އެކެއްގެ ލެއިން އުފެދިފައިވާ އެކެއްގެ ދެދަރިން ކަމުގައި ވިޔަސް ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކެވެ. މިޒާޖާއި ޖިންސާއި ވިސްނުމާއި ފިކުރު ނުވަތަ އުޅުމާއި އަހްލާޤް މިހެން ގޮސް ހުރިހާ ގޮތަކުން ވެސް ތަފާތުވާނެއެވެ. ނަމަވެސް އެ ތަފާތު ތަކަކީ މައިންބަފައިން އެއްކުޖަކު އަނެއް ކުއްޖަކާއި ތަފާތު ކުރުމަށް އޮތް ސަބަބެއްނޫނެވެ.
މައިންބަފައިން އެތަފާތުތައް ދެނެގަނެ އެކުއްޖާގެ މިޒާޖާއި އެންމެ އެކަށޭނަ ގޮތަކަށް އެއްކުއްޖެއްގެ ކަންތަކުގައި މުއާމަލާތް ކުރަންޖެހެއެވެ. ހަމަ އެކަނި ހަމަހަމަ ކޮށްދޭން ޖެހެނީ ލައްވާ އަންނައުނާއި، ގަނެދެވޭ ކުޅޭތަކެތި އެކަންޏެއްނޫނެވެ. އަޅާލުމާއި، ލޯބި ދިނުމުގައި ވެސް ދަރިންގެ މެދުގައި ހަމަހަމަ ކޮށްދޭންޖެއެވެ. ނަމަވެސް އުފެދުމުގައި ނުކުޅެދުންތެރިކަން ހުންނަ ނުވަތަ އެހެންވިޔަސް ބަލި ކުއްޖަކަށްނަމަ އިތުރު އަޅާލުމާއި ލޯބި ދިނުމަކީ ތަފާތުކުރުން ކަމުގައި ނުދެކެމެވެ.
ނަމަވެސް މި ހާލަތުގައި ވެސް ދެންތިބި ކުދިންނަށް އެކަން އެހެން ކުރާ ސަބަބު ބުނެދީ އޮޅުންފިލުވައިދޭންވާނެއެވެ. ނޫންނަމަ ދަރިންގެ މެދުގައި ތަފާތުކުރީ ކަމުގެ ނަފުރަތު އުފެދިގެންދާނެއެވެ.
ދަރިންގެ މެދުގައި ތަފާތު ކުރުން އަޅުގަނޑު ޖުމްލަކޮށް މި މާނަކުރަނީ ހަމުގެ ކުލަޔައި، ރޫފަ، ނުވަތަ ހުނަރު ފަދަ ކުއްޖާގެ ހުރި ހާއްސަ ސިފަތަކަށެވެ. ދިނީ ގޮތުން ބަލާނަމަވެސް ދަރިންގެ ހުނަރާ ސިފަ ފަދަ ކަންކަމަށް ބަލައި ދަރިންގެ މެދުގައި ތަފާތުކުރުމަކީ ބޮޑުވެގެންވާ ބޮޑު ފާފައެކެވެ. އެއީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ.
ދަރިންގެ މެދުގައި ތަފާތުކުރުމަކީ ވަރަށް ބޮޑު ބޭންއިންސާފީ އަނިޔާއެކެވެ. އެކަމުގެ ސަބަބުން އާއިލާގެ ތެރޭގައި އޮންނަ ގުޅުން ހީނަރުވުމާއި އުފާވެރިކަން ގެއްލިގެން ދާނެ ކަމެކެވެ. މިކަމުގެ ވަރަށް ފުރިހަމަ މިސާލެއް ކައު އިތުރު ރަސޫލާ މުޙައްމަދު ﷺ ގެ ޙަދީޘްފުޅުން ފެންނަން އެބައޮތް. (ސަޙީހް އަލް ބުޙާރީ)، (ސަޙީހް މުސްލިމް) މީހަކު އެއްދަރިއަށް އެއްޗެއް ދިނީމާ އެހެން ހުރިހާ ދަރިންނަށް ވެސް ދިނިންތޯ ސުވާލުކުރެއްވެވިއެވެ. އަދި އެއް ދަރިއަށް ދީގެން ނުވާނެ ކަމަށާއި ހުރިހާ ދަރިންގެ މެދުގައި ހަމަހަމަކުރަން އެންގެވިއެވެ. ގިނަ ދަރިން ތިއްބައި އެއްދަރިއަކަށް ދިނުމަށްވުރެ އެއްވެސް ދަރިއަކަށް ނުދިނުން ރަނގަޅުކަމަށް ހަދީޘްފުޅުކުރެއްވެވިއެވެ.
ދަރިންގެ މެދުގައި ވަކި ހަމަތަކަކުން ތަފާތުކުރަންޖެހޭ ހާލަތްތަކުގައި ތަފާތުކުރާށެވެ. އެއީ ދަރިންގެ މެދުގައި އެއްކުޖަކު އަނެއް ކުއްޖަކާއި ތަފާތު ކުރުމެއްނޫނެވެ. މިސާލަކަށް ދެ ޖިންސުގެ ކުދިން އެއް ހަމަ ނުކުރެވޭނެ ހާލަތްތައް ހުންނާނެއެވެ. ދަރިންގެ މެދުގައި ތަފާތު ކުރަންޖެހޭ ހާލަތު މިބުނީ ކުއްޖާގެ އުމުރާއި ޖިންސުގެ ތަފާތު ކުރުމަށެވެ.
މިހާ ހިސާބުން އަދި ނިންމާލެވޭކަށްނެތެވެ.
ދަރިންގެ މެދުގައި ތަފާތުކުރުމުގެ ސަބަބުން އުފެދިގެންދާ ރުޅިވެރިކަން ޙަސަދަވެރިކަމަށް ބަދަލުވެ މުޅި އުމުރަށް ވެސް އެކަން އެގޮތުގައި ހިނގައިދާނެއެވެ. އޭގެ ސަބަބުން ރަހިމުގެ ގުޅުންތައް ކެނޑި ރޯދި ބަރަކާތް ކެނޑި ހިނގައިދާނެއެވެ. އަދި ހަމަ އެއާއި އެކު މީގެ އެންމެ ހިތްދަތި ކަމަކީ މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު ދަރިންގެ ފަރާތުން މައިންބަފައިންނަށް ކުރެވޭ ތަފާތުކުރުންތަކެވެ.
ވީމާ ހުރިހާ މައިންބަފައިންވެސް މިނުރައްކާތެރި ކަންތަކާއި މެދު ފުންކޮށް ވިސްނާ ފިކުރުކޮށް ވީވަރަކުން ދަރިންގެ މެދުގައި ހަމަހަމަ ކަމާއި ލޯތްބާއި އެކުވެރިކަން އާލާކޮށް ދޭށެވެ. ދަރިންގެ މެދުގައި ތަފާތު ކުރުމަކީ ބުނެނުދެވުނަސް ދަރިން ވަރަށް ހިތްދަތި އިހްސާސްތަކެއް ތަހައްމަލް ކުރަން ޖެހޭ ކަމެކެވެ.