ޓެކްނޮލޮޖީ އަކީ އޭގައި ވަރަށް ރަނގަޅު ފަރާތެއްވެފައި އަދި ހަމައެހެންމެ އޭގައި ވަރަށް ނުބައި ފަރާތެއްވެސްވާ އެއްޗެކެވެ. އެއްބައިމީހުން ޓިކްޓޮކްގެ ޒަރިއްޔާއިން ސުވަރުގެ ހާސިލްކުރަމުންދާއިރު އަނެއްބައި މީހުން ދަނީ އޭގެ ޒަރިއްޔާއިން ދަނީ ނަރަކަ ހާސިލް ކުރަމުންނެވެ. ކުޑަ ހިނދުކޮޅަކަށް ވިސްނާލަމާ ހިނގާށެވެ. ތިބާ މަރުވުމަށްފަހު މިދުނިޔެ މަތީގައި ތިބާ ކުޅަ ކޮންކަމެއްތޯ ދެމިގެންދިއުމަށް އެދެނީ؟ ތިބާޔަށް އެކަމުން ފައިދާ ކުރާނެ ޢަމަލެއްތޯ ނޫނީ އެކަމުން ދާއިމަށް ގެއްލުން ލިބެމުންދާ ޢަމަލެއްތޯ؟

އަޅުގަނޑުމެންނަށް މިހާރަކަށް އައިސް މިފެންނަމުންދާ މަންޒަރަކީ، މުޖުތަމައުގެ ޒުވާން އަންހެނުންނާއި ފިރިހެނުން، ވަކިން ހާއްސަކޮށް އަންހެނުން، އެމީހުންގެ ރީތިކަން އެހެންމީހުންނަށް ދައްކައިގެން އެކަމުގައި އުފަލާ މަޖާނަގާ މަންޒަރެވެ. އެއީ މިދެންނެވި ޓިކްޓޮކް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށެވެ. މިކަންތަކަކީ ރަސޫލުﷲ  ﷺ މާކުރިންވެސް ވާނޭ ކަންކަމުގައި އަންގަވާފައިވާ ކަންތައްތަކެވެ. އެކަލޭގެފާނުވަނީ، އަންހެނުން އެބައިމީހުންގެ ރީތިކަމާއި ހަށިގަނޑު އެހެންމީހުންނަށް ދެއްކުމަށް ފެންބޮވައިގަނެފައި ތިބޭނެ ދުވަސްވަރެއް އަންނާނެ ކަމަށް އިންޒާރުދީފައެވެ. އެމީހުންގެ ބޭނުމަކީ ކޮބައިތޯ؟ އެއީ އެހެންމީހުންގެ ސަމާލުކަން ހޯދުމެވެ. އެމީހުން ބޭނުންވާ ސަމާލުކަން ހޯދުމަށްޓަކައި ނިވާކަން ކުޑަ ހެދުން އަޅައި އޮރިޔާން ހާލުގައި ތިބެ ހަށިގަނޑު އެކިގޮތްގޮތަށް ތަޅުވާފަ ވީޑިއޯ ކުޅުމުން ބަލަންތިބޭ މީހުން އެކަމަށް އަތްޖަހާ ތަޢުރީފުކުރުމުން އެމީހުންގެ ބޭނުން ފުދިގެންދެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނެވެ! ނިކަން ވިސްނާލަބަލާށެވެ. ތިޔަ ކުޅޭ ވީޑިޔޯތައް ތިބާ މަރުވެގެން ދިޔަޔަސް އެތައް ޒަމާންތަކެއް ވަންދެން ދެމިގެންދާނެއެވެ. އޭރުން ތިބާވާނީ ތިބާގެ ރައްބުގެ ހަޛްރަތުގައެވެ! އެދުވަހަކުން ތިޔަ ކުޅުނު ވީޑިޔޯއިން ތިބާޔަށް ފައިދާއެއްވާނެތޯ؟ އަމިއްލަ ނަފްސާއި މިސުވާލު ކޮށްލަބާށެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ކަމަށް އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ؛

“ ހެދުން އަޅައިގެން އޮރިޔާން ހާލުގައި ތިބޭ އަންހެނުންނަށް ސުވަރުގެއެއް ނުވެއެވެ. އަދި އެބައިމީހުންނަށް އެތާނގެ ވަސްވެސް ޖެހޭނީ 500 އަހަރުގެ ދުރު ރާސްތާއަކުންނެވެ “ [ މުވައްތަ މާލިކް – ޙަދީޘް ފޮތް 48 – ޙަދީޘް 7 ]

ސުބްހާނަﷲ! ވަގުތު ފާއިތު ވުމުގެ ކުރިން މި އަމަލުތަކުން ދުރުވެ ހެޔޮމަގަށް ރުޖޫއަވާށެވެ. އަދި މިކަމަށް ތަރުހީބުދޭ މީހުންވެސް މި އެއްޗިހި ބެލުން ހުއްޓާލައި އެކަމަށްދެވޭ ހިތްވަރެއްގެ ގޮތުގައި ނުވާށެވެ. އެ ވީޑިޔޯ ކުޅޭ މީހާއާ އެއްވަރަށް އެކަމަށް ހިތްވަރުދޭ މީހާއަށްވެސް އަޒާބު ހުއްޓެވެ. ﷲ ތަޢާލާ އަޅަމެން އެންމެމަށްވެސް ތެދުމަގު ދައްކަވާށިއެވެ. އާމީން!

އާޓިކަލްގެ އަސްލު: މުފްތީ މެންކްގެ ދަރުހަކުން

ލިންކް: https://www.youtube.com/watch?v=oQJzFf8KK9o