ކުޑަކުދިންވާހަކަ

ކުޑަކުދިންގެ ވާހަކަ: ހުކުރު ދުވަސް

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހަކީ އިބްރާހިމް  އެންމެ އުފާވާ ދުވަހެވެ. ސަބަބަކީ ހުކުރު ދުވަހު ގޭގައި ކުރާކަންތައްތައް އެހެން ދުވަސްތަކާ ތަފާތު ވީމައެވެ. ކޮންމެ ބުރާސްފަތި ވިލޭރެއެއްގައި އިބްރާހިމް ނިދަންއޮށޯންނަނީ ހުކުރުދުވަހު އިންތިޒާރުކުރަމުންނެވެ.

“ދަރިފުޅާ! ދަރިފުޅާ އިބްރާހީމޫ. އަވަހަށް ތެދުވޭ. ނަމާދުކޮށްލައިގެން ބައްޕަޔާއެކު ވަލަށް ދާން.” ރޯނުފުރިއެނދުގައި ނިދާފާއޮތް ކަތްދަގެ ދަރިފުޅު އިބުރާހީމް އަވަހަށް ހޭލެއްވުމަށްޓަކައި މަދިރިގެ ހިއްލާފައި ދެފަހަރަކަށް ގޮވާލިތަނާ އިބުރާހީމް ތެދުވެގެން ގޮސް ގިފިއްޔަށް ވަނެވެ.

އިބްރާހީމް ވަރަށް އަވަހަށް ވަޅުގައި އޮތް ދާނި ނަގައި ފެންވަރައިގެން ވުޟޫކޮށްލައިގެން ގިފިލިން ނިކުތެވެ.

އިބުރާހީމާއި އޭނަގެ ބައްޕަ ނަމާދަށް ގޮސްފައި އައިއިރު މަންމަ ހުރީ ނާސްތާ ތައްޔާރުކޮށްފައެވެ. ކާންތިބޭ ބޮޑުއަށިމަތީގައި ހުރީ ވަޅޯމަހާއި ދިވެހި ހަކުރާއި އުކުރާފައި ހުރި ކާއްޓެވެ. އިބުރާހީމާއި އޭނަގެ ބައްޕަ އާދަނު ރަނގަޅަށް ނާސްތާ ކުރިއެވެ. އިބުރާހީމް ދެން އިށީނީ ކިޔަވާށެވެ.

ހުކުރު ދުވަހަކީ ކިޔަވާ ގެއަށް ދާންޖެހޭ ދުވަހެއް ނޫނެވެ. އެހެންނަމަވެސް އިބްރާހީމް ކިޔަވާގޭ ދައްތަ ދީފައި ހުރި ފިލާވަޅުތައް ކިޔާލިއެވެ. ޚަތިމުންނާއި ދުރޫސުލް އަޚްލާގު ފޮތުން ފިލާވަޅު ފަރިތަކުރިއެވެ. އަދި ތާނަ ލިޔަން ދީފައި ހުރި ފޮޅުވަތްތައް ލިޔުނެވެ.

އިބްރާހީމް ކިޔަވާ ނިމުމުން ބޮޑުއަށި ދަށުގައި އޮތް ކަތިވަޅި ނަގައިގެން އާދަނު ދިޔައީ އޭނަ ގޮވައިގެން ވަލުތެރެއަށެވެ.

އިބްރާހީމުގެ ބައްޕަ އާދަނަކީ މަސްވެރިއެކެވެ. އެކަމަކު އާދަނު ހުކުރު ދުވަހު މަހަކަށް ނުދެއެވެ. އާދަނުގެ މަސައްކަތަކީ  އޭނަގެ ދަރިފުޅަށް ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމެވެ. އަދި ގޭގައި ކުރަން ޖެހިފައި ހުންނަ ތަފާތު މަސައްކަތް ކުރުމެވެ. ފުޅަލިއާކުރަން ވެފައި ހުރި ތަންތަނުގައި އާފުޅަލި ލުންފަދަ ތަފާތު މަސައްކަތް ކުރެއެވެ. އިބްރާހީމްގެ ޢުމުރަކީ އަދި އެންމެ އެގާރަ އަހަރު ކަމުގައިވިޔަސް މަސައްކަތުގައި އޭނަ ވަރަށް ހުޝިޔާރެވެ.

އެހެންދުވަސްތަކެކޭ އެއްފަދައިން މިއަދު ވެސް ވަލުތެރޭގައި ތަފާތު މަސައްކަތް އޮތެވެ. ދަރުހޮވުމާއި ފަން އެއްކުރުމެވެ. އެންމެ ފަހުކަމަކަށް އޮތީ ފަން ކިރިއްސުމެވެ. އާދަނު ފަންވަތް ކިރިއްސާނިމުނީމަ އިބުރާހީމް އެއްބޮނޑިއަކަށް އަޅާ ބަނދެލިއެވެ.

މި މަސައްކަތް ކޮށް ނިމޭއިރު އިބްރާހިމްގެ ދެބަފައިން ތިބެނީ ދާހިއްލާ ފޯވެފައެވެ. އަދި ދާހިއްލާ ހޫނުކަން ގަދަވާން ފެށުމުން ދެބަފައިން މޫދަށްގޮސް ފެންވެރުމަކީ އާދައެކެވެ. މިއީ އިބްރާހީމް އެންމެ ގަޔާވާ އެއްކަމެވެ. އަދި މޫދުގައި ފަތައި،ފީނައި އުޅުމަށް ފަހު އެއްގަމަށް އަރާ ހޮވި ދަރުތަކާއި ފަންބޮނޑިތައް ބަނދެ ދެބަފައިން ކޮނޑަށްލައިގެން ގެންދަނީ ގެއަށެވެ. ގެއަށް ގޮސް ވަރުބަލި ފިލުވާލައިގެން އިބްރާހީމް ހުކުރަށް ދާން ތައްޔާރު ވެއެވެ.

އިބްރާހީމްގެ ދެބަފައިން ވަލަށްގޮސްފައި އަންނައިރު އޭނަގެ މަންމަގޭތެރޭގައި ކުރަންޖެހޭ ހުރިހާކަމެއް ކުރެއެވެ. ގޯއްޗާއި މަގުމަތީން ކުނިކަހައެވެ. ބަދިގެ އެތެރެ ފުއްޑަނާއެކު ސާފުކުރެއެވެ. މި މަސައްކަތުގައި އުޅެމުން މެންދުރަށް ކެއްކުމުގެ ކަންތައްވެސް ކުރިއަށް ގެންދެއެވެ.

މިއަދު އިބްރާހިމްގެ ދެބަފައިން ގެއަށް އައި އިރު އިބްރާހީމުގެ މަންމަ ކަތްދަ ކެއްކުމުގެ މަސައްކަތާ ނުއުޅޭތީ އާދަނު ސުވާލު ކުރިއެވެ.

“މިއަދު ކާއެއްޗެއް ރޯފިލުވަން އުޅޭހެނެއް ހިޔެއް ނުވޭ. އަނެއްކާ މާ ބޮޑަށް ވަރުބަލި ވީ ހެއްޔެވެ.؟”

“ނޫނޭ. މިއަދު ކަތީބުގޭ އާ ދޯންޏެއް ބާލާތީ ވަރަށް ބޮޑު ކެއުމެއް އެބައޮތް. ހުކުރުން ފައިބައިގެން ތިޔަ ދެބަފައިންވެސް އެގެއަށް ދިއުމަށް ދަޢުވަތު ދެއްވާފައި އޮތީ.  އާދަނު އައިމަ މިވާހަކަ ބުނެލާފައި އެގެއަށް އެހީތެރިވެދޭން ދާންކަމަށް މިއުޅެނީ.”  ކަތްދަ ލިބާހުގެ އަތުކުރި ރަނގަޅު ކުރަމުން ބުންޏެވެ.

“އާނ. އަވަހަށްދޭ. މީހުންނަށް އަބަދުވެސް އެހީތެރިވެދޭން ވާނެ”. ކަތްދައަށް ހިތްވަރު ދިނުމުގެ ގޮތުން އާދަނު ބުންޏެވެ.

“މިދަނީ….. ބޮޑުފޮށިތެރޭގައި ހުންނާނެ ދެބަފައިން ހުކުރަށްދާ ހެދުން. މޭޒުމަތީގައި ކާށިތެޔޮފުޅިވެސް ހުންނާނެ.” މިހެންބުނެ ހިނގައިގަތެވެ.

އިބްރާހީމާއި އޭނަގެ ބައްޕަ ފެންވަރައިގެން ބޮލުގައި އާއި އަތުގައި ކާށިތެޔޮ އުނގުޅިއެވެ. އަދި ގޮޅިޖެހި މުންޑު އަނދެ ހުދު ގަންޖުފަރާސް ލައިގެން ބޮލުގައި ހުދު ތާކިހަލެއް އަޅައިގެން ހުކުރަށް ދިޔައެވެ.

ހުކުރުން ފައިބައިގެން ދިޔައީ ކަތީބުގެއަށެވެ. އެގޭގައި ބާވަތް ބާވަތުގެ ކެއުން ހުއްޓެވެ. ހުރިހާ އެންމެން ކައި ނިމިގެން އެކިއެކި ވާހަކަ ދެއްކުމަށްފަހު ހިނގައިގަތްތަނާ ކަތީބު އިބްރާހިމްގެ ދެބަފައިން މަޑުކުރުވިއެވެ.

އަދި ވަރަށް މުހިއްމު ވާހަކައެއް އެބައޮތްކަމަށް ބުންޏެވެ. އާދަނު ހިތަށް އެރިއެވެ. އަނެއްކާ ދައްކަން މި އުޅެނީ ކޮންކަހަލަ ވާހަކައެއް ބާވައެވެ. އަނެއްކާ ކުށެއް ކުރެވުނީ ބާވައެވެ. އެ ދުވަސްވަރަކީ ރަށުގެ ކަތީބު ދެކެ މީހުން ވަރަށް ޖެހިލުންވެ އަދި އެހާ ޤަދަރުވެސް ކުރާ ދުވަސްވަރެކެވެ.

މި ޚިޔާލުތަކެއްގައި އިންދާ އިބްރާހިމްގެ މަންމައަށްވެސް ގޮވާ ގެނެސް އެތާ އިށީންނަން ކަތީބު ބުނުއްވިއެވެ. އަދި ވާހަކަ ފެއްޓެވިއެވެ. “މިގޭ އާ ދޯނީގެ ކެޔޮޅަކަށް އިބްރާހިމް ހަމަޖައްސައިފިން. އަދި އިބްރާހިމަށް އެ މަސައްކަތް ކުރެވޭ ވަރު ވަންދެން އެކަން ބަލަހައްޓާނީ އާދަނު. އަހަރެން އިބްރާހީމާއި މި މަސައްކަތް ޙަވާލު ކުރަން ނިންމީ، އަހަރެން ބަލާހޯދާލި އިރު އެ އުމުރުފުރާގައި އެންމެ މަސައްކަތްތެރި، އެންމެ ކިޔަވަން މަސައްކަތްކުރާ އަދި ބަސްއަހާ ކުއްޖަކީ އިބްރާހިމް ކަމުގައި ވީތީ.”

މިވާހަކަ އަޑު އިވުމުން ތިންމައިން އުފަލުން ފޮޅުނެވެ. ސަބަބަކީ އެދުވަސްވަރަކީ ފަސޭހައިން ލާރި ލިބޭނެ ގޮތްތައް މަދު ދުވަސްވަރަކަށް ވާތީ އެވެ. އަމުދުން ކަތީބުގެ ދޯނިން މަހަށްދާން ލިބޭ ފުރުސަތަކީ ރަނުގެ ފުރުސަތަކަށް ވާތީއެވެ. އާދަނު ކަތީބަށް ފަށްފަށުން ޝުކުރު އަދާކުރިއެވެ.

އަދި އާދަނުގެ ޢާއިލާ ކަތީބަށް ހެޔޮދުޢާކުރަމުން އެގެއިން ނިކުތެވެ. މަންމަ އިބްރާހީމުގެ ބުރަކަށީގައި ފިރުމާލާފާ ބުންޏެވެ. “އެއީ ދަރިފުޅުގެ ރަނގަޅު ކަމުން ލިބުނު ފުރުސަތެއް.” މިހެން ބުނެ ކަތްދަ ހިނގައިގަތީ ގެއަށް ދާށެވެ. އާދަނާ އިބްރާހީމް ދިޔައީ ކުރިއަށެވެ. އެހެން ހުކުރު ދުވަސްތަކެކޭ އެއްފަދައިން ތިމާގެ ގޭގެއަށް ޒިޔާރަތް ކުރުމަށެވެ. މިއީ ހުކުރުދުވަސްތަކުގެ އާދައެވެ. ހުރިހާ ހުކުރުދުވަހެއްގައިވެސް އިބްރާހީމަށް އުފާވެރިކަން ލިއްބައި ދެއެވެ. ވަކިން ޚާއްސަކޮށް މިހުކުރަކީ އިބްރާހީމްގެ ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. މިއީ އިބްރާހީމްގެ މުޅި އާއިލާއަށްވެސް އެތައް އުފަލެއް ލިބިގެން ދިޔަ ދުވަހެކެވެ.

ނޯޓް: ކޮއްކޮމެންނޭ! ކޮއްކޮމެންގެ ކާފައިންނާއިމާމައިން ކުޑައިރު ރާއްޖޭގެ ގިނަ ރަށްތަކުގެ ދިރިއުޅުމުގެ ޙާލަތު އޮތީ މިކަހަލަގޮތަކަށެވެ. ވާހަކަ ކިޔާނިމުނީމައި އެ ދުވަސްވަރާއި މިޒަމާނުގެ ދިރިއުޅުމުގެ ތަފާތާއިމެދު، އާއިލާ މީހަކާ ސުވާލުކޮށްލާށެވެ. އޭރުން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

މަސްދަރު: ދިސަލަފިއްޔާ

Leave a Reply

Your email address will not be published.