މުއުމިން އަޅުތަކުންގެ ތެރެއިން ނަދުރުބުނާ މީހުންނަށް މަދަހަ ވިދާޅުވެ ކީރިތި ޤުރުއާނުގައި މާތްﷲ (سبحانه و تعالى) ވަހީ ކުރައްވާފައި ވެެއެވެ.

((إِنَّ الْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُوراً, عَيْناً يَشْرَبُ بِهَا عِبَادُ اللَّهِ يُفَجِّرُونَهَا تَفْجِيراً , يوفون بالنذر ويخافون يومًا كان شره مستطيرًا)) شره مستطيرًا)) الإنسان: ٥ – ٧ މާނައަކީ: “ ހަމަކަށަވަރުން ހެޔޮލަފާ ކިޔަމަންތެރިންގެ ބޯއެވެ. އެއާއި އެކުލެވި އެއްކުރެވިގެންވާ އެއްޗެއް ކަމުގައި ކާފޫރުވެއެވެ. އެއީ މާތްﷲ (سبحانه و تعالى) ގެ (ކިޔަމަންތެރި) އަޅުން އެއިން ބުއިމަށް އޮއިތް ފެންއާރަކުންނެވެ. އެބައިމީހުން އެފެން އާރުން އެދޭގޮތެއްގެ މަތިން ފެންގެނެސް ގަނެއެވެ. އެބައިމީހުންނީ ނަދުރު ފުއްދާ މީހުންނެވެ. އަދި އެދުވަހެއްގެ ނުރައްކާތެރިކަން ދުރަށް ފެތުރިގެންވާ ދުވަހަކައް (ޤިޔާމަތް ދުވަހައް) އެމީހުން ބިރުވެތިވެއެވެ.“

މި އާޔަތުން ދޭހަވާ ގޮތުގައި އެބައިމީހުން ނަރަކައިގެ އަޒާބުން ސަލާމަތްވެ، ސުވަރުގޭގެ އަހުލުވެރިންނައް ވުމަށް މެދުވެެރިވި ސަބަބަކީ އެބައިމީހުން ޤިޔާމަތް ދުވަހުގެ ކަންތައްތަކާމެދު ބިރުވެތިވެ، އެބައިމީހުން ގެ ނަދުރުތައް ފުއްދާ ބަޔަކަށްވީތީއެވެ.

ނަދުރުގެ މާނަ އަކީ ތިމާގެ މައްޗައް ވާޖިބުވެގެން ނުވާ ކަމެއް އަމިއްލަ ނަފުސަަށް ވާޖިބުކޮއް ގަތުމެވެ. އެއީ ކަމަކާ ގުޅުވައިގެން ނަމަވެސް ނުވަތަ ނޫންނަމަވެސްއެވެ.

ނަދުރުގެ ދެ ވައްތަރެއް ވެ އެވެ. އެއީ

1. ނަދުރު މަމްދޫހް.

(އެދެވިގެންވާ ނަދުރުތައް އެއީ) ވަކިކަމަކާ ގުޅުވުމެއް ނެތި، މާތްްﷲ (سبحانه و تعالى) އަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޯތުން ބުނެވޭ ނަދުރެވެ. އިންސާނާ އޭނާގެ ނަފްސައް އެކަން ލާޒިމް ކުރަނީ މާތްﷲ (سبحانه و تعالى) އަައް ކުއްތަންވުމަށާއި، ހެޔޮކަންތައް ކުރުމުގައި ފަރުވާ ކުޑަކުރުން ދޫކޮއްލުމައްޓަކާއެވެ. އަދި އެކަލާނގެ ދެއްވާފައިވާ ގިނަގުނަ ނިއުމަޔް ތަކައް ޝުކުރުވެރި ވުމުގެ ގޮތުންނެވެ.

2. ނަދުރު މަޒްމޫމް.

ނަދުރު މަޒްމޫމް ނުވަތަ މަންޙީ އަންޙު (އެދެވިގެންނުވާ ނުވަތަ ބުނެގެން ނުވާނެ ނަދުރު އީ ކަމަކާ ގުޅުވައިގެން ބުނެވޭ ނަދުރެވެ.) ވަކި ކަމެއް މެދުވެރި ވެއްޖެނަމަ ޝުުކުރުވެރި ވުމުގެ ގޮތުން މިވެނި ކަމެއް ކުރާނަމޭ ބުނުން ފަދަ ކަންތައްތަކެވެ. އެކަމެއް މެދުވެރި ނުވެއްޖެނަމަ އެމީހަކު އެބުނި ހެޔޮކަމެއް ނުކުރެއެވެ. މިސާލު: ތިމައްނަގެ ކިބައިގައި މިހުރި ބަލިން ސަލާމަތް ވެއްޖެނަމަ ތިން ދުވަހު ރޯދަ ހިފާނީއެވެ. މިފަދަ ނަދުރު ބުނުމަކީ އިސްލާމް ދީނުގައި އެދެވިގެންވާ ކަމެއް ނޫނެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ.

”لا تَنْذروا , فإن النذر لا يغني من القدر شيئا , وإنما يستخرج به من البخيل “ رواه مسلم, ހަދީޘް ނަމްބަރު 3096. މިއީ ޢަލިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘް އެކެވެ.

މާނަައަކީ: ”ތިޔަބައިމީހުން ނަދުރު ނުބުނާ ހުށިކަމެވެ. ހަމަ ކަށަވަރުން ނަދުރު ބުނުމަކުން ގަދަރުގައި ލިޔުއްވި ކަނޑައެޅިގެންވާ ކަމެއް ބަދަލެއް ނުވާނެއެވެ. ހަމަކަށަވަރުން ނަދުރު ގެ ބަސް ބަޙީލެއްގެ (ދަހި މީހެއް) ގެ އަގައިން މެނުވީ ބޭރުނުވާ ހުއްޓެވެ.“

وعن عبد الله بن عمر رضي الله عنهما قال : أخذ رسول الله صلى الله عليه وسلم ينهانا عن النذر ويقول : “ إنه لا يرد شيئا , وإنما يستخرج به من الشحيح “ رواه البخاري ومسلم. – މިއީ އަލް އިމާމް ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ހަދީޘް އެކެވެ.

މާނައަކީ: މާތްﷲ ރުއްސުން ލެއްވި އަބްދުއްﷲ ބިން އުމަރު ވިދާޅުވިއެވެ. ތިމަންނަމެންނައް ނުދުރު ބުނުން ކީރިތި ރަސޫލާ ﷺ މަނާ ކުރެއްވިއެވެ. ހަމަ ކަށަވަރުން އެނިކުއްނަނީ ޝަހީހް (ދަހިކަން ބޮޑު) މީހެއްގެ އަނގައިންނެވެ. މިތަނުގައި ނަދުރުބުނުން މަނާ ކުރައްވާފައިވުމުގެ ހިކްމަތަކީ އެމީަހަކު ހެޔޮ އަމަލު ކުރުމަށް ބުރަހެލިވާތީއެވެ. އޭނައާ އެދޭފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ހެޔޮ ކަމެއް ކުރަނީއެވެ. އެކަމެއް މެދުވެރި ނުވެއްޖެނަމަ އެބުނި ހެޔޮ ކަންތައް ނުކޮއް ދޫކޮއްލާނީ އެވެ. މިއައީ ދަހި މީހުންގެ ސިފައެކެވެ. އެހެނީ އެމީހުން ގެ މުދަލުން ހޭދަ އެއް ކުރާނީ އޭގެ ބަދަލުގައި ކޮންމެވެސް ކަމީ އޭނަ އައް ހާސިލްވާ ކަމައްވަނީނަމަ އެކަންވެއެވެ. އެހެންނޫންނަމަ އޭނާ ގެ މުދަލުން ހޭދަ އެއް ނުކުރެއެވެ. ބައެއްމީހުން ގަބޫލްކުރާ ގޮތުގައި ވަކިކަމަކައް އެދި ނަދުރު ބުނުމުން އެކަމެއް ހާސިލްވުން އެކަމެއް ހާސިލް ވުން މަޖުބޫރުވެދެ އެވެ. އަދި މާތްﷲ (سبحانه و تعالى) އޭނަ އެދުނު ކަންތައް ހާސިލް ކޮއްދެއްވާނެ އެވެ. އަދި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ނަދުރަކީ ގަޛާ ގަދަރުގައިވާ ކަންތައް ބަދަލުކޮއްލާނެ ކަމެކެވެ. އަދި އެމީީހުންނައް އަވަސް ގޮތެއްގައި އެ އެދުނު ކަންތައް ހާސިލް ވުމައް މެދުވެރިވާ ކަމެކެވެ. އެހެން ކަމުން މިފަދަ އަޤީދާ ތަކައް ރައްދު ދެއްވައި ހަގީގަތަކީ އެއީ އެއްނޫން ކަން ކީރިތި ރަސޫލާ ﷺ މި ވަނީ ބަޔާން ކޮއްދެއްވާފައެވެ.

