ޢީދަކީ އުފާ ފާޅުކުރުމުގެ ދުވަހެކެވެ. އަދި ﷲ އަށް ތަކްބީރް ކިޔައި ޝުކުރުވެރިވުމުގެ ދުވަހެކެވެ. އުފާފާޅުކުރުމުގެ ގޮތުން ލަވައެއް މިފަދަ މުނާސަބަތެއްގައި ކިޔާލުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް މިއަދު މިކުޅެވެމުންދާ މިޔުޒިކީ ސާމާނުތައް ބޭނުންކޮށްގެން މިފަދަ ކަންކަން ކުރުމަކަށް އިސްލާމްދީން ހުއްދައެއް ނުދެއެވެ. މީގެ އިތުރުން މިފަދަ ލަވަތަކުގައި ހިމެނޭ ޢިބާރާތްތަކަކީ ގިނަ ފަހަރު ފާހިޝް ޢަމަލުތަކަށް ސީދާ ނުވަތަ ނުސީދާ ގޮތެއްގައ ގޮވާލާ ޢިބާރާތްތަކެކެވެ. އެޢިބާރާތްތަކާއިމެދު ވިސްނާލައިފި ކޮންމެ މީހަކަށްވެސް އެކަން ޝައްކެއް ނެތް މިންވަރަށް ސާފުވެގެންދާނެއެވެ. މިފަދަ ކަންކަމަށް ދީން ހުއްދަނުދޭ ސަބަބުތަކާއި، އެކަމާއި ދެކޮޅަށް ހުރި ޘާބިތު ދަލީލުތައް ގިނަ ދިވެހިންނާއި ހަމަޔަށް ވާނީ މާތްﷲގެ އިރާދަފުޅާއެކު ފޯރާފައެވެ.
ފުރަބަންދުގެ ސަބަބުން ކުލަހޭކުމާއި މާލިހެދުންފަދަ މުންކަރާތްތަކުން އަހަރެމެން ސަލާމަތްވެފައިވީކަމުގައިވިޔަސް ޙަބަރުލިބެނީ ޢީދުޝޯ އޮންލައިންކޮށް ބޭއްވޭނެ ކަމުގެ ޙަބަރެވެ. ހައްޤަށް ރުޖޫޢަވުމަށް އިންސާނަކަށް ލިބޭ ހިތްވަރުތަކުގެތެރޭގައި، ކުރިމަތިވާ ދަތިތަކާއި މުސީބާތްތައް ހިމެނެއެވެ. އެހެނަސް މިފަދަ ދަނޑިވަޅެއްގައިވެސް އުފާފާޅުކުރުމާއި، ޘަޤާފަތުގެ ނަމުގައި މުންކަރާތްތަކަށް އަރައިގަނެވުމަކީ ހިތާމަކުރަންޖެހޭކަމެކެވެ. އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މުވާސަލާތީ ކުންފުނިތަކުން މިފަދަ މުންކަރާތްތައް ސްޕޮންސަރ ކުރާކަމީވެސް ވަރަށް ދެރަކަމެކެވެ. އަހަރެމެންނަށް އަމުރުވެވިފައިވަނީ މުންކަރާތްތައް ނަހީކުރުމަށެވެ. އަދި ހެޔޮކަންތައްތަކަށް އަމުރު ކުރުމަށެވެ. އަދި އެއީ އަހަރެމެންގެ އުއްމަތް އެންމެ ހެޔޮ އުއްމަތްކަމަށްވާ ސަބަބު ކަމުގައި މާތް ﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ.

ވީމާ މިފަދަ މުންކަރާތްތަކުން ދުރުވެ ހުރެ ޢީދު ދުވަހުގެ އުފާ ހޯދާ ބަޔަކަށް ވަމާ ހިނގާށެވެ. ޢީދު ދުވަސް ދެއްވެވި އަހަރެމެންގެ ވެރި ރަސްކަލާނގެ ނުރުއްސެވުން އަހަރެމެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ލިބިގަތުމުގެ ފައިދާއެއް އެބަ އޮތްހެއްޔެވެ؟ މާތް ﷲ ތިބާއަށް އަދި އަޅުގަނޑުމެންނަށްވެސް އެއިލާހުގެ ދީނުގައި ޘާބިތުވެ ހުރުމުގެ ހެޔޮ ތައުފީޤް ދެއްވާށިއެވެ. އަދި މި ޢީދުޝޯ އިންތިޒާމް ކުރާފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވާ ތެދުމަގަށް ރުޖޫޢަ ކުރައްވާށިއެވެ. އާމީން