އިސްތިހާރު : އެންޑްރޮއިޑް އެޕްލިކޭޝަން ހަދާހިތްވޭތަ؟
ރަމަޟާން މަސްސުވާލާއި ޖަވާބު

ހަނދު ސާބިތުކުރަން ފަލަކީ ޢިލްމަށް ބުރަވެވޭނެތަ؟

ރަމަޟާން މަހުގައި ހަނދު ބެލުމުގައި ޢަމަލު ކުރާ ގޮތަކީ ބައެއް ފަހަރު އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި މައްސަލަތަކެއް ކުރިމަތިވެގެންދާ ކަމެކެވެ. ދިވެހި ރާއްޖޭގައިވެސް ހަނދު ބެލުމުގެ ކަންތައްތަކުގައި ޢަމަލު ކުރަމުންދާ ގޮތަކީ ގިނަ ދިވެހިންނަށް އޮޅުން އަރާފައި އޮންނަ މައްސަލައެކެވެ. ބައެއް އަހަރުތަކުގައި ހަނދު ފެނިގެން ރޯދަ ހިފަން ފަށާއިރު، އަނެއްބައި އަހަރުތަކުގައި އެ ގައުމަކަށް ހަނދު ނުފެނުނު ކަމުގައި ވީނަމަވެސް، އެހެން ޤައުމުތަކަށް ހަނދު ފެނިގެން ރޯދަ ހިފާތަން އެބަ އާދެއެވެ.

ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގެ 189 ވަނަ އާޔަތިގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ

﴿ يَسْأَلُونَكَ عَنِ الْأَهِلَّةِ ۖ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ ۗ  ﴾

”ހުޅެވިހަނދާމެދު ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި حج ގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ.“

ހަނދު ބެލުމަކީ ކީރިތި ރަސޫލާ މުޙައްމަދުﷺ އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވާ ކަމެކެވެ. ޚާއްޞަކޮށް ޝައްވާލުމަހާއި ޝައުބާން މަހުގެ ހަނދެވެ. އެއީ އިސްލާމީ އުންމަތުގެ ދެ ރުކުން ކަމުގައިވާ ޙައްޖާއި ރަމަޟާންމަހުގެ ރޯދައާއި ގުޅިފައިވާ ދެ ހަނދު ކަމަށް ވާތީއެވެ.

ކީރިތި ރަސޫލާ މުޙައްމަދުﷺ ޙަދީޘް ކުރައްވަނީ ”ތިޔަބައިމީހުންނަށް ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަ ހިފަން ފަށާށެވެ.“

އަދި ރަމަޟާންމަހުގެ 29 ވަނަ ދުވަހުވެސް ހަނދު ފެނޭތޯ އަޅުގަނޑުމެން ބަލަން ޖެހެއެވެ. އެދުވަހުގެ އިރު އޮއްސުމާއިއެކު އެހެން މަހެއް ފެށޭތޯ ބެލުމަށެވެ. މިކަމުން އެނގިގެންދަނީ އަޅުގަނޑުމެން ހަނދު ފެނޭތޯ ބަލަން ޖެހޭ ކަމާއި، ހަނދު ފެނިއްޖެނަމަ ރޯދަ ހިފަން ފަށަންޖެހޭ ކަމެވެ. އުޑުމަތީގައި ވިލާތައް ބޯވުމުގެ ސަބަބުން ހަނދު ނުފެނިއްޖެ ކަމުގައިވާނަމަ ޝަޢުބާންމަހުގެ 30 ދުވަސް ފުރިހަމަ ކުރުމަށް ޙަދީޘްގައި އައިސްފައިވެއެވެ.