ނަދުރު ބުނުުގެ ހުކުމް:

މަޝްރޫއު (މަމްދޫހު ނަދުރެއް) ބުނެފިނަމަ އެނަދުރެއް ފުއްދުމަކީ ވާޖިބު ކަމެކެވެ. މާތްﷲ (سبحانه و تعالى) ވަހީކުރައްވައެވެ.(ثم ليقضو تفثهم وليوفو نذورهم) الحج: ٢٩، މާނައަކީ: ”ދެން އެ އައްފަހު އެމީހުން ގައިވާ ހަޑިކަމަކާއި (ކުއްތައް) ފިލުވާހުއްޓެވެ. އަދި އެމީހުން އަދާ ކުރަން ޖެހިފައިވާ ކަންތައް (ނަދުރުތައް) އަދާ ކުރާ ހުއްޓެވެ.“

ކީިރިތި ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ.“ من نذر أن يطيع الله فليطعه , ومن نذر أن يعصيه فلا يعصيه “ رواه البخاري 6202.

އަލްބުޚާރީ ރިވާ ކުރެއްވި މި ޙަދީޘް ގެ މާނައަކީ: ”ތިޔަބައިމީހުން ގެ ތެރެއިން މީހަކު ކިޔަމަން ތެރިކަމުގެ ގޮތުން ނަދުރެއް ބުނެފިނަމަ އެނަދުރެއް ފުއްދާ ހުށިކަމެވެ. އަދި އުރެދުމުގެ ނަދުރެއް ބުނެފިނަމަ އެނަދުރެއް ނުފުއްދާ ހުުށިކަމެވެ.“

މިތަނުގައި އުރެދުމުގެ ނަދުރޭ ބުނެވިފައި މިވާ ބަހުގެ މާނައަކީ ހަރާމް ކަމެއް ނުވަތަ އެދެވިގެން ނުވާފަދަ ކަމެއް ކުރުމައް ނަދުރު ބުނުމެވެ. މިސާލަކަށް މީހަަކު މަރާލުމައް ނަދުރު ބުނުން ފަދަ ކަންތައްތަ. މިފަދަ ނަދުރު ފުއްދާކަށް ނުޖެހޭނެއެވެ.

ކަމެއް ކުރުމަށް ނަދުރު ބުނުމަށްފަހު ދިމާވި ހާލަތަކާއި ހުރެ އެނަދުރެއް ނުފުއްދިއްޖެ ކަމައް ވަނީ ނަމަ ހުވާޔާ ޙިލާފުވުމުން ދޭން ޖެހޭ ކައްފާރާ ދޭން ޖެހޭނެއެވެ.

