އަޚުލާޤު

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 1

މުތަރުޖިމުންގެ ބަސް

الحمد لله والصلاة والسلام علي رسول الله وعلي آله وصحبه أجمعين.

ޢުޤޫބާތްތަކާއި، ގެއްލުންހުރި ނުބައިވެގެންވާ ޙާދިޘާތައް ހިނގުމުގައި ފާފަތަކުގެ ވަރަށް ބޮޑު ދައުރެއްވެއެވެ. ފާފަތަކުގެ ސަބަބުން މެނުވީ އެއްވެސް މުސީބާތެއް ނުޖެހެއެވެ. އަދި ތައުބާވުމުން ނޫނީ އެކަން ފިލާ ނުދެއެވެ.

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ.

﴿وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ﴾ [1]

މާނައީ: ”ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެއިލާހު ގިނަ ފާފަތައް عفو ކުރައްވައެވެ.”

މުސީބާތްތަކުގެ ތެރޭގައި އިންސާނުންގެ ހަށިގަނޑަށް ޖެހޭ ބަލިމަޑުކަން ހިމެނެއެވެ. އޭގެ ތެރޭގައި ތަފާތު ބަލިތަކާއި، އާފާތްތަކާއި، ނުބައިކަންތައް މެދުވެރިކުރެއްވުމާއި، މަރުވުމާއި، ފިތުނަތަކާ އަދި އަދާވާތްތެރިން އަޅުގަނޑުމެންގެ މައްޗަށް ވެރިކުރެއްވުން ހިމެނެއެވެ.

ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި މިފަދަ ވަބާތަކުން ރައްކާތެރިވާނެ ކަންކަން އަޅުގަނޑުމެންނަށް ވަނީ ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ އެކަންކަން ރަނގަޅަށް އުނގެނުމެވެ. އެއަށްފަހު އެގޮތަށް ޢަމަލުކުރުމެވެ. ދެން އެހެން މީހުންނަށް އެކަން އުނގަންނައި ދިނުމެވެ. މި ކުޑަ ރިސާލާއަކީ ޢަރަބި ޢިމާރާތުގެ ޝާރިޤާ އިސްލާމިކް އެފެއާރޒްއިން ނެރުއްވާފައިވާ الأربعون في الوقاية والنجاة من الوباء والطاعون، މިރިސާލާގެ ތަރުޖަމާއެވެ.

އަޅަމެންގެ ދުޢާއަކީ އިސްވެ ބަޔާންކުރެވުނު ކަންކަން ކުރުމުގެ ތައުފީޤު ﷲ ތަޢާލާ އަޅަމެންނަށާއި އެންމެހާ މުސްލިމުންނަށް މިންވަރު ކުރެއްވުމެވެ.

މުޤައްދިމާ

ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި އެ އިލާހަށް ޝަރީކަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ އަޅާކަމަށާއި ރަސޫލާކަމަށް ހެކިވަމެވެ. އެކަލޭގެފަނަށާއި، އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. އަދި އެ ބޭކަލުންނަށް ތަބާވީހާ ބަޔެއްގެ މައްޗަށްވެސް މެއެވެ. އެއަށްފަހު ދަންނާށެވެ!

ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞައްޙަ ސުންނަތުން ނެގިފައިވާ މި މުހިއްމު ވަޞިއްޔަތްތަކަކީ، ވަބާތަކާއި އަދި ތާޢޫންފަދަ ބަލިތަކުގެ ފަރުވާތަކެވެ. އަދި އެފަދަ ވަބާތައް ކުރިމަތިވެއްޖެނަމަ، (ﷲގެ އިޛުނަފުޅާއެކު) އެއިން ތިބާ ރައްކާތެރިކޮށްދޭނެ ކަންކަމެވެ. ދުޢާތަކެވެ. މުއުމިނުތަކުންނަށްވަނީ މި ޒިކުރުތައް އަބަދާއަބަދުމެ ކިޔުމާއެކު މިކަންކަމަށް ރައްކާތެރިވުމުވެ. އަދި މި ޒިކުރުތަކާއި މިކަންކަން ރަނގަޅަށް އުނގެނުމެވެ. އަދި އެހެން މީހުންނަށްވެސް ދަސްކޮށްދިނުމެވެ. އެއީ މިކަމުގައި ހުރި އަޖުރުގެ މަތިވެރިކަމުންނެވެ. އަދި ﷲ ތަޢާލާގެ އިރާދަފުޅާއި އެކު ވަބާތަކުން ރައްކާތެރިކޮށްދިނުމުގައި މި ޒިކުރުތަކާއި ކަންކަމުގައި ހުރި އަޘަރުގެ ބޮޑުކަމުންނެވެ.

