ވާހަކަ

ޙަޤީޤީ ޙާދިޘާ: ﷲއަށް ކިޔަމަންތެރިވި ޒުވާނެއްގެ ނިމުން އައިގޮތް

މިއީ ފަތިސް ނަމާދުގެ ބަންގިއަށްފަހު ނަމާދުފެށެންދެން މިސްކިތުގައި ކިޔަވަން އިން ޒުވާނެއްގެ ވާހަކައެވެ. އޭނާ އިނީ ކިޔަވާށެވެ. މުދިންމީހާ ޤަމަތް ދިނުމުން ތެދުވެގެން ގޮސް ކުރީންވެސް އޮތް ތަނުގައި މުސްޙަފު ބާއްވާފައި ސަފުހެދުމަށް މި ޒުވާނާވެސް އަވަސްވެގަތެވެ. ނަމަވެސް ކުއްލިއަކަށް މީނާ ހޭނެތިގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ނަމާދަށް ތައްޔާރުވެގެން ތިބި މީހުންގެ ތެރެއިން ބަޔަކު އޭނާ ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދިޔައެވެ.

ޒުވާނާގެ ޙާލު ލޮލުން ދުށް ޑަކުތަރު ޖުބައިރު ބުންޏެވެ. މައްޔިތަކު އުފުލައިގެން ގެންނަފަދައިން އަހަރެމެންގެ ގާތަށް އޭނާގެނެވުނެވެ. އަހަރެން ބެލިބެލުމުން އެނގުނީ އޭނާއަށް ވަރަށް ވަރުގަދަ އިސްޓުރޯކެއް ޖެހިފައިވާކަމެވެ.

ޒުވާނާއާ ދިމާއަށް އަހަރެން ބަލާލިއިރު ފެނުނީ އޭނާގެ ޙަޔާތުގެ އެންމެ ފަހުވަގުތުކޮޅު ގުނަމުން މަރާހަނގުރާމަ ކުރަމުން ދިޔަތަނެވެ. އޭނާއަށް އެހީވުމަށް އަހަރެމެން އަވަސްވެގަތީމެވެ. އަދި އޭނާގެ ހިތުގެ ހިނގުން ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަން ފެށީމުއެވެ. އިމަޖެންސީ ޑަކުތަރަށް އޭނާގެ ޙާލު ބެލުމަށް އަންގާފައި އަހަރެން އޭނާގެ ފަރުވާއަށް ބޭނުންވާ ބައެއް ސާމާނު ގެނައުމަށް އަވަހަށް ދިޔައީމެވެ. ގިނައިރެއްނުވެ އަހަރެން އެނބުރި އައި އިރު ޒުވާނާ އޮތީ އިމަޖެންސީ ޑަކުތަރުގެ އަތުގައި ހިފަހައްޓައިގެންނެވެ. ޑަކުތަރުގެ ކަންފަތްދޮށުގައި އެޒުވާނާ ވަރަށް މަޑުމަޑުން ކޮންމެވެސް ވާހަކައެއް ބުނަނީއެވެ. އެހެންކަމުން އަހަރެން އިރުކޮޅެއްވާންދެން މަޑުކޮށްލައިގެން ހުރީމެވެ.