އިބްނު އައްބާސް ވިދާޅުވިކަމަށް ރިވާވެެގެން ވެއެވެ.

”من نذر نذرا لا يطيقه فكفارته كفارة اليمين“.

މާނައަކީ: ”ކުޅަދާނަ ކަން ލިބިގެން ނުވާފަދަ ކަމަށް ނަދުރު ބުނެ އެކަމެށް ނުކުރެވިއްޖެނަމަ ހުވަޔާ ޙިލާފް ވުމުން ދޭން ޖެހޭ ކައްފާރާ އެމީހެއްގެ މައްޗައް ލާޒިމަ ވެއްޖެއެވެ.

މާތްﷲ (سبحانه و تعالى) އުރެދުމެއްވާ ފަދަ ކަމެއްގައި ނަދުރެއް ބުނެފިނަމަ، އެނަދުރެއް ފުއްދާކަށް ނުޖެހޭނެއެވެ. އެެހެންނަމަވެސް އިސްވެބުނެވުނު ހުވާޔާ ޚިލާފުމުން ދޭން ޖެހޭ ކައްފާރާ އެމީހެއްގެ މައްޗަށް ލާޒިމް ވާނެއެވެ.

ސުވާލުގައި އައިސްފައިވާ ފަދައިން ރޯދަ ހިފުމަށް ނަދުރު ބުނެފި ކަމައް ވާނެ ނަމަ އެނަދުރެއް ފުއްދަންވާނެއެވެ.

އިތުރު މަައުލޫމާތު: ހުވަޔާ ޚިލާފް ވުމުން ދޭން ޖެހޭ ކައްފާރާ ތައް:

1. ދިހަ މިސްކީނުންނަށް ކާން ދިނުން. (ކޮންމެ މިސްކީނަކަށް އެރަށެއްގައި އާދަވެގެން ކައި އުޅޭ ބާވަތަކުން ދޮޅު ކިލޯ)، މިސާލަކައް އެރަށެއްގެ އަހުލުވެރިން އާންމުކޮއް ކައި އުޅެނީ ހަނޑޫ ކަމައް ވާނަމަ ހަނޑޫ ދިނުން. ހުސް ހަނޑޫ ދިނުމުގެ ބަދަލުގައި ކައްކާފައި މިސްކީނުން ބަނޑުފުރެންދެން ކާންދިން ކަމުގައިވީނަމަވެސް ފުދޭނެ އެވެ.

2. ކޮންމެ މިސްކީނަކައްވެސް ނަމާދު ސައްޙަ ވާވަރުގެ ހެދުމެއް ދިނުން.

3. މުއުމިން އަޅަކު މިނިވަން ކުރުން.

4. އިސްވެ ބަޔާން ކުރެވުނު ކަންތަކުން ކަމެއް ކުރުމައް ނުކުޅެދިއްގެ ކަމައް ވަނީ ނަމަ ވިދި ވިދިގެން ތިން ދުވަހު ރޯދަ ހިފުން. އެއްވެސް ދުވަހެއް މެދު ކެނޑިއްޖެ ނަމަ އަލުން ފަށަން ޖެހޭނެ އެވެ.

ޖުމްޙޫރު އިލްމުވެރިން ދެކިލައްވާ ގޮތުގައި މިސްކީނުންނައް ކާންދިނުމުގެ ބަދަލުގައި ނުވަތަ އައްނައުނު ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަކުން ކައްފާރާ އަކައް ނުފުދޭނެއެވެ. ސަބަބަކީ މާތް ﷲ (سبحانه و تعالى) އަންގަވާފައިވަނީ ކާންދިނުމަށް ނުވަތަ ހެދުން (އައްނައުނު) ދިނުމަށެވެ. އެތަކެތީގެ އަގައްވާ ފައިސާ ދިނުމަކަށް ނޫނެވެ.

-والله أعلم-

ޖަވާބު ދެއްވީ: ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް