ދުޅަހެޔޮ ޞިއްޙަތަކީ ކޮންމެ އިންސާނަކުވެސް ބޭނުންވާނެ ނިޢުމަތެކެވެ. މި ނިޢުމަތް ހޯދުމަށް ބައެއް މީހުނަށް ގިނަފަހަރު މަސައްކަތެއްވެސް ނުކުރެވެއެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި އަޅުގަނޑުމެން ވިސްނާލަންޖެހޭ މުހިންމު ކަންތައްތަކެއް އެބަ ހުއްޓެވެ. އެގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކީރިތި ރަސޫލާ ޢަމަލުކުރެއްވި ގޮތުގެ މައްޗަށް އަލިއަޅުވާލާނަމެވެ.
އަވަހަށް ތެދުވުން
ކީރިތި ރަސޫލާ މުޙައްމަދުﷺ އަކީ ރޭގަނޑު އަވަހަށް އަވަހާރަފުޅުލައްޕަވާ، ފަތިސް ނަމާދު ވަގުތަށް ތެދުވާ ބޭފުޅެކެވެ. ދުވަސް ރަނގަޅުގޮތުގައި ފެށުމަށް އަވަހަށް ތެދުވުމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި މިއަދުގެ ސައިންސްވެރިން ވަނީ ހޯދާފައެވެ. އަދި ކާމިޔާބު މީހުންނަކީ އަބަދުވެސް އަވަހަށް ތެދުވާ ބައެއް ކަމުގައި ދިރާސާތަކުން ދައްކައެވެ.

މަދުން ކެއުން
ބަލިތަކުން ދުރުވުމަށްޓަކައި މަދުން ކެއުމަކީ ކީރިތި ރަސޫލާ ޢަމަލުކުރެއްވި ރިވެތި އާދައެކެވެ. އަދި މަދުން ކެއުމަކީ ބަލިތަކުން ދުރުވާ ކަމެއްކަމަށް މިއަދުގެ ސައިންސްވެރިން ވަނީ ހޯދާފައެވެ. ބަނޑުގެ ތިންބައިކުޅަ އެއްބައި ކެއުމަށް، ތިންބައިކުޅަ އެއްބައި ދިޔާ ތަކެތި ބުއިމަށް އަދި އަނެއް ތިންބައިކުޅަ އެއްބައި ނޭވާލުމަށް ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ކެއުމުގެ އިސްލާމީ ރިވެތި އާދަތަކުގެ ތެރޭގައި ވެއެވެ.
ލަސްލަހުން ކެއުން
ކީރިތި ރަސޫލާ ޢަމަލު ކުރައްވާފައިވާ ގޮތަކީ އަދި އިރުޝާދު ދެއްވާފައިވާ ގޮތަކީވެސް ލަސްލަހުން ކެއުމެވެ. އެއީ ކާއެއްޗެހި ރަނގަޅަށް ހަޖަމު ކުރުމުގެ ބޭނުމުގައެވެ. އަދި މިކަމަކީ މަދުން ކެއުމަށް ލިބޭ ބާރެކެވެ.
ލަސްލަހުން ފެން ބުއިން
އެއް ނޭވާއިން ފެންތަށި ހުސްކޮށްލުމުގެ ބަދަލުގައި ދޭއް ނުވަތަ ތިން ނޭވާއިން ފެން ބުއިމަކީ އެންމެ ރަނގަޅު ގޮތެވެ. މިއީ ކީރިތި ރަސޫލާ މުޙައްމަދުﷺ ފެން ބުއިމުގައި ގެންގުޅުއްވި ރިވެތި އާދައެކެވެ. މިއަދުގެ ސައިންސްވެރިން ހޯދާފައިވާ ގޮތުގައި އެއްފަހަރާ ގިނަ ފެންތަކެއް ބުއިމަކީ އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމެކެވެ. ބޮލަށް ތަދުވުމާއި، ބޯ އެނބުރުމާއި މިނޫންވެސް އެކިއެކި ކަންކަން ކުރިމަތިވެދާނެ ކަމެކެވެ. ލަސްލަހުން ފެން ބުއިމުގެ ސަބަބުން ބޭނުންވާ މުހިންމު ބައި ހަށިގަނޑަށް ފަސޭހަކަމާއިއެކު ލިބިގެންދެއެވެ.
