الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އަމިއްލަ އަށް މަރުވުމަކީ ބޮޑުވެގެންވާ މުންކަރާތެކެވެ. އަދި އެއީ ބޮޑު ފާފައެއް ވެސް މެއެވެ. އެކަން އެގޮތަށް ކުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.

ސޫރަތުއް ނިސާގެ 29 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ. ( وَلَا تَقْتُلُوٓا۟ أَنفُسَكُمْ ۚ إِنَّ ٱللَّهَ كَانَ بِكُمْ رَحِيمًۭا ) މާނައަކީ: ”އަދި، ތިޔަބައިމީހުންގެ އަމިއްލަ نفسތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި الله ވޮޑިގެންވެއެވެ.“ ރަސޫލުالله ޞައްލަالله އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

حَدَّثَنَا أَبُو الْيَمَانِ، أَخْبَرَنَا شُعَيْبٌ، حَدَّثَنَا أَبُو الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ الَّذِي يَخْنُقُ نَفْسَهُ يَخْنُقُهَا فِي النَّارِ، وَالَّذِي يَطْعُنُهَا يَطْعُنُهَا فِي النَّارِ‏

ޟަޙީޙް އަލް ބުޙާރީ (1365) މާނައަކީ: ތިބާގެ ނަފްސު ދަގަނޑު އެއްޗަކުން (ވަޅިއެއް ފަދަ އެއްޗަކުން) ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް އެފަދަ އެއްޗަކުން އޭނާގެ ބަނޑަށް ހަރައިހަރައި (އޭނާ އޭނާގެ ނަފްސު ގަތުލު ކުރި ގޮތަކަށް) ހުންނާނެއެވެ. އަދި ކަރުގަ އެއްޗެއް އައްސައިގެން ތިބާގެ ނަފްސު ގަތުލު ކުރި މީހަކު ނަމަ އަބަދުގެ އަބަދަށް ޖަހަންނަމައިގެ އަލިފާނުގައި ހަމަ އެފަދައިން މަރުވެ ހުންނާނެއެވެ. އެހެންކަމުން، ދުނިޔެމަތީގައި ދަތިއުނދަގޫ ކަމެއް ދިމާވެއްޖެ މީހާ ކެތްތެރިވާން ވާނެއެވެ. އަވަސް އަރައިގަނެގެން މީހާގެ ނަފްސު ގަތުލު ކޮށްލައިގެން ނުވާނެއެވެ. އަދިކިއެއްތަ، އެފަދަ ކަންތަކުން ދުރުހެލިވެ ރައްކާތެރިވެ، ކެތްތެރިކަން އިސްކުރަންވާނެއެވެ. އަސްބާބުތަކުގައި ހިފަންވާނެއެވެ.

ސޫރަތުއްޠަލާގް ގެ 2 އަދި 3 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ.

وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًۭا (٢) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَـٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍۢ قَدْرًۭا (٣)

މާނައަކީ: ”އަދި الله އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއްދައްކަވާނެތެވެ. އަދި ހީވެސްނުކުރާ ފަދަގޮތްގޮތުން އެކަލާނގެއޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.“

އަމިއްލަ ނަފްސު ގަތުލު ކޮށްފިމީހާ الله ގެ ކޯފާ އާއި ޢަޛާބަށް ހުށަހެޅިގަންފިއެވެ. އެފަދަމީހަކު ވާހުށީ الله ގެ މަޝީއަތުގެ ދަށުގައެވެ. ސަބަބަކީ އަމިއްލަ ނަފްސު ގަތުލު ކުރުމަކީ ޝިރްކު ކުރުމާއި އެއްފަދަ ކަމެއް ނޫނެވެ.

ސޫރަތުއް ނިސާގެ 84 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ.

فَقَـٰتِلْ فِى سَبِيلِ ٱللَّهِ لَا تُكَلَّفُ إِلَّا نَفْسَكَ ۚ وَحَرِّضِ ٱلْمُؤْمِنِينَ ۖ عَسَى ٱللَّهُ أَن يَكُفَّ بَأْسَ ٱلَّذِينَ كَفَرُوا۟ ۚ وَٱللَّهُ أَشَدُّ بَأْسًۭا وَأَشَدُّ تَنكِيلًۭا (٨٤)

މާނައަކީ: “ ހަމަކަށަވަރުން، الله، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ)!“ ޝިރްކު ފިޔަވާ އެހެން ކޮންމެ ފާފަ އަކީ الله ގެ މަޝީއަތުގެ ދަށުގައިވާ ކަންތަކެވެ. ނަފްސު ގަތުލު ކުރުމަކީ ޝިރްކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ހަމައެފަދައިން، ޒިނޭ ކުރުމާއި، ވައްކަން ކުރުން، އަދި މަސްތުވާތަކެތި ބޭނުން ކުރުމަކީ ވެސް ޝިރްކު ކުރުމާއި އެއްފަދަ ކަމެއް ނޫނެވެ. އެފަދަ ފާފަތަކަށް އަރައިގަންނަ މީހުންވަނީ الله ގެ މަޝީއަތުގެ ދަށުގައެވެ. އެފަދަ ކުށެއް ކުރުން މަތީގައި ހުރެ މަރުވާ މީހާ ވަނީ الله ގެ މަޝީއަތުގެ ދަށުގައެވެ. الله އިރާދަ ކުރައްވައިފިނަމަ އެމީހަކު ކޮށްފައިވާ ޞާލިޙް ޢަމަލުތަކަށް ޓަކައި ފާފަ ފުއްސަވާ މާފް ކުރައްވައެވެ. ނޫންނަމަ، އެމީހަކު ކުރި ކުށަކަށް ވާވަރަށް ނަރަކާގައި ޢަޛާބު ދެއްވައެވެ. އެއަށްފަހު، ނަރަކައިން ނެރުއްވާނެތެވެ. އަހްލުއްސުންނާ ވަލްޖަމާޢަތުގެ ޢަގީދާ އަކީ ފާފަތަކުގެ އަހްލުވެރިން ނަރަކާގައި ދެމިނުހުރުމެވެ. ފާފަތަކުގެ އަހްލުވެރިން އެމީހުންގެ ފާފައަށްވާ ވަރަށް ނަރަކާގައި ޢަޛާބު ދެއްވުމަށްފަހު ސުވަރުގެ ވައްދަވާނެތެވެ. ނަރަކާގައި ދެމިތިބޭނެ ބަޔަކީ ޝިރްކު ކުރުން މަތީގައި ދެމިތިއްބާ މަރުވާ މީހުން އެކަންޏެވެ.

ވީމާ، އަމިއްލަ އަށް މަރުވާ މީހާ އަކީވެސް الله ގެ މަޝީއަތުގެ ދަށުގައިވާ މީހެކެވެ. الله އިރާދަ ކުރައްވައިފިނަމަ އޭނާ އަށް މާފު ދެއްވާނެތެވެ. ނޫންނަމަ، އޭނާ ކުރިކުށަށް ޢަޛާބު ދެއްވުމަށްފަހު ނަރަކައިން ނެރުއްވާ ސުވަރުގެ ވައްދަވާނެތެވެ. މިފަދަ މީހުންގެ މައްޗަށް ކަށުނަމާދު ކޮށް، ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް ހެދުމަކީ އެންމެ ރަގަޅު ކަމެކެވެ.

والله أعلم.

މަޝީއަތުގެ މާނައަކީ އިރާދަފުޅެވެ. الله އިރާދަ ކުރައްވައިފިނަމަ ފާފަ ފުއްސަވާނެތެވެ. ނޫންނަމަ ޢަޛާބު ދެއްވާނެތެވެ.

ޖަވާބު ދެއްވީ: ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް