އަންހެނުން މިސްކިތަށް ދިޔުން މަނައެއް ނޫނެވެ. އަދި ދާން އުޅޭނަމަ މަނާ ކުރުމެއްވެސް ނެތެވެ. ނަމަވެސް ގޭގައި ކުރުން ބޮޑަށް ރަނގަޅެވެ.

ފަރުޟު ފަސް ނަމާދާއި ތަރާވީސް ނަމާދު އަދި ދަމު ނަމާދު ފަދަ ސުންނަތްތައް ވެސް އަންހެން ބޭފުޅުން މިސްކިތުގައި ކުރުމައް ވުރެ ގޭގައި ކުރުމުން އިތުރައް ސަވާބު ލިބޭނެ ކަމައް އޮއްނަ ދަލީލަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން ޑރ. މުހައްމަދު އިޔާޒް އައްބްދުލް އަޒީޒް ދެއްވި ޖަވާބް އެވަނީ ތިރީގައި ބަޔާން ކުރެވިފައެވެ.

ރަސޫލާ ﷺ ހަދީޘް ކުރައްވާފައި ވެއެވެ.

“ لاَ تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ “

މާނައަކީ: ﷲ ގެ އަޅުކަނބަލުންނަށް ﷲ ގެ މިސްކިތްތަށް މަނާ ނުކުރާހުށިކަމެވެ.

ވީމާ، އަންހެން ކަނބަލުން މިސަކިތަށް ވަޑައިގަންނަވަން ބޭނުން ވެއްޖެނަމަ އެކަން މަނަލެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް، އެކަނބަލުން މިސްކިތުގައި ނަމާދު ކުރުމައްވުރެ އައުލާކަން ބޮޑީ ނުވަތަ މާތްކަން ބޮޑީ ގޭގައި ނަމާދު ކުރުމެވެ.

“ عَنْ عَبْدِ اللَّهِ , عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , قَالَ: “ صَلاةُ الْمَرْأَةِ فِي بَيْتِهَا , أَفْضَلُ مِنْ صَلاتِهَا فِي حُجْرَتِهَا , وَصَلاتُهَا فِي مَخْدَعِهَا أَفْضَلُ مِنْ صَلاتِهَا فِي بَيْتِهَا “

މާތް ﷲ ރުއްސުންލެއްވި އިބުނު މަސްސޫދުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ.

”އަންހެނަކު މިސްކިތުގައި ނަމާދު ކުރުމައް ވުރެ އެކަމާނާގެ ނިދާ ކޮޓަރި ތެރޭގައި ނަމާދު ކުރުން ސިޓިންރޫމްގައި ކުރުމައްވުރެ މާތް ކަން ބޮނޑެވެ. އަދި އެކަމަނާގެ ކުޑަ ކޮޓާރީގައި ނަމާދު ކުރުމައްވުރެ މާތް ކަން ބޮޑެވެ.

”عَنْ عَبْدِ اللَّهِ بْنِ سُوَيْدٍ الأَنْصَارِىِّ, عَنْ عَمَّتِهِ أُمِّ حُمَيْدٍ امْرَأَةِ أَبِى حُمَيْدٍ السَّاعِدِىِّ, أَنَّهَا جَاءَتِ النَّبِىَّ صلى الله عليه وسلم فَقَالَتْ: يَا رَسُولَ اللَّهِ, إِنِّى أُحِبُّ الصَّلاةَ مَعَكَ? قَالَ: ”قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلاَةَ مَعِى, وَصَلاَتُكِ فِى بَيْتِكِ خَيْرٌ لَكِ مِنْ صَلاَتِكِ فِى حُجْرَتِكِ, وَصَلاَتُكِ فِى حُجْرَتِكِ خَيْرٌ مِنْ صَلاَتِكِ فِى دَارِكِ, وَصَلاَتُكِ فِى دَارِكِ خَيْرٌ لَكِ مِنْ صَلاَتِكِ فِى مَسْجِدِ قَوْمِكِ, وَصَلاَتُكِ فِى مَسْجِدِ قَوْمِكِ خَيْرٌ لَكِ مِنْ صَلاَتِكِ فِى مَسْجِدِى“.

