لحمد لله, والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އިސްލާމްދީނުގައި އަންހެނުން ޒީނަތްތެރިކަމުގެ ގޮތުން ނޭފަތް ތޮރުފުމަކީ ހުއްދަކަމެކެވެ. ނަމަވެސް ހިލޭ ފިރިހެނުންނަށް ޒީނަތްތެރިކަން ފާޅުކުރުމުގެ ގޮތުން ހުއްދަ ނުވާނެއެވެ. ނޭފަތް ތޮރުފުމީ ކަންފަތް ތޮރުފުމާއި އެފަދަ ކަމެކެވެ. ޒީނަތްތެރިކަމުގެ މިފަދަ ކަންތައްތައް ބިނާވެގެންވަނީ އެބައެއްގެ އާދަ ކާދައަށެވެ.

އަންހެނުން ޒީނަތްތެރިކަމުގެ ގޮތުން ކަންފަތުގައިލާ މުދި ނުވަތަ ނޭފަތުގައިލާ މުދި ވުޟޫ ނުވަތަ ޝަރުޢީ ހިނެއުމަކުން ހިނައިގަންނައިރު ނެގުމަކީ ވާޖިބެއް ނޫނެވެ. އެހެނެއް ކަމަކު ނޭފަތް ނުވަތަ ކަންފަތުގެ ބޭރުފުށު ދޮވުމުން ފުދޭނެއެވެ. އެއީ މިދަންނަވާ ސަބަބު ތަކަކަށް ބިނާކޮށެވެ.

  1. ވުޟޫ ކުރާއިރު ނުވަތަ ހިނައިގަންނަ އިރު ވާޖިބުވެގެންވަނީ ނޭފަތުގެ ބޭރުފުށު ދޮންނާށެވެ. ނޭފަތުގެ އެތެރެ (ނޭފަތުގައި ތޮރުފާފައި ހުންނަ ތަނާއި އަދި މުދިލާފައި ހުންނަތަން) ދޮވުމަކީ ވާޖިބެއް ނޫނެވެ. އެހެންނަމަވެސް ވާޖިބު ވެގެންވަނީ ނޭފަތަށް ފެންލުމެވެ. އެހެންކަމުން ނޭފަތުގެ މުދި ނުނެގިޔަސް އަދި ހަރަކާތް ނުކުރިޔަސް ނޭފަތަށް ފެންލުން ހާސިލްވެވޭ ހުއްޓެވެ.
  2. ވުޟޫކުރާއިރު ކަންފަތުގައި ފެންލުން ވާޖިބުވެގެނެއް ނުވެއެވެ. އެހެންނަމަވެސް މުސްތަހައްބު ވެގެންވަނީ ކަންފަތުގައި ފެންފުހުމެވެ. ކަންފަތުގައި ފެންފޮހޭއިރު މުސްތަހައްބު ވެގެންވަނީ ދެއަތުގެ ޝަހާދަތް އިންގިލިން ދެކަންފަތުގެ އެތެރެފުށުގައި އަދި ދެއަތުގެ ބޮޑުވައި އިންގިލި ދެކަންފަތުގެ ބޭރުފުށު ފެންފުހުމެވެ. އެހެންކަމުން ކަންފަތު މުދި ނުނެގިޔަސް އަދި ހަރަކާތް ނުކުރިޔަސް ކަންފަތުގައި ފެންފުހުން ހާސިލްކުރެވޭ ހުއްޓެވެ. ފަރުޟު ހިނެއުމުގައި ކަންފަތްވެސް އެހެން ގުނަވަންތައް ދޮންނަ ފަދައިން ދޮންނާނީއެވެ.

والله أعلم

ޖަވާބު ދެއްވީ: ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް