އޭގެ ތެރެއިން އެއް ޚަބަރަކީ البخاري (5787) ރިވާކުރައްވާފައިވާ ހަދީޘެވެ. އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. (( ما أسفل من الكعبين من الإزار ففي النار )) ” ތަނބިކަށްޓަށްވުރެ ތިރިއަށް އިޒާރު (އަންނައެތި) ބަހައްޓާ ބައި (ފައިގެ ތަނބިކަށީގެ އެބައި) ވާހުށީ ނަރަކައިގައެވެ.” އިޒާރު ތިރިކުރާ މީހާއަށް އިލާހުގެ އަޛާބު ހައްގު ވެއެވެ.
އަދިވެސް ބައިވަރު ހަދީޘް ވާރިދުވެފައި ވެއެވެ. ބައެއް ހަދީޘް ތަކުގައި އިޒާރު ތިރިކުރުން ނަހީކުރައްވައި އެތިރިކުރުމުގެ މައްޗަށް ވަޢީދު އައިސްފައި ވެއެވެ. އަނެއްބައި ހަދީޘްތަކުގައި ވަނީ ބޮޑާ ކަމާއި އެކުގައި އިޒާރު ތިރިކުރާ މީހުންގެ މައްޗަށް ހުރި ވަޢީދުގެ ވާހަކައެވެ. އެހެންކަމުން ޢިލްމުވެރިން ކުރެ ޖަމާއަތެއްގެ ބޭފުޅުން، އޭގެތެރޭގައި ފަހުގެ ގިނަ މުހައްޤިގުން ވިދާޅުވެފައިވަނީ: ފިރިހެނާގެ ލިބާސް ތަނބިކަށްޓަށްވުރެ ތިރި ކުރުމަކީ ޝައްކެއްނެއް ގޮތުގައި ބޮޑާ ކަމުގެ ސިފައެކެވެ. އަދި ބޮޑާކަމާއި އެކުގައި ވިޔަސް ނުވަތަ ބޮޑާ ކަމަކާއި ނުލައި ނަމަވެސް އެއީ ހަރާމް ކަމެއްކަމުގައެވެ. ކިބުރުވެރިކަމާއި ބޮޑާ ކަމުގެ ސަބަބުން އިޒާރު ތިރިކޮށްފި ނަމަ އެކަމުގެ ފާފަ އަދި ވަކިން އިތުރުވެގެން ވެއެވެ.
البخاري ( 5788) އާއި مسلم (2087) ގައި ވެއެވެ. އިތުރު އެކަލޭގެފާނު ހަދީޘްކުރައްވާފައި ވެއެވެ. (( لا ينظر الله إلى من جر إزاره بطراً )) “ބޮޑާ ކަމާއި އެކުގައި ތިބާގެ އިޒާރު ތިރިކޮށްފި މީހާއަށް މާތް ﷲ (ރަހުމަތުގެ ބެއްލެވުމުން) ނުބައްލަވާނެއެވެ.” ކުރީގައި އިސްވެދިޔަ ހަދީޘްގައި ނަހީއާއި ވައީދު އައިސްފައިވަނީ ބޮޑާ ކަމުގެ ވާހަކައާއި ނުލައި ހަމަ އެކަނި އިޒާރު ތިރިކުރުމުގެ މައްޗަށެވެ. މިފަދަ ޚަބަރުތަކުގެ މައްޗަށް ބިނާކޮށް ފިރިހެނުންގެ ލިބާސް ؛ މުންޑު ނުވަތަ ފަޓުލޫނު ތަނބިކަށްޓަށްވުރެ ދިގުކޮށް، ތިރީގައި ބެހެއްޓުމަކީ ބޮޑު ފާފައެއްކަމުގައި ޢިލްމުވެރިންގެ ޖަމާއަތެއްގެ ބޭކަލުން ވިދާޅުވެފައި ވެއެވެ.ވީމައި ނަމާދު ފަދަ އަޅުކަމެއްގައި އިޒާރު ތިރިކުރުންފަދަ ނުރައްކާތެރި ވަޢީދު އެކުލެވިގެންވާ ކަމެއްގެ މަތީގައި ހުރުމަކީ ބިރުވެރިކަން ހުރި ކަމެކެވެ. އެނަމާދު ބާޠިލުވާނެ ކަމެއްކަމުގައި ޞައްހަ ދަލީލެއް ނެތެވެ. އެހެންކަމުން އޭނާގެ ނަމާދު ބާޠީލެއް ނުވާނެއެވެ. ނަމަވެސް އޭނާގެ ނަމާދު ޞައްހަ ނުވާނެ ކަމުގައި ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.

والله أعلم، وبالله التوفيق، وصلى الله على محمد وآله وصحبه وسلم
މަސްދަރު: raajjeislam