މާނައަކީ: އަބްދުﷲ ބިން ސުވައިދުލް އަންސާރީ އެކަލޭގެފާނުގެ ބައްބާފުޅުގެ ބޮޑުދައިތާފުޅު އުއްމު ހުމައިދުއް ސާއިދީގެ ފަރާތްޕުޅުން ރިވާކުރައްވައެވެ، އެކަމަނާ ކީރިތި ރަސޫލާ ﷺ ގެ އަރިހައް ވަޑައިގެން ދެންނެވިއެވެ. ”ކަލޭގެފާނާއި އެކުގައި ނަމާދު ކުރުމަށް ތިމަންކަމަނާ ލޯބި ކުރައްވަމެވެ.“

ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ.

“ ތިމަންކަލޭގެފާނާއި އެކުގައި ނަމާދު ކުރުމަށް ކަމަނާ ލޯބި ކުރައްވާކަން ތިމަންކަލޭގެފާނަށް އެގިވަޑައިގަންނަވައެވެ. ނަމަވެސް ކަމަނާގެ ނިދާ ކޮޓަރީގައި ނަމާދު ކުރުން ގޭގެ ސިޓިންގްރޫމް ގައި ކުރުމައްވުރެ މާތް ކަންބޮޑެވެ. ކަމަނާގެ ގޭގެ ސިޓިންގްރޫމް ގައި ކުރުން ކަމަނާގެ ދާރުގައި ކުރުމަށްވުރެ ހެޔޮކަން ބޮޑެވެ. ކަމަނާގެ ދާރުގައި ކުރުން އަވަށުގެ މިސްކިތުގައި ކުރުމައްވުރެ ހެޔޮކަން ބޮޑެވެ. ކަމަނާގެ އަވަށުގެ މިސްކިތުގައި ކުރުން ތިމަންކަލޭގެފާނުގެ މިސްކިތުގައި ކުރުމައްވުރެ ހެޔޮކަން ބޮނޑެވެ.“

”عن عَائِشَةَ, قَالَتْ: ”لَوْ أَدْرَكَ رَسُولُ اللهِ صلى الله عليه وسلم مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ الْمَسَاجِدَ كَمَا مُنِعَتْ نِسَاءُ بَنِي إِسْرَائِيلَ“

މާނައަކީ: ﷲ ރުއްސުން ލެއްވި އައިޝާ راضية الله عنها ގެ ކިބައިން ރިވާވެގެންވެއެވެ.

”އަންހެންވެރިން މިއުފައްދައިގެން ކަންތައް ރަސޫލާ ﷺ އައް އެގިވަޑައިގެންނަމަ، ބަނީ އިސްރާއީލްގެ އަންހެނުންނަށް މިސްކިތައް ދިޔުން މަނާ ކުރެއްވުނު ފަދައިން، އެކަނބަލުންނައްވެސް މިސްކިތަށް ދިޔުން މުޅިން މަނާ ކުރެއްވީހެވެ.“

އަންހެނުން މިސްކިތަށް ދިޔުމުގެ ބަދަލުގައި ގޭގައި ނަމާދު ކުރުން މާތް ކުރައްވާފައިވަނިީ އެކަނބަލުންގެ ރައްކާތެރިކަމައްޓަކާއެވެ. އެކަބަލުން ޒީނަތްތެރިވެ، ނަލަހެދިގެން މަގު މައްޗަައް ނިކުތުމުން ނިކުމެދާނެ ފިތުނައަކުން ސަލާމަތް ކުރެއްވުމުގެ ގޮތުންނެވެ.

ވީމާ، ފިރިހެނުން މިސްކިތުގައި ނަމާދު ކުރުމުން 27 ދަރަޖަ ލިބޭ ފަދައިން އަންހެން ކަނބަލުން ގޭގައި ނަމާދު ކުރުމުން އެފަދަ މަތިވެރި ދަރަޖަ މާތް ﷲ ދެއްވާނެއެވެ. މިގޮތުން ގޭގައި ނަމާދު ކުރާ އިރުގައި ބަންގި ގޮވާ ނިމޭތަނުން ވަގުތުން ނަމާދު ކުރުން ލާޒިމެއްނޫނެވެ. ނަމަވެސް ލަސްނުކޮއް އަވަހައް ނަމާދު ކުރުމަކީ މޮޅުއިތުރު ވެގެންވާ ގޮތެވެ.

والله أعلم