ފަލަކީ ހިސާބުތަކަށް ބަލައިގެން އެހިސާބުތަކުން ހަނދު ހުންނާނެ ހިސާބު އެބަ ދެނެގަނެވެއެވެ. ހަނދު އަރާނީ އިރު އޮއްސޭތާ ކިތައް މިނިޓް ފަހުންތޯވެސް މި ހިސާބު ބޭނުންކޮށްގެން ދެނެގަނެވެއެވެ. އެހެންނަމަވެސް އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވަނީ އަޅުގަނޑުމެންގެ ލޯމައްޗަށް ފެންނަ ކަންތައްތަކުގެ މައްޗަށް ބެލުމަށެވެ. ޓެކްނޮލޮޖީގެ ވަސީލަތްތައް ހުރި ޒަމާނެއްކަމުގައިވިޔަސް، ނުވަތަ ނެތް ޒަމާނެއް ކަމުގައިވިޔަސް، ކޮންމެ ޒަމާނެއްގައިވެސް އަޅުކަން ކުރެވޭގޮތަށް މާތްﷲ މި ދީނުގެ ޙުކުމްތައް ވަނީ ބާވާލައްވާފައިވެއެވެ. އެހެންކަމުން ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި އަންގަވާފައިވާގޮތަށް ޢަމަލުކުރުމުން އެއިލާހު އަޅުގަނޑުމެންނަށް ޘަވާބު ދެއްވާނެއެވެ.

މިއީ އަޅުގަނޑުމެން ސަމާލު ވާނެޖެހޭ ކަމެކެވެ. ހަމައެކަނި ފަލަކީ ހިސާބުތަކުގެ މައްޗަށް ބުރަވެ ރަމަޟާންމަހުގެ ރޯދަހިފުން ނުވަތަ އެހެންވެސް އަޅުކަންތައްތައް ކުރުން އަޅުގަނޑުމެންނަށް ހުއްދަވެގެން ނުވެއެވެ. އެހެންނަމަވެސް މިފަދަ ޒަމާނެއްގައި ހަނދު ބެލުމަށްޓަކައި ދުރުމިއާއި ޓެލެސްކޯޕްފަދަ ޒަމާނީ އާލާތްތައް ބޭނުން ކުރެވިދާނެއެވެ.

ރާއްޖެއަށް ހަނދު ފެނިއްޖެކަން ސާބިތުކުރުމަށްޓަކައި ބައެއް ފަހަރު ރާއްޖެއަށް ނުފެނުނު ކަމުގައިވިޔަސް އިސްލާމީ އެހެން ޤައުމަކަށް ފެނިއްޖެ ކަމުގައިވާނަމަ ރޯދަ ހިފުމަށް ނިންމައެވެ. އެހެންނަމަވެސް ގަޑީގެ ގޮތުން އެ ގައުމުތައް ރާއްޖެއާ ތަފާތެވެ. މިސާލަކަށް ރާއްޖެއަށް ފަތިސްވާއިރު އެ ޤައުމަކަށް އެއީ ދުވާލުގެ މެންދުރު ވަގުތު ކަމުގައިވެސް ވެދާނެއެވެ. ނުވަތަ އިރުއޮއްސޭ ވަގުތު ކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން މިކަމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުވެދާނެއެވެ.

އަޅުގަނޑުމެން ރަމަޟާންމަހުގެ ރޯދަ ހިފުމަށް ހަނދު ބެލުމަށް ޢަމަލުކުރަންޖެހޭ ގޮތަކީ އެ ޤައުމަކަށް ހަނދު ފެނޭތޯ ބެލުމެވެ. ފަލަކީ ހިސާބުތަކަށް ބެލުމަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން އެނގެން އޮތް ކަމެއްކަމުގައި ނުވާއިރު މިގޮތަށް ޢަމަލުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

 

މަސްދަރު: ޝައިޚް އާދަމް ނިޝާން ބިލް އަލީ އާދަމްގެ ވީޑިއޯއަކުން

ޖަންނަތްއެމްވީ އެޑިޓޯރިއަލް

އެޑިޓޯރިއަލްގެ ފަރާތުން ޝާޢިރުކުރާ ލިޔުންތަކަކީ ޖަންނަ އެމްވީގެ އަމިއްލަ ޚީޔާލުތަކާއި ވިސްނުންތަކެވެ.

Leave a Reply

Your email address will not be published.