އަންނާރު
އަންނާރަކީ ކީރިތި ރަސޫލާގެ ފެވަރިޓް މޭވާއެވެ. މޭވާތަކުގެ ތެރެއިން އަންނާރަކީ ވަރަށް ފައިދާހުރި މޭވާއެކެވެ. ގައިގެ ކަށިތަކަށާއި ސެލްތަކާއި ލޭ އަދި ހިތުގެ ބަލިތަކުން ސަލާމަތްވުމަށް މިއީ ކެއުން ވަރަށް ރަނގަޅު މޭވާއެކެވެ.
ރޯދަހިފުން
ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ބޭނުންވަނީ ރަނގަޅު ކާނާ އެކަންޏެއް ނޫނެވެ. ކެއުމުގެ ވަގުތުތަކާއި ވައްޓަފާޅިއަކީވެސް ވަރަށް މުހިންމު އެއްޗެކެވެ. ކީރިތި ރަސޫލާ ރޯދަ ހިއްޕަވަނީ ހަމައެކަނި ރަމަޟާންމަހުގައެއް ނޫނެވެ. ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހެއްގެ އިތުރުން ކޮންމެ މަހެއްގެ 13، 14 އަދި 15 މި ތިންދުވަހު ރޯދަ ހިއްޕަވައެވެ. ރޯދަ ހިފުމަކީ ޞިއްޙީ ގޮތުން އެތަކެއް ފައިދާތަކެއް ލިބޭ ކަމެއް ކަމަށް ފަހުގެ ދިރާސާތަކުންވެސް ހާމަވެއެވެ. ހަމައެހެންމެ ރޯދަ ވީއްލުމަށް ކަދުރަކީ ވަރަށް ފައިދާހުރި އެއްޗެކެވެ. ލޭ މައްޗަށް ދިއުމުންނާއި، ހަކުރު ބަލިން ސަލާމަތްވުމަށް ކަދުރަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އަދި ކަދުރަކީ ކަރުހިއްކުމާއި ބަނޑުހައިވުން ފިލުވާލާ އެއްޗެކެވެ.
ކަސްރަތުކުރުން
ކުދިކުދި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ނަމާދަކީ ކުރެވޭ ކަސްރަތެކެވެ. 5 ވަގުތު ނަމާދުކުރާ މީހަކަށް ހުޅުތަކަށް ތަދުވުމާއި މަސްތަކަށް ތަދުވުމުން ރައްކާތެރިވެވޭނެއެވެ. ހެލިފެލިވެ އުޅުން ގިނަކޮށް، ބައެއް ކަސްރަތުތައް ކޮށްލާ ހެދުމަށް ކީރިތި ރަސޫލާވެސް ބާރުއަޅުއްވައެވެ. މާ ބޮޑަށް ފަލަވުމާއި، ކަންނެތްވުމަކީ ކަސްރަތު ނުކުރުމުގެ ސަބަބުން ދިމާވެދާނެ ކަންކަމެވެ. ކަސްރަތު ކުރުމަކީ އެތަކެއް ބަލިތަތަކުން މީހާ ސަލާމަތްވާނެ ކަމެކެވެ.
ތިމާއަށް ގެއްލުންދޭ ކަންކަމުންނާއި، ފާފަތައް ނުހިމެނޭގޮތަށް ސިކުނޑި ތާޒާ ކުރުމާއި ހަށިގަނޑަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރުމަށް އިސްލާމްދީން ބާރުއަޅައެވެ. އާއިލާއާއި ރަޙުމަތްތެރިންނާއިއެކު ގުޅުން ބަދަހިކުރުމަށާއި ހަށިގަނޑު ވަރުގަދަ ކުރުމަށް ކުޅިވަރުތައް ކުޅުމަށް ކީރިތި ރަސޫލާ މުޙައްމަދު ﷺ ވެސް ބާރުއަޅުއްވައެވެ.