ރަމަޟާން މަސް

ރަމަޟާން މަހަށް މަރުޙަބާ

الحمد لله رب العالمين و الصلاة و السلام على أشرف الأنبياء و المرسلين. أما بعد.

ރަމަޟާން މަހަކީ އެމަހެއްގައި ރޯދަހިފުން ފަރުޟުކުރައްވައި އެމަހެއްގައި ޤުރުއާން ބާވާލައްވައި އެމަހެއްގައި އެއްހާސް ރޭގެ ދަރުމައާއި ޘަވާބު ހިމެނިގެންވާ މަތިވެރިވެގެންވާ ލައިލަތުލް ޤަދުރި ވިލޭރޭ ވާ މައްސަރެވެ. އެމަހަކީ މުސްލިމުންނަށް އަންނަ ރަޙުމަތުގެ މައްސަރެކެވެ. ތަޤުވާގެ މައްސަރެކެވެ. އެމަހުގެ ހެޔޮކަމުން މަޙުރޫމު ވެއްޖެ މީހާ ބޮޑުވެގެންވާ ނަސީބަކުން މަޙުރޫމުވެއްޖެއެވެ. ފަހެ އެމަހުގެ ހެޔޮނަސީބު ލިބިގެންފިމީހަކަށް ލިބުނު ބޮޑު ހެޔޮ ނަޞީބެއްގެ ބޮޑުކަމާއެވެ. އޭ އަޚާއެވެ. ރަމަޟާން މަހަށް މަރުޙަބާއެވެ.

 

އެމަހަކީ އެމަހެއްގައި އިސްލާމްދީނުގެ މަތިވެރި ދިދަ އުފުލާލި މަތިވެރި މައްސަރެވެ. އެމަހުގައި މާތްނަބިއްޔާ صلى الله عليه وسلم އިސްލާމްދީނަށް ނުހަނު ގިނަ ނަޞްރުތައް ހޯއްދެވިއެވެ. އެގޮތުން ބަދުރު ހަނގުރާމައިގައި މުސްލިމުންގެ މަދު ޞަޙާބީ ބޭކަލުން ކޮޅަކާއި އެކު ގޮސް މުޝްރިކުންގެ ބޮޑު ލަޝްކަރެއް ބަލިކުރެއްވެވިއެވެ. އަދި މައްކާފަތަޙަކުރެއްވެވީވެސް މިމަތިވެރިވެގެންވާ ބަރަކާތްތެރި މައްސަރުގައެވެ.

ވީމާ މިމަހުގެ މަތިވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތްކުރައްވަން ކަމަރު ބަންނަވާށެވެ. މިރަމަޟާން މަހުގެ ފުލައިޓަށް ތިބޭފުޅާ އަރާވަޑައިގަންނަވަން ވާނީ ދަތުރު ރަނގަޅަސް ތައްޔާރުކުރައްވައިގެންނެވެ. ދަތުރުގެ މިޞްރާބު ހުންނަންވާނީ ﷲގެ ރަޙުމަތާއި އަދި ފާފަފުއްސެވުން ލިބިގަތުމަށެވެ. އަދި ދަތުރުމަތީގައި އެންމެހާ ފާފަތަކާއި ބޭކާރުކަންކަމުން ދުރުވެ ހެޔޮޢަމަލުތައް ގިނަކުރައްވަން ވާނެއެވެ. މި ދަތުރުގެ ކެޕްޓަނެއްކަމުގައި ޤުރުއާން ހައްދަވާށެވެ. އަދި ދަތުރުކުރައްވާއިރު ބަންނަވާ ކަމަރަކީ ތަޤުވާކަމުގައި ހައްދަވާށެވެ. އޭރުން އިންޝާﷲ ރަމަޟާންމަހުގެ ފައިދާ ލިބުންވާނީ ދުރެއްގައެއްނޫނެވެ.

ދުޢާއަކީ އަޅުގަނޑާއި ތިއެންމެހާ ބޭފުޅުންނަކީ ރަމަޟާންމަހުގެފައިދާ ލިބިގަންނަ ބައެއްކަމުގައި ލެއްވުމެވެ. އަދި މިމަހުގެ މަތިވެރިކަމާއި ހެޔޮކަން ލިބިގަންނަ މިމައްސަރު އިހުޔާކުރާ ބައެއްކަމުގައި ލެއްވުމެވެ.

اللَّهمَّ أعِنِّي على ذِكرِك وشُكرِك وحُسنِ عبادتِك
وصلى الله وسلم على محمد و آله وصحبه أجمعين.

Leave a Reply

Your email address will not be published.