މުއުމިން އަންހެނުން، އެކަނބަލުންނާއި ކައިވެނި ހެޔޮވާ މީހުންގެ ( އެބަހީ : މަހަރަމުން ނޫން މީހުން ) ކުރިމަތީގައި އުޅެން ޖެހޭނީ ފުރިހަމައައް އައުރަ ނިވާކޮއްގެންނެވެ. އެއީ ގޭތެރޭގައި ނުވަތަ މަގުމަތީގައި ވިޔަސްމެއެވެ.
މިގޮތުން އައުރަ ނިވާކުރުމަށް ބޭނުން ކުރައްވާ ހެދުމުގައި ޝަރުތުތަކެއް ހުރުން ލާޒިމްވެގެން ވެއެވެ.
މިގޮތުން:
1. ހަށިގަނޑުން ފޮރުވަން ލާޒިމްވާ ހުރިހާ ތަނެއް ހުންނަން ޖެހޭނީ ފޮރުވިފައެވެ. އެއީ މޫނާއި ދެ އަތްތިލަ ފިޔަވާ ހުރިހާ ތަނެކެވެ.
މޫނާ ދެއަތްތިލަޔާ މެދު ހިޔާލު ތަފާތުވެފައިވެއެވެ. ނަމަވެސް ފިތުނައިން ރައްކާތެރިވުމަށް މޫނާއި ތެއަތްތިލަ ފޮރުވުމަކީވެސް އެދެވިގެންވާ ކަމެކެވެ.
2. އެ ހެދުމަކީ އޭގެ ޒާތުގައި ޒީނަތްތެރިކަން ފާޅުކޮއްދޭ އެއްޗަކަށް ވެގެން ނުވާނެއެވެ. ކުލަ ގަދަ ނުވަތަ ތަފާތު ކުލައިން މާ ބޮޑަށް ފާހަނގަވާ ގޮތަށް ޒީނަތްތެރިކުރުން އެއީ އެދެވިގެންވާ ކަމެއް ނޫނެވެ.
3. ހަށިގަނޑުގެ އެތެރެ ފެންނަ ވަރުގެ ތުނި ހެދުމަކަށް ވެގެން ނުވާނެއެވެ.
ހަށިގަނޑުގެ ކުލަ ނުވަތަ އެތެރޭގެ އަންނައުނުތައް ނުފެންނަ ވަރުގެ ހެދުމަކަށް ވާންވާނެވެ.
4. ހަށިގަނޑުގެ ބައްޓަން ނުވަތަ ވަނާތަށް ފާޅުވާ ވަރުގެ ގަޔައް ބާރު ހެދުމަކައް ވެގެން ނުވާނެއެވެ.
5. އެ ހެދުމަކީ އަތަރާއި ސެންޓުން މީރުވަސް ދުއްވާފައިވާ އެއްޗަކައް ވެގެން ނުވާނެއެވެ.
6. ފިރިހެނުންނަށް ހާއްސާ ނުވަތަ އެފަދަ މީހަކައް ވައްތަރު ހެދުމަކައް ވެގެން ނުވާނެއެވެ.
7. ކާފަރު އަންހެންނުންގެ ހާއްސަ ނުވަތަ އެފަދަ މީހަކައް ވައްތަރުވާން ލެވޭ ހެދުމަަކައްވެގެން ނުވާނެއެވެ.
8. އަދި މަޝްހޫރުކަން ހޯދަން ލާ އެއްޗަކައް ވެގެން ނުވާނެވެ.
9. އަޅާ ބުރުގާއަކީ އަންހެނާގެ ކަރުވަޅާއި މޭމަތި ރަނގަޅަށް ފޮރުވިފައި ހުއްނަ ބުރުގާ އަކައްވާންޖެހޭނެއެވެ. މިގޮތުން ބޮލު ފޮތިކޮޅު ބުރުގާ ކަމުގައި ނުބެލެވޭނެއެވެ.
10. ލާ ހެދުމަކީ އެކަށީގެންވާ ދިގު ހެދުމަކައްވާން ވާނެއެވެ. އެގޮތުން ފައިތިލައިގެ ތިރިއަށް ހުންނަ ވަރުގެ ހެދުންލުން ރަނގަޅެވެ. އެހެންނަމަވެސް ތިރިން ލަނީ ވަރަށް ދޫ ނުވަތަ ކަނޑިކި ފަދަ އެއްޗެއްނަމަ ކަކުލުގެ ތިރިއާ ހިސާބައް ހުންނަން ޖެހޭނެއެވެ.
އިސްވެ މިވަނީ މުއުމިން އަންހެންކަބަލުންގެ ހެދުމުގެ ޝަރުތު ތަކެވެ.
ފިރިހިމާ ބޭނުންނަމަ އެހެންމީހަކަށް ނުފެންނަ ހިސާބެއްގައި މިސާލަކަށް ކޮޓަރިފަދަ ތަނެއްގައި ދެމަފިރިން އެކަހެރިކޮއް ތިބޭ ގަޑީގައި ކިތަންމެ ކުރު ހެދުމެއްވެސް ލެވިދާނެވެ. އަދި ކިތަންމެ ފެށަން ހެދުންވެސް ލެވިދާނެވެ. އެހެންނަމަވެސް ކޮޓަރިން ބޭރުގައި، ގޭތެރޭގައި މަހްރަމުން (ކައިވެނި ހެޔޮނުވާ ވަރުގެ މީހުން) ކުރިމަތީގައި ބުރުގާ ނޭޅިނަމަވެސް އަހްލާޤީ މިންގަނޑަކަށް ފެތޭނެ ހެދުމެއް ލާން ޖެހޭނެއެވެ.
އަދި ގޭތެރޭގައި ޤަޢިރު މަހްރަމުން (ކައިވެނި ހެޔޮވާ މީހުން) އުޅޭނަމަ އިސްވެދިޔަ ޝަރުތުތައް ފުރިހަމަވާ ގޮތަށް އިންނަންވާނީ އައުރަ ނިވާކޮއްގެންނެވެ.
އެހެނީ މާތް ﷲ (سبحانه و تعالى) އައް އުރެދުމަކައް އެއްވެސް މީހަކައް އަނެކަކުގެ މައްޗައް އަމުރު ނުކުރެވޭނެވެ. އަދި ކުރެވޭ އަމުރަކަށް ކިޔަމަން ވުމައްވެސް ނުމެވެއެވެ.
والله أعلم
ޖަވާބު ދެއްވީ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް.