ކުޑަކުދިން

ޤާރޫނުގެ މުދާވެރިކަމާއި އޭނާގެ ހިތި ނިމުން

ޤާރޫނަކީ ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ތެރެއިން މޫސާ ޢަލައިހިއްސަލާމުގެ ޤައުމުގެ މީހެކެވެ. ޢިބުނު އައްބާސް ރަޟިޔަﷲ އަންހު ވިދާޅުވެފައިވާ ގޮތުގައި ޤާރޫނަކީ މޫސާ ޢަލައިހިއްސަލާމުގެ ދެބެން ދެދަރި މީހެކެވެ. ކީރިތި ޤުރުއާނުގެ އަލް ޤަޞާޞް ސޫރަތުގެ 76 ވަނަ އާޔަތުން ފެށިގެން 83 ވަނަ އާޔަތުގެ ނިޔަލަށް ޤާރޫނުގެ ވާހަކަ ބަޔާން ކުރައްވާފައިވެއެވެ.

ޤާރޫނަށް ލިބިގެންވާ މުދަލުގެ ތެރޭގައި ރަންރިއްސާއި އަގުބޮޑު ޖަވާހިރާއި، ދަނޑުފަނގާއި، ގެރިބަކަރިއާއި، މިފަދަ ހުރިހާއެއްޗެއް ހިމެނެއެވެ. މީގެތެރެއިން ރައްކާކުރެވޭ ސާމާނުތައް ލާފައިވާ ޚަޒާނާތަކުގެ ތަޅުދަނޑިތައް އެއްކޮށް ގައިގެ ބާރުގަދަ ޖަމާޢަތެއްގެ މީހުންނަށްވެސް އުފުއްލުމަކީ ކުޅަދާނަ ކަމަކަށް ނުވެއެވެ.

ޤާރޫނަކީ ބަނީ އިސްރާއީލު ޤައުމުގެ މީހުނާއިއެކު މިޞްރުގައި ދިރިއުޅެމުންދިޔަ މީހެއް ކަމުގައިވީ ނަމަވެސް އޭނާއަކީ އެބައިމީހުންނާއި ތަފާތު ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ. ބަނީއިސްރާއީލުންގެ އެހެންމީހުން ނިކަމެތިކޮށް އަޅުވެތި ކުރެވިގެންވާ ފަދައިން އޭނާއަކަށް އެފަދަކަމެއް ކުރިމައްޗެއް ނުވެއެވެ.އެބައިމީހުންގެ މެދުގައި ޢަޤީދާގެ ގޮތުން ވަރަށްބޮޑު ހަމަނުޖެހުން އޮތެވެ. އެހެންކަމާއެކު އޭނާ އިޚްތިޔާރުކުރީ ފިރްޢައުނުގެ މަގެވެ. ފިރްޢައުނަކީ އިލާހަކުކަމުގައި ޤަބޫލުކުރި މީހުންގެ ތެރޭގައި އޭނާވެސް ވީއެވެ. އަދި އާޚިރަތުގެ މައްޗަށް ދުނިޔެއަށް އިސްކަންދިނީއެވެ. އަދި އޭނާވެސް ފިރްޢައުނެކޭ އެއްގޮތަށް އެޤައުމުގެ މީހުން ނިކަމެތިކޮށް، އޭނާގެ އެދުންތައް ފުއްދުމަށްޓަކައި، އެބައިމީހުން އަޅުވެތިކޮށް، އެބައިމީހުންގެ މައްޗަށް ބޮޑާވެ ކިބުރުވެރިވިއެވެ.

ޤާރޫނަށް ވަކި މިންވަރެއްނެތި ﷲތަޢާލާ މުދާވެރިކަން ދެއްވިއެވެ. ހުރިހާ ފަރާތަކުން މުދާތައް އޮހެމުންއައެވެ. އެންމެފަހުން ޤާރޫނަކީ އެންމެ މުއްސަނދި އެންމެ ތަނަވަސް މީހާކަމުގައި ވެއްޖެއެވެ. މިދުވަސްތަކުގައި މޫސާޢަލައިހިއްސަލާމް ޤާރޫނާ ބައްދަލުކުރައްވައި އޭނާއަށް ތެދުމަގު ދެއްކެވޭތޯ ގިނަގުނަ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ. ޤާރޫނަށް މޫސާޢަލައިހިއްސަލާމް ދެއްވަމުން ގެންދެވި ނަޞޭޙަތްޕުޅު މައިގަނޑު ދެއަސްލެއްގެ މައްޗަށް ބިނާކުރެއްވިއެވެ. އެއީ، ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށްލުމަށާއި، ﷲ ދެއްވި ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާ އެކަލާނގެ އަޅުތަކުންނަށް އިޙްސާންތެރިވުމަށް ނަޞޭޙަތް ދެއްވުމެވެ.

