ފިޤްޙްތަޢުޙީދުސުވާލާއި ޖަވާބު

ކަނާތް ފަރާތުގެ އަހުލުވެރިންނަކީ ކޮންބައެއް ބާއެވެ؟

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. ” وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ ﴿٢٧﴾ ” سورة الواقعة މާނަ: ” އަދި ކަނައަތް ފަރާތުގެ އަހުލުވެރިންނެވެ. ކަނައަތް ފަރާތުގެ އަހުލުވެރިންނަކީ ކޮންބައެއްބާއެވެ؟ “

ދުނިޔެއަކީ އިމްތިޙާނުގެގޮވައްޗެވެ. ދުނިޔޭގެ ދިރިއުޅުމުގައި އިންސާނުން ހިތްނޭދޭ އަދި އެކަމަކަށް އުއްމީދުނުކުރާ ކިތައްމެ މުޞީބާތްތަކާވެސް ކުރިމަތިލާންޖެހެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَ‌اتِ ۗ وَبَشِّرِ‌ الصَّابِرِ‌ينَ ﴿١٥٥﴾  ” سورة البقرة މާނަ: ”  ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާންކުރައްވާހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ! “ އަދިވެސް ވަޙީކުރައްވައެވެ. ” أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم ۖ مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّ‌اءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّ‌سُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ‌ اللَّـهِ … ﴿٢١٤﴾ ” سورة البقرة މާނަ: ” ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ ޙާލަތްތައް ތިޔަބައިމީހުންނާ ހަމަޔަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ޒަލްޒަލާތައް ކުރިމަތިވަމުން ދިޔައެވެ. ރަސޫލާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އީމާންވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. ﷲ ގެ ނަޞްރު އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟…. “

އެއަށްފަހު، ދުނިޔޭގެ ޙާޔާތް ނިމި، ދެން ދަތުރުކުރަން ޖެހެނީ އާޚިރަތު ދިރިއުޅުމަށެވެ. އެއީ މަރުވުމެއްނެއް ދާއިމީ ދިރިއުޅުމެކެވެ. އެއްބަޔަކު ނަރަކައިގައެވެ. ނަރަކައިން ސަލާމަތްވި އަޅުތަކުން ސުވަރުގޭގައެވެ. ދާއިމީ ގޮތެއްގައެވެ. މަރުވުމެއް ނެތެވެ.

އާދެ، އެއީ ޙިސާބުބެއްލެވުމުގެ ދުވަހެވެ. ﷲ ތަޢާލާގެ ހަޟްރަތުގައި ކޮޅަށް ހުންނަން ޖެހޭ ދުވަހެވެ. ދުނިޔޭގެ ދިރިއުޅުމުގެ މަދު ދުވަސްކޮޅު ހޭދަކުރެވުނު ގޮތާއިމެދު އެއްބަޔަކު އުފާކުރާނެއެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމުގެ މައްޗަށް ކެއްތެރިވެ، މީސްތަކުން ކޮށްފާނެ މަލާމާތަކާއި ފުރައްސާރައަށް ބެލުމެއްނެތި ދުނިޔެ ހޭދަކުރިމީސްތަކުންނަށް ކާމިޔާބު ލިބޭދުވަހެވެ. އާޚިރަތާއިމެދު ޣާފިލުކަމުގައި ދުނިޔޭގެ ދިރިއުޅުން ހޭދަކުރި މީހުން އެދުވަހު ހިތާމަކުރާނެއެވެ. އެއީ ޙަރާމެއްޙަލާލެއް ބެލުމެއްނެތި، ތިމާ ހިތްއެދޭ ކޮންމެ ކަމެއް ކުރުމުގެ މިނިންކަން ތިމާއަށް ލިބިގެންވާކަމަށް ބުނެ، ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ގޮންޖަހަމުން ދިޔަ މީސްތަކުންނަށް ހަލާކާއި ގެއްލުން ހުރިދުވަހެވެ. އެއީ އެބައިމީހުންނަށް ކުރިމަތިވި އިމްތިހާނުތަކުން ފާސްނުވި މިހުންނެވެ.

ކޮންމެ މީހަކަށްވެސް އެދުވަހުގައި، އެމީހަކު ކޮށްއުޅުނު ޢަމަލުތައް ލިޔެވިފައިވާ ފަތެއް ދެވޭނެއެވެ. ޢަމަލުގެ ފަތެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ މާނައިގައި ވެއެވެ. ” … އަދި ޤިޔާމަތްދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ ޙާލުގައިވަނިކޮށް، އޭނާ ދެކޭނެތެވެ.  ” سورة الإسراء13 ، އެހެން ބަސްފުޅެއްގެ މާނައިގައި ވެއެވެ. ” އަދި ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި ޢަމަލުތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ.  ” سورة الكهف49

އެފަތް ދެވޭނީ އަޅާގެ  ކަނާތްފަރާތުން ނުވަތަ ވައަތް ފަރާތުންނެވެ. ކަނައަތް ފަރާތުގެ އަހުލުވެރިންނަކީ ޤިޔަމާތްދުވަހުން އެމީހާގެ ކަނާތް ފަރާތުން ފަތްލިބޭމީހުންނެވެ. އެއީ ހަޤީޤީ ނަޞީބުވެރިންނެވެ.  އެބައިމީހުންނަށް ހުރި މަޤާމުގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ބަޔާންކޮށްދެއްވާފައި ވެއެވެ. ” وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ ﴿٢٧﴾ فِي سِدْرٍ‌ مَّخْضُودٍ ﴿٢٨﴾ وَطَلْحٍ مَّنضُودٍ ﴿٢٩﴾ وَظِلٍّ مَّمْدُودٍ ﴿٣٠﴾ وَمَاءٍ مَّسْكُوبٍ ﴿٣١﴾ وَفَاكِهَةٍ كَثِيرَ‌ةٍ ﴿٣٢﴾ لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ ﴿٣٣﴾ وَفُرُ‌شٍ مَّرْ‌فُوعَةٍ ﴿٣٤﴾ إِنَّا أَنشَأْنَاهُنَّ إِنشَاءً ﴿٣٥﴾ فَجَعَلْنَاهُنَّ أَبْكَارً‌ا ﴿٣٦﴾ عُرُ‌بًا أَتْرَ‌ابًا ﴿٣٧﴾ لِّأَصْحَابِ الْيَمِينِ ﴿٣٨﴾ ثُلَّةٌ مِّنَ الْأَوَّلِينَ ﴿٣٩﴾ وَثُلَّةٌ مِّنَ الْآخِرِ‌ينَ ﴿٤٠﴾ ” سورة الواقعة މާނަ: ” ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟  އެއުރެންވަނީ ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ. އަދި ފެތުރިގެންވާ ހިޔަލުގައެވެ. އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ. އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ.  ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ.  އަދި އުފުލިގެންވާ ދާންތަކެވެ. ހަމަކަށަވަރުން، އަލުން އާ އުފެއްދެވުމަކުން ތިމަންރަސްކަލާނގެ އެކަނބަލުން (އެބަހީ: ސުވަރުގޭގެ އަންހެނުން) އުފެއްދެވީމެވެ. ފަހެ، ބިކުރުވެރި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެކަނބަލުން ލެއްވީމެވެ. ފިރިންދެކެ ލޯބިވާ، އެއްފުރާގެ ބަޔަކު ކަމުގައެވެ. ކަނާތްފަރާތުގެ މީހުންނަށްޓަކައެވެ. އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ. އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ. “

سورة المدثر ގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” كُلُّ نَفْسٍ بِمَا كَسَبَتْ رَ‌هِينَةٌ ﴿٣٨﴾ إِلَّا أَصْحَابَ الْيَمِينِ ﴿٣٩﴾ فِي جَنَّاتٍ يَتَسَاءَلُونَ ﴿٤٠﴾ عَنِ الْمُجْرِ‌مِينَ ﴿٤١﴾ مَا سَلَكَكُمْ فِي سَقَرَ‌ ﴿٤٢﴾ قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ﴿٤٣﴾ ” މާނަ: ” ކޮންމެ نفس އެއް، އެ نفس އެއް ހޯދައިގަތްކަމަކުން ބަނދެވިގެންވެއެވެ. ކަނާތްފަރާތުގެ އަހުލުވެރިން މެނުވީއެވެ. އެއުރެންވަނީ ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ  ސުވާލުކުރާ ޙާލުގައެވެ. ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟ އެ ކުއްވެރިން ( ނަރަކައިގައި ތިބެ ) ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ. “

އެ މުޖުރިމުންނަކީ ދުނިޔެމަތީގައި ޞާލިޙު ޢަމަލުތައްކޮށް ނަމާދުޤާއިމުކޮށް އުޅުނު ހެޔޮލަފާ އަޅުންނަސް ފުރައްސާރަކޮށް މަލާމާތްކޮށް އުޅުނު މީސްތަކުންނެވެ. ” إِنَّ الَّذِينَ أَجْرَ‌مُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ ﴿٢٩﴾ وَإِذَا مَرُّ‌وا بِهِمْ يَتَغَامَزُونَ ﴿٣٠﴾ وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ ﴿٣١﴾ وَإِذَا رَ‌أَوْهُمْ قَالُوا إِنَّ هَـٰؤُلَاءِ لَضَالُّونَ  ” سورة المطففين މާނަ: ” ހަމަކަށަވަރުން، ކުށްވެރި، ފާފަވެރިން (ދުނިޔޭގައި) إيمان ވި މީހުންނާ ދިމާޔަށް (މަލާމާތުގެގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ. އަދި އެއުރެން އެ މުއުމިނުންގެ ކައިރިންދާހިނދު، ލޮލުގެ އިޝާރާތުން ފުރައްސާރަ ކުރެތެވެ. އަދި އެއުރެންގެ އަހުލުވެރިންގެގާތަށް އެނބުރިދާހިނދު، ހީނސަމާސާ ކުރަމުންދެއެވެ. އަދި އެއުރެން މުއުމިނުން ދެކޭހިނދު ބުނެތެވެ. ހަމަކަށަވަރުން، މިބައިމީހުންނީ، މަގު ގެއްލިފައިވާ ބަޔެއްކަން ކަށަވަރެވެ.  “

ކަނާތްފަރާތުގެ އަހުލުވެރިންނަކީ، ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމުގައާއި، އެއިލާހު ސުބްޙާނަހު ވަތަޢާލާ ނަހީކުރެއްވިކަންތައްތަކުން ދުރުހެލިވުމުގައި، ދުނިޔެމަތީގައި މީސްތަކުން ކުރާފުރައްސާރައާއި މަލާމާތައް ބެލުމެއްނެތި ﷲ ތަޢާލާ ރުހިވޮޑިގެންވާގޮތުގައި ދުނިޔޭގެ ދިރިއުޅުން ހޭދަކުރި މީހުންނެވެ.

ދުނިޔެމަތީގައި މުޖުރިމުންގެ ކިބައިން ލިބެމުންދާ ފުރައްސާރައާ އުނދަގޫތަކަށް އެބައިމީހުން ކެއްތެރިވިކަމަށްޓަކައި ﷲ ތަޢާލާ އޭގެ ބަދަލު ޤިޔާމަތްދުވަހުގައި ދެއްވައެވެ. ” فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ‌ يَضْحَكُونَ ﴿٣٤﴾ عَلَى الْأَرَ‌ائِكِ يَنظُرُ‌ونَ ﴿٣٥﴾ ” سورة المطففين މާނަ: ” ފަހެ، އީމާންވި މީހުން މިއަދު ކާފިރުންނާ ދިމާޔަށް ހޭނެތެވެ. )ސުވަރުގޭގައި) ދާންތަކުގެ މަތީގައި ބަލަބަލައި ތިބޭ ހާލުގައެވެ. “

 ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” وَأَمَّا إِن كَانَ مِنْ أَصْحَابِ الْيَمِينِ ﴿٩٠﴾ فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ ﴿٩١﴾ ” سورة الواقعة މާނަ: ” އަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!  ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ތެރެއިންވީކަމަށްޓަކައި ތިބާއަށް ސަލާމަތްކަމާއި އަމާންކަން ހުށްޓެވެ. “

މަސްދަރު: ދިސަލަފިއްޔާ

Leave a Reply

Your email address will not be published.