ކުއްލިއަކަށް އޭނާ ޑަކުތަރުގެ އަތުން ދޫކޮށްލާފައި އޭނާގެ ކަނާތްފަޅިއަށް އެނބުރުމަށް ވަރަށް މަސައްކަތްކުރިއެވެ. އަދި ވަރަށް މަސައްކަތުން އޭނާ أشهد أن لا إله إلا الله ، وأشهد أن محمداً عبده ورسوله މިފަދައިން ކިޔެވެ. ތަކުރާރުކޮށް އޭނާ ޝަހާދަތް ކިޔަމުންދިޔައިރު ހިތުގެ ވިންދު ދަށްވަމުން ދިޔައެވެ…އަދި އަހަރެމެން އޭނާ ސަލާމަތް ކުރުމަށް އަވަދިނެތި މަސައްކަތްކުރަމުން ދިޔައީމެވެ… އެހެންނަމަވެސް ﷲ ތަޢާލާ އޭނާއަށް ކަނޑައަޅުއްވާފައިވާ އަޖަލު އައިސް ޖެހުމުން އަހަރެމެން ކުރި އެއްވެސް ކަމަކުން ފައިދާއެއް ނުކުރިއެވެ. އެޒުވާނާ މަރުވީއެވެ. މިއާއެކު އިމަޖެންސީ ޑަކުތަރު އަޑުން އަޑުނަގާފައި ރޯން ފަށައިފިއެވެ. އޭނާއަށް ދެފައިމައްޗަށް ކޮޅަށް ހުރެވޭވަރުވެސް ނުވެއެވެ. އަހަރެމެން ހައިރާންވެގެން އެހީމެވެ. ޑޮކްޓަރު ތިވަރަށް ތިޔަރޮނީ ކީއްވެގެންހެއްޔެވެ؟ މީގެކުރިންވެސޑޮކްޓަރަށްވަނީ މީހުންގެ ފުރާނަ ދާ މަންޒަރު ފެނިފައި ނޫންހެއްޔެވެ؟

އަހަރެމެން ދެއްކި އެއްވެސް ވާހަކަ އަކަށް ޖަވާބެއްނުދީ އޭނާ ހަމަ ގިސްލަގިސްލާފައި ރުއީއެވެ. ރުއިން މަޑުވެ ހަމައަކަށް އެޅުމުން އަހަރެމެން އަނެއްކާވެސް އެހީމެވެ. ޑަކްތަރުގާތުގައި އެޒުވާނާ ބުނީ ކީކޭހެއްޔެވެ؟
ޖަވާބުގައި އޭނާ ބުންޏެވެ. ޑަކުތަރު ޖުބައިރު އައިސްގޮސްވެ ދެންތިބި މީހުނަށް ކުރާންވީ ކަންކަމާއި ނުކުރާންވީ ކަންކަން އަންގައި އޭނާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރާތަން ފެނުމުން ތިޔައީ އޭނާއާ ޙަވާލުވެގެން ހުންނެވި ޚާއްޞަ ޑަކުތަރުކަން އެނގުނެވެ. އެހެންވެ އޭނާ އަހަރެންގާތުގައި ބުންޏެވެ. ޑަކުތަރެވެ. ތިބާގެ އެކުވެރި ކާރޑިއޮލޮޖިސްޓު ގާތުގައި އަހަރެން ސަލާމަތްކުރަން އެހާބުރަކޮށް މަސައްކަތްނުކުރުމަށް ދަންނަވާށެވެ. އަހަރެން މި މަރުވަނީއެވެ. ﷲ ގަންދީ ބުނަމެވެ. ސުވަރުގޭގައި އަހަންނަށް ޚާއްޞަކުރެވިފައިވާތަން އަހަންނަށް އެހަރަ ފެންނަނީއެވެ. الله أكبر..

((إِنَّ ٱلَّذِينَ قَالُوا رَ‌بُّنَا ٱللَّـهُ ثُمَّ ٱسْتَقَـٰمُوا تَتَنَزَّلُ عَلَيْهِمُ ٱلْمَلَـٰٓئِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُ‌وا بِالْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ)) سورة فصلت: 30
މާނައީ: ”ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللهއޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދުކުރެވިގެންވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!“
މިއީ ﷲ އަށް ކިޔަމަންތެރީންގެ ތެރެއިން މީހަކު މަރުވެދިޔަގޮތުގެ ވާހަކައެވެ.
ﷲތަޢާލާ އަޅުގަނޑުމެން އެންމެންނަށްވެސް މިފަދަ ހެޔޮ ނިމުމެއް މިންވަރުކޮށްދެއްވާށިއެވެ. އާމީން.
ނިމުނީ:

ނޯޓު: މިލިޔުން ލިޔެދެއްވި ފަރާތަށް ހެޔޮޖަޒާ ދެއްވައި ރިޒުޤު ތަނަވަސްކުރައްވައި, ވާހަކާގައިއެވާ ނިމުމެއް އަޅުގަނޑުމެން އެންމެނަށްވެސް ﷲގެ ރަޙުމަތުން މިންވަރުކުރައްވާށިއެވެ. އާމީން.

Leave a Reply

Your email address will not be published.