޢަމަލުތައް ނެތިކޮށްލައެވެ“
ސޫރަތުލް ހޫދް – 114 ވަނަ އާޔަތް
އެހެނިހެން މުސްލިމުންގެ ދުޢާ
އެހެނިހެން މުސްލިމުންގެ ދުޢާއަކީ ނަރަކައިން މިންޖުކޮށްދިނުމަށް މެދުވެރިވާ ކަމެކެވެ.
ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ.
އެއްވެސް މުއުމިނު އަޅަކުނުވެޔޭ… އޭނާގެ އަޚާއަށް، އޭނާގެ އަޚާ ނެތްހިނދު ދުޢާއެއް ކުރުމުން، މަލާއިކަތުން އަދި ތިބާއަށްވެސް ހަމަ އެފަދައިން ހުއްޓޭ ވިދާޅުނުވާނޭ“
ދުޢާކުރުމުގައި މުސްލިމުންގެ އާދަކާދައަކީ އަބަދުވެސް ހުރިހާ މުސްލިމުންގެ މައްޗަށް ދުޢާކުރުމެވެ. އަދި އޭގެތެރޭގައި މަރުވެ ދުނިޔެއިން ވަކިވެ ގޮސްފައިވާ މީހުންވެސް ހިމެނެއެވެ. އަދި އުއްމީދަކީ އަހަރެމެން ކަށްވަޅުގައި އޮންނަ އިރުވެސް ﷲ ގެ އިރާދަފުޅުން އެޒަމާނުގައި މިފަދައިން ދުޢާކުރާ ބައެއްގެ ދުޢާތަކުގެ އަސަރާއި ފައިދާ އަހަރެމެންނަށްވެސް ކުރުމެވެ.
އިމްތިޙާނުތަކާއި ހިތާމަތައް
މާތް ﷲގެ ރަޙްމަތުގެ ސަބަބުން އަހަރެމެން މުއުމިނުންނަށް ކުރިމަތިވާ އެންމެ ކުޑަ ހިތާމަޔެއް އަދި އުނދަގުލެއްވެސް އެއީ ފާފަތަކުގެ ކައްފާރާއެއްކަމުގައި ލެއްވިގެންވެއެވެ. އެއީ ނަފްސާނީގޮތުން ކަމަށްވިޔަސް، ނުވަތަ ހަށިގަނޑަށް ސީދާލިބޭ ގެއްލުމެއް ކަމުގައި ވިޔަސްމެއެވެ.
ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
މުއުމިނަކަށް އެކަމެއްގެ ސަބަބުން އޭނާގެ ފާފަތައް ފުހެވިގެން ނުދާ އެއްވެސް އުނދަގުލެއް ކުރިމައްޗެއް ނުވެއެވެ. އެއީ ހެރޭ ކަށިކޮޅެއް ކަމުގައިވިޔަސްމެއެވެ.
ކަށްވަޅުގެ ޢަޒާބު
ކަށްވަޅުގެ ޢަޒާބަކީ އަހަރެމެންކުރެ އެކަކުވެސް ބޭނުންކަމެއް ނޫނެވެ. އެހެނަސް ކަށްވަޅުގެ ޢަޒާބު ނަރަކައިގެ ޢަޒާބާއި އަޅާ ބަލާއިރު ކިތަންމެހާވެސް ރަނގަޅެވެ. ކަށްވަޅުގެ ޢަޒާބުގެ ސަބަބުން ފާފަތައް ފުހެވެއެވެ. އަދި މިގޮތަށް ފުހެވޭ ފާފަތަކުގެ ސަބަބުން ނަރަކައިން މިންޖުވުމަކީވެސް ހަމަ އެކަށީގެންވާކަމެކެވެ. އެހެނަސް މި ޢަޒާބު ލިބެމުންދާހިނދު މިކަން ނިމުމަށްފަހު ނަރަކައަށް ވަންނަ ނުޖެހޭނެކަން ޔަގީންވާނެ އެކަކުވެސް ނުހުންނާނެއެވެ.
