ރަމަޟާން މަސް

ދުވާލުގެ ވަޤުތުތައް ދިގު ގައުމުތަކުގެ ރޯދަހިފާނީ ކީހިނެއް؟

الحمد لله رب العالمين. والصلاة والسلام على محمد و آله و صحبه أجمعين. آمين.
އިސްލާމްދީނަކީ ﷲ ސުބުހާނަހޫ ވަތަޢާލާ މީސްތަކުން އުޅޭނެ ގޮތް ބަޔާންކޮށްދެއްވާފައިވާ ވަރަށްވެސް ފަސޭހަ ދީނެކެވެ. އެގޮތުން އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން އިސްލާމްދީން ދަށްކޮށްލާނަމޭ ހިތާ ގެންނަ އެއްމައްސަލައަކީ އިރު ނުއޮއްސޭ ގައުމުތަކާއި އަދި އަބަދު ރޭގަނޑުވާ ޤައުމުތައް ހުންނަ އިރު، އިރު އެރުމާއި އިރުއޮއްސުމުގެ މައްޗަށް ކުރަން ޖެހޭ އަޅުކަންތައް މިދީނުގައި ހުރުމެވެ. އެބައިމީހުން ހީކުރަނީ މިއީ އެހެންވާކަން ނޭނގިގެން އައިސްފައިވާ ގޮތެއް ކަމަށެވެ. ނަމަވެސް އެއީ ޢާންމު ޙުކުމެކެވެ.

 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުގައިވަނީ އިރު ނުއޮއްސޭނަމަ ނުވަތަ މުޅިން ރޭގަނޑު ވެއްޖެނަމަ ހަދާނެ ގޮތްވެސް ބަޔާންކޮށްދެއްވާފައެވެ. އެއީ މަޝްހޫރު ދައްޖާލާ ބެހޭ ޙަދީޘެއްގައެވެ. އެކަލޭގެފާނު އެއްދުވަހު ދައްޖާލަ ބެހޭގޮތުން ޚަބަރު ދެއްވުމުން ޞަޙާބީ ބޭކަލުން ދެންނެވިއެވެ. ދައްޖާލު ބިންމަތީގައި ހޭދަކުރާނީ ކިތައް ދުވަހު ހެއްޔެވެ؟ އެހިނދު ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ( أَرْبَعُونَ يَوْمًا يَوْمٌ كَسَنَةٍ وَيَوْمٌ كَشَهْرٍ وَيَوْمٌ كَجُمُعَةٍ وَسَائِرُ أَيَّامِهِ كَأَيَّامِكُمْ ) ‏މާނައީ: ”ސާޅީސް ދުވަހެވެ. އެއްދުވަސް (ދިގުމިނުގައި) އަހަރެއްފަދައެވެ. އަދި އަނެއްދުވަސް (ދިގުމިނުގައި) މަހެއްފަދައެވެ.އަނެއްދުވަސް ހަފުތާއެއް ފަދައެވެ. އަނެއްދުވަސްތައް ތިޔަބައިމީހުންގެ ދުވަސްތަކާއި އެއްފަދައިންނެވެ.“ ދެން ޞަޙާބީ ބޭކަލުން ދެންނެވިއެވެ. (އަހަރެއްހާ ދިގު) އެއްދުވަހުގައި ފަސްނަމާދުކުރުމުން ފުދޭނެހެއްޔެވެ؟“ އެހިނދު ނަބިއްޔާ ޙަދީޘްކުރެއްވީ ނުފުދޭނެ ކަމަށާއި އަދި އެދުވަސްތަކުގައި ދުވަސްތަކަށް ނަމާދުތައް ޖެހޭ މިންވަރަށް ބަލައިގެން ނަމާދުތައް ކުރުމަށެވެ. (މާނައަކީ ކޮންމެ ދުވަހަކަށް ކުރަން ޖެހޭ ނަމާދުތައް އާންމުކޮށް އޮންނަ ދުވަސްތަކުގައި ވާގޮތަށް ކުރާށެވެ.) (ރިވާކުރެއްވީ ޞަޙީޙް މުސްލިމްގައި: ޙަދީޘް ނަމްބަރު: 4321) 

ދުވާލު ދިގުވެއްޖެނަމަ ނުވަތަ ރޭގަނޑު ދިގުވެއްޖެނަމަ ޢިލްމުވެރިން އެކަމުގައި އިރުއޮއްސުމާއި އިރުއެރުމުގެ މައްޗަށް ހުރި އަޅުކަންތަކުގެ ފިޤުނު ނަންގަވާ ޙަދީޘަކީ މިއެވެ. އެހެންކަމުން އެފަދައިން ކަންތައް ވެއްޖެނަމަ ކަންތައްކުރާނޭ ގޮތް އިސްލާމްދީނަކު އޮޅިފައެއްނެތެވެ. އެގޮތުން މި ލިޔުމުގައި އަޅުގަނޑު މި ފާހަގަކޮށްލަނީ އެގޮތަށް ދުވާލު އާދަޔާ ޚިލާފަށް ދިގުވާ ކަމުގައިވާނަމަ ކަންތައް ކުރަން ޖެހޭނެގޮތެވެ. 

 އެގޮތުން ދުވާލުގެ ވަޤުތު ދިގުވުން ހިމެނެނީ ދެ ޙާލަތަކަށެވެ.
 ޙ. އެއީ އެއްގޮތަކަށްވެސް އިރު ނާރާ ނުވަތަ އިރު ނުއޮއްސި ދިގުވުން.
 ށ. ދުވާލުގެ 24 ގަޑި އިރު ތެރޭ ދުވާލު ނުވަތަ ރޭގަނޑު ދިގުވެގެން ދިޔުން. 

ފުރަތަމަ ގޮތް: 
މިގޮތުން ފުރަތަމަ ގޮތުގައި ދުވާލާއި ރޭގަނޑު 24 ގަޑި އިރު ހަމަނުޖެހި މުޅިން ރޭގަނޑުގެ ގޮތުގައި ނުވަތަ މުޅިން ދުވާލުގެ ގޮތުގައި ގިނަ މުއްދަތަކަށް އޮންނަ ކަމުގައިވާނަމަ ހަދަންޖެހޭ ގޮތަކީ ޖޯގްރަފީގޮތުން އެންމެ ކައިރި 24 ގަޑި އިރުގައި ދުވާލާއި ރޭގަނޑު ވަކިވާ ޤައުމަކަށް ތަބާވާނީއެވެ. މާނައަކީ ނަމާދު ކުރުމާއި ރޯދަ ހިފުމުގައި އެންމެ ކައިރީގައިވާ ޤައުމެއްގެ ނަމާދު ވަޤުތުތަކަށް ތަބާވާނީއެވެ. އަދި ރޯދަ ހިފުމުގައި ކަންކުރާނީ އެފަދައިންނެވެ. ( ބައެއް ޢިލްމުވެރިން ދުވާލާ ރޭގަނޑަށް 12 ގަޑިއިރަށް ބަހާށާއި އަދި މައްކާ މަދީނާގެ ގަޑިއަށް ބެލުމަށްވެސް ވިދާޅުވެއެވެ. ނަމަވެސް އެންމެ ޞައްޙަ ބަހަކީ މަތީގައިވާ ގޮތަށް ޖޯގްރަފީގޮތުން އެންމެ ކައިރި ގައުމަކަށް ބެލުމެވެ)