މޫސާގެފާނުގެ އިރުޝާދުތަކަށް ޤާރޫނު އެއްވެސް ސަމާލުކަމެއް ނުދިނެވެ. އެއާޚިލާފަށް އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަން އިތުރުކުރީއެވެ. އެ ހުރިހާ މުދަލަކާއި ތަނަވަސްކަމެއް ލިބިފައިވަނީ އޭނާގެ ޢިލްމުވެރިކަމާއި ވިސްނުންތެރިކަމާއި މޮޅުކަމުންކަމަށް ޤާރޫނު ބުނަމުން ދިޔައެވެ. އަދި އެކަމުގައި އެހެން އެކެއްގެވެސް އިޙްސާންތެރިކަމެއް އެހީތެރިކަމެއް ނުވާކަމުގައި ބުނަމުން ދިޔައެވެ. މޫސާގެފާނުގެ އަރިހުގައި ނަޞޭޙަތްދިނުން ހުއްޓާލުމަށް އެދުނު ނަމަވެސް މޫސާގެފާނު ދިޔައީ ނަޞޭޙަތްދިނުން ކުރިއަށް ގެންދަމުންނެވެ.

އެހާތަނަށް އެއްވެސް މީހަކަށް އެފަދަ މުދާވެރިކަމެއް ދެއްވާފައިވާކަށް އެނގެން ނެތެވެ. ޤާރޫނަކީ ހިސާބެއްނެތި މާތްﷲ މުދާ ދެއްވާފައިވާ މީހެކެވެ. އެއީ އޭނާއަކީ ﷲއަށް ޝުކުރުކުރާ އަޅެއްތޯ ނުވަތަ ކުފުރުވެރިވާ އަޅެއްތޯ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.

އެއްދުވަހެއްގައި ޤާރޫނުގެ ގަނޑުވަރުގެ ދަށުން ބިންގަނޑު ފަޅައިގެންގޮސް އަލިފާނުގެ ހުޅުގަނޑު އެތަނުން އަރައިގަތެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޤާރޫނާއި އޭނާގެ ޚަޒާނާގައި ހުރިހައި އެއްޗެއް އަލިފާނުގެ ކޮއްތެއްކަމުގައި ވެގެންދިޔައެވެ. އޭނާގެ ގަނޑުވަރުގެ ވަރުގަދަ ތަނބުތައް ވެއްޓުނެވެ. ބިންހެލުމެއް އައިސް އެއަށްފަހު ބިންގަނޑުގެ ހުރިހާ ފަރާތަކުން ފެންގަނޑު ނުކުމެގެންއައެވެ. އަދި އޭގެ ސަބަބުން ހަލާކުވެފައިހުރި ތަކެތީގެ އަސަރުވެސް ބިންމަތީން ފޮހެވިގެން ދިޔައެވެ. އަދި ޤާރޫނުގެ ބޮޑާކަން ވެއްޔާ މޮޑެވިގެންދިޔައެވެ. އެހިނދު މީސްތަކުންނަށް ޙައިކާންކަން ލިބި އެކަމުން ޢިބްރަތް ޙާޞިލްކޮށް އެމީހުނަށް ކުރެވުނު ކުށްޚިޔާލަށް ތަޢުބާވިއެވެ.

މުދާވެރިކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ވަރަށްބޮޑު ނިޢުމަތެކެވެ. އަދި އެއީ އިމްތިޙާނެއްވެސް މެއެވެ. މާތްﷲ އަށް ކިޔަމަންތެރިވުމުގެ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމާއި ހެޔޮކަމުގެ މަގުގައި މުދާ ހޭދަކޮށްފިނަމަ، އެފަދަ މީހުނަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި، ﷲތަޢާލާގެ ޙަޞްރަތުގައި ބޮޑުވެގެންވާ ދަރުމައާއި ގިނަގުނަ ޘަވާބު ލިބޭހުއްޓެވެ. ނަމަވެސް މުދާ ހޭދަކުރީ ﷲއަށް އުރެދުމާއި، ފާފަވެރިކަމާއި ފިތުނަފަސާދަ އުފެއްދުމުގެ ގޮތުންކަމުގައި ވާނަމަ، ދުނިޔޭގައި ތަނަވަސްކަމާއި މަތިވެރި ދަރަޖަ ލިބުނުކަމުގައިވިޔަސް އާޚިރަތްދުވަހުން ﷲތަޢާލާގެ ޙަޟްރަތުގައި ބޮޑުވެގެންވާ ޢަޛާބާއި ނިކަމެތިކަން އެމީހަކަށް ލިބޭހުއްޓެވެ.

Leave a Reply

Your email address will not be published.