ރަމަޟާން މަސްސުވާލާއި ޖަވާބު

ލައިލަތުލް ޤަދްރީގެ ވަޤުތާއި އެރޭގެ ޢަލާމާތްތައް

ލައިލަތުލް ޤަދްރީގެ ވަގުތު:

ލައިލަތުލް ޤަދްރިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގައެވެ. ޝަފްޢު ރޭތަކަށްވުރެ (އެބަހީ: 22، 24، 26، 28، 30 ފަދަ ދޭކުން ގެއްލޭ ރޭތަކަށްވުރެ) ވިތުރި ރޭތަކުން (އެބަހީ: 21، 23، 25، 27، 29 ފަދަ ރޭތަކުން) ރެއެއް ލައިލަތުލް ޤަދްރި ކަމުގައިވުމަށް ގާތްކަން ބޮޑެވެ. މިއީ ޝާފިޢީ މަޛްހަބު، ޙަންބަލީ މަޛްހަބު އިޚްތިޔާރު ކުރައްވާ ގޮތެވެ. އަދި މާލިކީ މަޛްހަބުގައިވެސް އެފަދަ ބަސްފުޅެއް އައިސްފައިވެއެވެ. އަދި އިބްނު ތައިމިއްޔާ، އައްޞަންޢާނީ، އިބްނު ބާޒް އަދި އިބްނު އުޘައިމީން (رحمهم الله الجميع) އިޙްތިޔާރުކުރައްވަނީ މިގޮތެވެ.

– ލައިލަތުލް ޤަދްރިއަކީ އެއްރެއެއްގެ ގޮތުގައި ޘާބިތުވެ އޮންނަ ރެއެއް ހެއްޔެވެ؟ ނުވަތަ އެއީ ބަދަލުވާ ރެއެއް ހެއްޔެވެ؟ ( މިސާލަކަށް: މިދިޔަ އަހަރު 23 ވަނަ ރެއަށްވެފައި، މިއަހަރު 25 ވަނަ ރެއެއްވެފައި، އެގޮތަށް ބަދަލުވާ ރެއެއް ހެއްޔެވެ؟)

ލައިލަތުލް ޤަދްރިއަކީ ކޮންމެ އަހަރެއްގައި ވަކި ރެއެއްގެ ގޮތުގައި ކަނޑައެޅި ޘާބިތުވެގެންވާ ރެއެއް ނޫނެވެ.

(މިސާލު: ލައިލަތުލް ޤަދްރިއަކީ ކޮންމެ އަހަރެއްގައި 27 ވިލޭރޭ ކަމުގައިވުން ލާޒިމުވެގެން ނުވެއެވެ.) އަދި ކިއެއް ހެއްޔެވެ. އެރެއަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި ބަދަލުވާ ރެއެކެވެ. (މިސާލަކަށް: އެއް އަހަރު 25 ވަނަ ރެއަށްވެފައި، އަނެއް އަހަރު 27 ވަނަ ރެއަށްވެފައި، އެގޮތަށް ބަދަލުވާ ރެއެކެވެ.) މިއީ ޖުމްހޫރުންގެ މަޛްހަބެވެ. މިއީ މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީން އަދި ގިނަ ޢިލްމުވެރިންގެ މަޛްހަބެވެ. (رحمهم الله الجميع)

 

– ލައިލަތުލް ޤަދްރި ދެމިއޮތުން

ލައިލަތުލް ޤަދްރި އުފުލިގެން ނުވެއެވެ. އެރޭ ޤިޔާމަތާއި ހަމަޔަށް ދެމި އޮންނާނެއެވެ. (އެބަހީ: ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި އެރޭ އަންނާނެއެވެ.) މިކަމަށް އިމާމު ނަވަވީ (رحمه الله) އިޖްމާޢު ނަޤުލު ކުރައްވާފައިވެއެވެ.

 

– ލައިލަތުލް ޤަދްރީގެ ޢަލާމަތް

ލައިލަތުލް ޤަދްރީގެ ޢަލާމާތްތަކުގެ ތެރޭގައި އެދުވަހު ހެނދުނު އިރުއަރާއިރު އިރުގެ ދޯދިތައް ނުހުރުން ހިމެނެއެވެ. އިރު ހުންނާނީ ދޯދިނެތި ސާފުކޮންނެވެ.

)ނޯޓް: ބުއްދިވެރިއަކީ ލައިލަތުލް ޤަދްރި ޙާޞިލްކުރުމަށްޓަކައި ގަދައަޅާ މަސައްކަތްކުރާ އިންސާނާއެވެ.)

____________________

މަޞްދަރު: ملخص فقه العبادات (ص: 485 – 487)

މަސްދަރު: ދިސަލަފިއްޔާ

Leave a Reply

Your email address will not be published.