ޤިޔާމަތްދުވަހުގެ ވޭންތަކާއި އުނދަގޫތައް
ގިޔާމަތްދުވަހަކީ ދަތި އުނދަގޫ ދުވަހެކެވެ. ހޫނުދުވަހެކެވެ. އަދި އެދުވަހަކީ ވަރަށް ދިގުދެމިގެންދާނެ ދުވަހެކެވެ. އެދުވަސް ފަސޭހަ އަދި ކުރު ދުވަހަކަށް ވާނީ ހަމައެކަނި ﷲ އެކަމަށް މިންވަރު ކުރައްވާފައިވާ މަދު ބަޔަކަށެވެ. މިކަމުގެ އުނދަގޫތައް ތަހައްމަލު ކުރުމުގެ ސަބަބުން މާތް ﷲ މުސްލިމުންގެ ތެރޭގައި ހިމެނޭ ނަރަކަޔަށް ދާން އެކަށީގެންވާ ފަރާތްތަކަކަށް އެދުވަހުގެ އުނދަގޫތައް އެއީ ކައްފާރާއެއް ކަމުގައި ލައްވާ ނަރަކައިން ސަލާމަތް ކުރައްވާނެއެވެ.
މަރުވެފައިވާ ފަރާތްތަކަށް ހަދިޔާ ކުރެވޭ ހެޔޮ ޢަމަލު
ދަރިޔަކު ކުރާ ދުޢާ ނުވަތަ ދެމިގެންދާ ސަދަގާތެއްގެ ސަބަބުން ކުރާފައިދާފަދަ ކަންތައްތަކަކީ ކަށްވަޅުގައި ފާފަ ފުހެވިގެންދާނެ މަގެކެވެ. އެހެންކަމުން މީހުންނަށް ހެޔޮކޮށް ކަންތައްކުރުމާ، ދެމިގެންދާގޮތަށް ޢިލްމު ފެތުރުން ފަދަ ކަންތައްތަކަކީ ހަމަ ހަގީގަތުގައިވެސް ތިބާއަށް ފައިދާ ކުރާނޭ ކަންތައްތަކެވެ. އަދި އެކަމުގެ އާޚިރު ނަތީޖާއެއްގެ ގޮތުން ނަރަކައިން މިންޖުވުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން ދުނިޔޭގައި ހުރިހާ އެންމެންނަށްވެސް އެންމެ ހެޔޮ، އެންމެ އޯގާތެރި، އެންމެ އަޅާލާ އަދި އެންމެ އެހީތެރިވެދޭ ފަރާތްކަމުގައި ވުމަށް މަސައްކަތްކުރުމަކީ ބުއްދިވެރިކަމެކެވެ. އެހެނީ އެފަދަ ފަރާތެއް ތިބާއަށްޓަކައި ކޮށްލާ ދުޢާ އަކީ ވަރަށްވެސް އަގުހުރި އެއްޗެކެވެ.
މުހައްމަދުގެފާނުގެ ޝަފާއަތް
އެކަލޭގެފާނުގެ ޝަފާޢަތަކީ ނަރަކަޔަށް ކަނޑައެޅިފައިވާ އެތައްބަޔަކު ނަރަކައިން ސަލާމަތްކުރެވޭކަމެކެވެ. އެޝަފާއަތް ލިބޭ ކޮންމެ މީހަކީ ސުވަރުގެ ވަންނާނޭ މީހެކެވެ. އަދި ކޮންމެކޮންމެ މީހަކަށް އެޝަފާއަތެއް ނުލިބޭނެއެވެ.
މާތް ﷲ ގެ ރަޙްމަތް
އެކަލާނގެ ރަޙްމަތަކީ ވަރަށްވެސް ބޮޑު އެއްޗެކެވެ. އެހެންކަމުން ނަރަކަޔަށް ދާން އެކަށީގެންވާ ބަޔަކު ހަމައެކަނި އެއިލާހުގެ ރަޙްމަތުގެ ސަބަބުން ނަރަކައިން ސަލާމަތް ކުރެވޭނެއެވެ.
މަތީގައި ބަޔާންވެފައި ނުވާ 11 ވަނަ ގޮތެއްވެސް ވެއެވެ. އެހެނީ އެއީ ފާފައަށް އަރައި ނުގަތުމެވެ. އަދި ޝައިތާނާ އާއްމުގޮތެއްގައި ޖަހާ އޭނާގެ މަޅިތައް ދެނެގަނެ އެމަޅިތަކުން ސަލާމަތްވުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. އަދި ފާފައެއް ކިތަންމެ ގިނައިން ކުރެވުނަސް ﷲ ފާފަ ފުއްސަވާނެކަން ޔަގީން ކުރުމެވެ. މާތް ﷲ އަޅުގަނޑާއި ތިޔަ އެންމެހާ ބޭފުޅުންނަށްވެސް ނަރަކައިން ސަލާމަތްވުމުގެ ނަސީބު މިންވަރު ކުރައްވާށިއެވެ. އާމީން!