ޛިކުރު ކުރުމަކީ ދުޢާކުރުމެވެ. މާތް ﷲ އަށް ދުޢާކުރުމަކީ މަތިވެރި އަޅުކަމެކެވެ. ދުޢާކުރުމުގެ ސަބަބުން މާތް ﷲ އެ އިލާހުގެ އަޅުތަކުންގެ ބޭނުންތައް ފުއްދަވައި ދެއްވައެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަކީ މާތް ﷲގެ މަތިން ހަނދުމަކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. އަދި އެ ޛިކުރުތައް ކިޔުންމަތީ ދެމިހުރުމަކީ الله ތަޢާލާގެ ފާފަފުއްސެވުމާއި މަތިވެރިވެގެންވާ އަޖުރުލިބެނިވި އަޅުކަމެކެވެ.
ޛިކުރުމުގެ މާތް ކަމާބެހޭގޮތުން ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވެއެވެ.

”ތިޔަބައިމީހުންގެ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލަކީ ކޮބައިކަމާ، އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި އެންމެ ޠާހިރުކަންބޮޑު ޢަމަލަކީ ކޮބައިކަމާ، އަދި ތިޔަބައިމީހުންގެ ދަރަޖަތަކުގައި އެންމެ އުފުލިގެންވާ ޢަމަލަކީ ކޮބައިކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވިދާޅުވެދެއްވަން ހެއްޔެވެ؟ އެކަމަކީ ތިޔަބައިމީހުންނަށް ރަނާއި ރިހި ހޭދަކުރުމަށް ވުރެވެސް ހެޔޮވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ ޢަދުއްވުންނާއި ތިޔަބައިމީހުން ބައްދަލުކޮށް އެބައިމީހުންގެ ކަރުތައް ކަނޑާ އަދި އެބައިމީހުން ތިޔަބައިމީހުންގެ ކަރުތައް ކެނޑުމަށްވުރެވެސް ތިޔަބައިމީހުންނަށް ހެޔޮވެގެންވާ ކަމެކެވެ. ޞަޙާބީން ދެންނެވިއެވެ. އާދޭހެވެ! ވިދާޅުވެދެއްވާށެވެ! حديث ފުޅުކުރެއްވިއެވެ. އެއީ الله އަށް ޒިކުރުކުރުމެވެ.”
އަދި އަޙްޒާބް ސޫރަތުގެ 35ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވަނީ
”ގިނަގިނައިން الله ތަޢާލާ ހަނދުމަކުރާ ފިރިހެނުންނާއި އަދި ގިނަގިނައިން الله ތަޢާލާ ހަނދުމަކުރާ އަންހެނުން ދަންނައެވެ. އެބައިމީހުންނަށްޓަކައި الله ތަޢާލާ ފާފަފުއްސެވުމާއި މަތިވެރިވެގެންވާ އަޖުރު ތައްޔާރުކުރެއްވިއެވެ.“
ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމުގެ މުހިންމުކަމުގެ ތެރޭގައި
އީމާންކަން އިތުރުވުން
މާތް ﷲ މަތިން ހަނދުމަކޮށް ޛިކުރުކުރުމުން އެއިލާހުގެ އެއްކައުވަންތަކަން އެނގިދެއެވެ. އަދި އިންސާނުންނަކީ ބަލިކަށިބައެއް ކަމާއި މާތްﷲ ގެ އެހީތެރިކަމައް އަބަދުވެސް ބޭނުންވެގެންވާ ބައެއްކަން ހާމަވެއެވެ. އަދި މާތް ﷲގެ ޢަޛާބަށް ބިރުވެތިވެ އެއިލާހުގެ ރަޙުމަތައް އުންމީދުކުރުމުން އީމާންކަން އިތުރުވެއެވެ.
ހިތްހަމަ ޖެހުމާއި އުފާވެރިކަން އިޙްސާސްވުން
ﷲ ޞުބްހާނަހޫ ވަތަޢާލާ މަތިން ހަނދުމަކޮށް ޛިކުރުކުރުމަކީ އީމާންކަމުން ފުރިގެންވާ ހިތްތަކައް އުފާވެރިކަމާއި ހަމަޖެހުން ގެނުވާނޭ ކަމެކެވެ. މާތް ﷲ އައް ރާ’އުދް ސޫރަތުގެ 28ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
” އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ “
ހުރިހައި ނުބައިކަންކަމުން ރައްކާތެރި ކޮށްދެއްވުމާއި ދުވަހުގައި ބަރަކާތްލެއްވުން
ހެނދުނާއި ހަވީރުގެ ޛިކުރުތަކައް ރައްކާތެރިވުމަކީ ދުވަހުގެ އިތުރުން އަދި ސިއްޙަތާއި މުދަލުގައި ބަރަކާތް ލައްވާނޭކަމެކެވެ. ދުވަސް ފަށާއިރާއި ނިމޭއިރު މާތް ﷲގެ މަތިން ހަނދުމަކުރުމުން ހުރިހާނުބައި ކަންކަމުން ރައްކާތެރި ކޮއްދެއްވައެވެ. އޭގެތެރޭގައި ބަލިމަޑުކަމާއި، ކަންބޮޑުވުން އަދި ޖިންނި ޝައިތޯނުންގެ ކިބައިންނާއި ސިހުރުން ރައްކާތެރިކަން ލިބެއެވެ.
ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބުން
ޛިކުރުކުރުމުގައި ދެމިހުރުމުން ސުވަރުގޭގައި ވާ ޛިކުރުވެރިންގެ ދޮރުކޮޅުން ވަދެވުމައް މަގުފަހިވެއެވެ.
އެހެންކަމުން ކޮންމެ ދުވަހެއްގެ ހެނދުނު އާއި ހަވީރު މާތް ﷲގެ މަތިން ހަނދުމަކޮށް ޛިކުރު ކުރުމަށްޓަކައި ވަގުތު ކޮޅެން ހުސްކޮށްލުމަކީ އުޙުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި ކުރެވިދާނެ މަތިވެރި ކަމެކެވެ. އަދި ޛިކުރުމަކީ ރަސޫލާ ﷺ އެކަމެއްގައި ވަރުގަދަޔަށް ހިފަހައްޓަން އަމުރުކުރައްވާފައިވާކަމެކެވެ.