ދެވަނަ ގޮތް: 
ދެވަނަ ގޮތަކީ ދުވާލު ހޫނު މޫސުގައި ދިގުވެ ރޭގަނޑު ކުރުވުމެވެ. ނުވަތަ ރޭގަނޑު ވަރަށް ދިގުވެ ދުވާލުކުރުވުމެވެ. މިހާލަތުގައި ނަމާދު ވަޤުތާއި ރޯދަ ބަލާނީ އިރު އޮއްސުމުގެ މައްޗަށެވެ. މި ޙާލަތުގައި އެހެން ޤައުމެއްގެ ވަޤުތަށް ބެލުން ހުއްދަވެގެން ނުވެއެވެ. އެގޮތުން ރޯދަ ހިފަން ދުވާލުކުރުވެއްޖެނަމަ ވަރަށް ފަސޭހަވާނެއެވެ. ނަމަވެސް 20 ގަޑި އިރު، 22 ގަޑި އިރު މިހެންގޮސް އާދަޔާ ޚިލާފަށް ދުވާލު ދިގުވެއްޖެނަމަ ހަދާނެ ގޮތަކީ އެމީހަކަށް ހިފުމުގެ ކުޅަދާނަކަން ހުރިނަމަ ހިފާނީއެވެ. ނަމަވެސް އެމީހެއްގެ އަމިއްލަ ހަށިގަނޑަށް ގެއްލުންވެ ބަލިވެދާނެކަމަށް ފެންނަ ނަމަ ރޯދަ ދޫކޮށްލައި، ފަހުން އެހެން ދުވަސްތަކެއްގައި ދުވާލުކުރުވުމުން އަލުން ހިފާނީއެވެ. 
ރޯދަޔާ ބެހޭ އާޔަތުގައި ﷲ ވަހީކުރައްވާފައިވެއެވެ. (يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ ) سورة البقرة: 185 
މާނައީ: ﷲ ތިޔަބައިމީހުންގެ މައްޗަށް ބޭނުންވެ ވޮޑިގަންނަވަނީ ފަސޭހަ ގޮތެވެ. އަދި ތިޔަބައިމީހުންގެ ދަތިއުނދަގޫގޮތް ބޭނުންވެ ވޮޑިނުގަންނަވައެވެ. ޚުލާޞާ: ”އެތަނެއްގައި 24 ގަޑިއިރު ރޭދުވާ ބަދަލުވާ ތަނެއްގައި ދުވާލު ދިގުވިޔަސް ރޯދަހިފުން ލާޒިމުވެގެންވެއެވެ. 

އެއީ އެމީހަކަށް އެކަން ނުއުފެލޭ މިންވަރަށް އުނދަގޫ ވެއްޖެނަމަ އަދި އެކަމުން ގެއްލުންވެދާނެކަމަށް ނުވަތަ ބައްޔެއް ވެދާނެކަމަސް ބިރުހީވެއްޖެނަމަ މެނުވީއެވެ. (އޭރަށް ހިފާކަށް ނުޖެހޭނެއެވެ.) އެފަދަ މީހެއްގެ މައްޗަށް ވަނީ ރޯދަނުހިފާ، ދުވާލުގެ ވަޤުތުތައް ކުރު ދުވަސްތަކަކުން އަލުން ރޯދަހިފުމަސް ލަސްކޮށްލުމެވެ.“ އައްލާމާ އިބުނު ޢުޘައިމީން ރަޙިމަހިﷲ ވިދާޅުވިއެވެ.

މަތީގައި އެވަނީ މިކަމާ ގުޅޭ ގޮތުން ޢައްލާމާ އިބުނު ޢުޘައިމީން ރަޙިމަހުﷲގެ ބަސްފުޅުގެ މައްޗަށް ލިޔެވިފައިވާ ލިޔުމެކެވެ. އަދި މިލިޔުމުގައި ދީނާ މެދު ޝައްކު އުފެއްދުމަށް ލިޔަމުންދާ މުލްޙިދުންނާއި ޒިންދީޤުން ގެންނަމުންދާ ޝުބުހަޔަކަށްވެސް އެވަނީ އަލިއަޅުވާލެވި ރައްދުދެވިފައެވެ. ހިތާމައަކީ ރާއްޖޭގައި މިފަދަ ވާހަކަތައް ފަތުރައި ދީނާއި މެދު މީހުންގެ މެދުގައި ޝައްކު އުފައްދަން ބަޔަކު އެކި ގޮތްގޮތަށް މަސައްކަތްކުރަމުންދާ ކަމެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެން ހުރިހާ އެންމެންގެ ފާފަ ފުއްސަވައި ހެޔޮ ރަޙުމަތް ލައްވައި އަދި ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާށިއެވެ.

 وصلى الله وسلم على محمد و آله وصحبه أجمعين. آمين.

Leave a Reply

Your email address will not be published.