  1. ޤަޟާ ޤަދަރަށް އީމާންވުން

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّـهِ ۗ وَمَن يُؤْمِن بِاللَّـهِ يَهْدِ قَلْبَهُ ۚ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ﴾  [2]

މާނައީ: ”اللَّه ގެ إذن ފުޅަށް މެނުވީ، އެއްވެސް مصيبة އެއް ނުޖެހެއެވެ. އަދި اللَّهއަށް إيمان ވާ މީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّـهُ لَنَا هُوَ مَوْلَانَا وَعَلَى اللَّـهِ فَلْيَتَوَكَّلِ الْمُؤْمِنُونَ ﴾ [3]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، مؤمن ން ހަމައެކަނި، اللَّه އަށް وكيل ކުރާހުށިކަމެވެ! “

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((وَاعْلَمْ أَنَّ الأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ،  وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ ، رُفِعَتِ الأَقْلَامُ وَجَفَّتْ الصُّحُفُ.))  [4]

މާނައީ: “އަދި ދަންނާށެވެ. ހަމަކަށަވަރުން، މުޅި އުންމަތް އެކަތިގަނޑަކަށްވެ، ތިބާއަށް މަންފާއެއް ޙާޞިލުކޮށްދޭން އުޅުނަސް، ތިބާއަށްޓަކައި الله ލިޔުއްވައިފައިވާ މަންފާއެއް މެނުވީ އެބައިމީހުންނަކަށް ޙާޞިލުކޮށް ނުދެވޭނެއެވެ. އަދި އެބައިމީހުން އެކަތިގަނޑަކަށްވެ، ތިބާއަށް ގެއްލުމެއް ދިނުމަށް އުޅުނަސް، ތިބާގެ މައްޗަށް الله ލިޔުއްވައިފައިވާ ގެއްލުމެއް ނޫނީ އެބައިމީހުންނަކަށް ނުދެވޭނެއެވެ. ގަލަންތައް އުފުލިއްޖެއެވެ. އަދި (ލިޔެވުނު) ފަތްތައް ހިކިއްޖެއެވެ. (އެބަހީ: އެންމެހާ ކަމެއްވަނީ ލިޔެވި ނިމިފައެވެ. އަދި އެއިލާހުގެ ނިޔާފުޅާއެކު އެކަންކަން ހިނގާނެއެވެ.)”

((عن أَنس رضي الله عنه عن النبيِّ صلى الله عليه وسلم قال: “إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاءِ ، وَإِنَّ اللهَ تعالى إِذَا أَحَبَّ قَوْمًا ابْتَلاهُمْ ، فَمَنْ رَضِيَ فَلَهُ الرِّضَا، وَمَنْ سَخِطَ فَلَهُ السخَطُ”.)) [5]

މާނައީ: އަނަސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން ބޮޑުވެގެންވާ ދަރުމަލިބުންވަނީ، ބޮޑުވެގެންވާ މުޞީބާތް ކުރިމަތި ވުމަށް ފަހުގައެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާ ބަޔަކުމީހުން ދެކެ ލޯބިވެވޮޑިގަންނަވައިފިނަމަ، އެބައިމީހުން އިމްތިޙާނު ކުރައްވައެވެ. ފަހެ އެކަމަށް ރުހިއްޖެ މީހާކަށްވަނީ (ﷲ ތަޢާލާގެ) ރުއްސެވުމެވެ. އަދި އެކަމާއި ނުރުހިއްޖެ މީހަކަށްވަނީ (ﷲ ތަޢާލާގެ) ކޯފާއެވެ.”

 

މަސްދަރު: dhisalafiyyah.net

Leave a Reply

Your email address will not be published.