ސުވާލު

އާއިލާއާއެކު ނުވަތަ ގޭގައި އުޅޭއިރު އައުރަ ނިވާކުރަން ޖެހޭނީ ކިހާވަރަކަށް އަދި ކޮންބައެއްގެ ކުރިމަތީގައިތޯ؟

ޖަވާބު

ފުރަތަމަ – ބައްޕަ، ބޭބެ، ކޮއްކޮ ނުވަތަ އެނޫންވެސް ކައިވެނި ހަރާމް މީހުންގެ ކުރިމަތީގައި އަންހެނުންގެ އައުރައަކީ ހަށިގަނޑުން ކޮންމެހެން ފާޅުވާ ހިސާބު ފިޔަވާ އެހެން ހުރިހާ ތަނެކެވެ. ހަށިގަނޑުން ކޮންމެހެން ފާޅުވާ ހިސާބަކީ ބޮލާއި، މޫނާއި ދެއަތުގެ އުޅަނބޮއްޓާއި ހަމައަށާއި، ކަރާއި، ކަނދުރާއާއި އަދި ދެފައިތިލައެވެ.

ނޫރު ސޫރަތުގައި ﷲ ތަޢާލާ ވަހީ ކުރައްވާފައިވެއެވެ.

(وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ‌ أُولِي الْإِرْ‌بَةِ مِنَ الرِّ‌جَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُ‌وا عَلَىٰ عَوْرَ‌اتِ النِّسَاءِ)

މާނައަކީ: ”އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިންގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ!“

މިއާޔަތުގައި މިވާ ”ޒީނަތު“ ގެ މުރާދަކީ އަނގޮޓި އަޅާ އިނގިލިތަކާއި، ތަނޑިގަނޑު އަޅާ އުޅަނބޮއްޓާއި، ކަންފަތުލާ އެތި ލާފައިވާ ކަންފަތާއި، ފަށް އަޅާ ކަރާއި، ގިގުނިފަތި އަޅުވާ ފައެވެ.

އަބޫ ބަކުރުލް ޖައްސާސް ރަހިމަހުﷲ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. ”މިއާޔަތުން ދޭހަވަނީ އަންހެން ކަނބަލުންގެ ފިރިންނަށާއި ބައްޕައިންނަށް އަދި އެނޫންވެސް އާޔަތުގައި ބަޔާންވެފައިވާ މީހުންނަށް އެކަނބަލުންގެ ޒީނަތްތެރިކަން ދެއްކިދާނެކަމެވެ. ވީމާ، އާޔަތުގައި ބަޔާންވެފައިވާ މީހުންނަށް އެތަންތަނަށް ބެލިދާނެއެވެ. މިއީ ބާޘިނީ ޒީނަތުގެ މަހައްލުތަކެވެ. އާޔަތުގެ ކުރީކޮޅުގައި ޒާހިރީ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ދެއްކުން ހުއްދަ ކުރެއްވިއެވެ. އަދި ފިރިމީހާއަށާއި އެނޫންވެސް މަހާހިރުންނަށް ބާޘިނީ ޒީނަތްތެރިކަމަށް ބެލުމުގެ ހުއްދަ ދެއްވިއެވެ. އިބްނު މަސްއޫދާއި ޒުބައިރުގެ ކިބައިން ރިވާވެގެންވެއެވެ. ބާޘިނީ ޒީނަތަކީ ކަންފަތުލާ އެއްޗާއި، ކަރުގައި އަޅާ ފަށާއި، އަތުގައި އަޅާ ތަނޑިގަނޑާއި، ފައިގާ އަޅާ ގިގުނި ފައްޗެވެ. ވީމާ އާޔަތުގެ އާއްމު މާނައަކީ އާޔަތުގައި ބަޔާން ކުރެވިފައިވާ މީހުންނަށް މިދެންނެވި ތަންތަން ބެލިދާނެކަމެވެ.“

އިމާމް ބަޣަވީ ރަހިމަހުﷲ ވިދާޅުވެފައިވެއެވެ. ”ﷲ ތަޢާލާގެ ވަހީ ބަސްފުޅު (وَلَا يُبْدِينَ زِينَتَهُنَّ) ގެ މާނައަކީ ކައިވެނި ހަރާމްވާ މީހަކަށް މެނުވީ އެކަނބަލުންގެ ޒީނަތްތެރިކަން ފާޅު ނުކުރާ ހުށިކަމެވެ. މިތަނުގައި މުރާދަކީ ފޮރުވިފައިވާ ޒީނަތްތެރި ކަމެވެ. ޒީނަތްތެރި ކަމުގައި ދެވައްތަރެއްވެއެވެ. ފޮރުވިފައިވާ ޒީނަތްތެރިކަމާއި ބޭރުފުށަށް ފެންނަ ޒީނަތްތެރިކަމެވެ. ފޮރުވިފައިވާ ޒީނަތްތެރި ކަމުގެ ތެރޭގައި އަނގޮޓިއާއި، ފައިގާ އަޅާ ގިގުނިފަށްޗާއި، އަތުގައި އަޅާ ތަނޑުގަނޑިއާއި، ކަންފަތުގައިލާ މުދިއާއި، ކަރުގައި އަޅާ ފަށް ހިމެނެއެވެ. މިތަކެތި ފާޅުކޮށް ހެދުން އެކަނބަލުންނަށް ހުއްދަވެގެން ނުވެއެވެ. އަދި މިތަކެއްޗަށް ބެލުން ހިލޭ މީހަކަށް ހުއްދަވެގެނެއްވެސް ނުވެއެވެ.“

 

ކައިވެނި ކަރާމް މަހްރަމުންވެސް ގާތް ވުމުގެ ގޮތުންނާއި ފިތުނައިން އަމާންވެފައި ވުމުގެ ގޮތުން ތަފާތުވާނެއެވެ. އެހެންކަމުން، އަންހެނަކު އޭނާގެ ބައްޕައަށް ނިވާކުރާ ވަރަށްވުރެ ދޮންދަރިއަކަށް ނިވާކުރާލެއް ބޮޑުވާނެއެވެ.

އިމާމް ޤުރުތުބީ ރަހިމަހުﷲ ވިދާޅުވެފައިވެއެވެ. ”މިއާޔަތުގައި ފުރަތަމަ ފައްޓަވާފައި ވަނީ ފިރިންގެ ވާހަކައިންނެވެ. އެއަށްފަހު ކައިވެނި ކައިވެނި ހަރާމް މީހުންގެ ވާހަކަތައް ގެންނަވާފައިވެއެވެ. އަދި ޒީނަތްތެރިކަން ފާޅުކުރުމުގައި އެބައި މީހުން ހަމަހަމަ ކުރެއްވިއެވެ. އެހެންނަމަވެސް، ފިތުނައިން އަމާންވުމާއި ގާތްކަމުގެ ގޮތުން އެބައިމީހުން ތަފާތުވާނެއެވެ. އެގޮތުން ދޮންދަރިޔަކަށް ޒީނަތްތެރިކަން ފާޅު ކުރުމަށްވުރެ ބައްޕަ ނުވަތަ ބޭބެ ނުވަތަ ކޮއްކޮއަށް ފާޅުކުރުން ރައްކާތެރިކަން ބޮޑެވެ. ވީމާ ދޮންދަރިޔަކަށް ޒީނަތްތެރިކަން ނުދައްކާ ވަރަށް މިބައި މީހުންނަށް ޒީނަތްތެރިކަން ދެއްކޭނެއެވެ“

ދެވަނަ – އަންހެނަކު އެހެން އަންހެނެއްގެ ކުރިމަތީގައި ނިވާކަން ކުރަން ޖެހޭ މިންވަރަކީ ފޫޅާއި ކަކުލާއި ދެމެދުކަމުގައި ފިޤްހުވެރިން ކަނޑަ އަޅުއްވާފައިވެއެވެ. އެއީ މަންމަ ނުވަތަ ދައްތަ ނުވަތަ ކޮއްކޮ ނުވަތަ ހިލޭ އަންހެނެއްގެ ކުރިމަތީގައި ނަމަވެސްއެވެ.

އެހެންކަމުން ބޭސްކުރުންފަދަ ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ އަންހެނަކަށް އެހެން އަންހެނެއްގެ ފޫޅާއި ކަކުލާއި ދެމެދުގެ ތަނެއް ބެލުން ހުއްދަ ވެގެންވެއެވެ. ނަމަވެސް މީގެ މާނައަކީ އަންހެން ޖަމާއަތެއްގެ ތެރޭގައި އުޅޭ އިރުގައި ފޫޅާއި ކަކުލާއި ދެމެދު ފިޔަވާ އެހެން ތަންތަން ނިވާ ނުކޮށް ތިބޭ ވާހަކައެއް ނޫނެވެ. މީގެ ނުބައި މާނަ ނަގައިގެން ނުވާނެއެވެ. އަންހެނުންގެ އައުރަ އަކީ ”ފޫޅާއި ކަކުލާއި ދެމެދޭ“ ބުނެވޭ ބަހުގެ މާނައަކީ އެނޫން އެއްވެސް ތަނެއް ނުފޮރުވާ ބެހެއްޓުމެއް ނޫނެވެ. މިއީ ބުއްދި ޤަބޫލު ކުރާނެ ކަމެއް ނޫނެވެ. އަދި ފިތުރަތުގެ ނިޒާމުގައިވެސް ހަމަޖެހޭ އުސޫލެއް ނޫނެވެ. އަދި ކިއެއްތަ، އަކަނބަލުންގެ ޖިންސުގެ އެހެން މީހުންގެ ކުރިމަތީގައި އަޅާފައި ހުންނަ ހެދުމުގައި އެކަނބަލުންގެ ލަދުވެތިކަމާއި ތަޤްވާވެރިކަން ދައްކުވައިދޭން ޖެހޭނެއެވެ.

އެހެންކަމުން، މަސައްކަތުގެ ވަގުތުގައި ކޮންމެގެން ފާޅުވެދާނެ ހިސާބު ކަމުގައިވާ ބޮލާއި، ދެއަތް އުޅަނބޮއްޓާއި ހަމައަށާއި، ދެފައި ފިޔަވާ އެހެން ތަނެއް ކަޝްފުކޮށްގެން ނުވާނެއެވެ.

والله أعلم

ޖަވާބު ދެއްވީ: ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް