އިސްތިހާރު : އެންޑްރޮއިޑް އެޕްލިކޭޝަން ހަދާހިތްވޭތަ؟
ސުވާލާއި ޖަވާބު

ދުޢާ ޤަބޫލު ނުކުރެއްވޭނެ 3 ފަރާތެއް

ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ގޮތުގައި ހުރިހާ ދުޢާއެއް މާތްﷲ ޤަބޫލު ކުރައްވަވައެވެ. ތިބާ އެދުނު ކަމެއް ﷲ ފުރިހަމަ ކޮށްދެއްވަވައެވެ. ނުވަތަ ތިބާ އެދުނު ކަމަކާއި އެއްވަރު ކަމެއް އެކަލާނގެ ދެއްވަވައެވެ. ނުވަތަ ކޮންމެވެސް ކަމަކުން ތިބާ ދުރުކޮށްދެއްވަވައެވެ. ތިން ފަރާތެއްގެ ދުޢާ ފިޔަވައެވެ. މި ލިޔުމުގައި ބަލާލާނީ މި ތިން ފަރާތަކީ ކޮބައިތޯއެވެ.

ކީރިތި ރަސޫލާ މުޙައްމަދުﷺ ޙަދީޘް ކުރައްވާފައިވެއެވެ. ﷲ އާއިމެދު އެއްވެސް ޔަޤީންކަމެއް ނެތް މީހާގެ ދުޢާ އެކަލާނގެ ޤަބޫލެއް ނުކުރައްވައެވެ. މީހަކު ދުޢާ ކުރާއިރު އެމީހެއްގެ ހިތް އެކަމަކަށް ނެތްނަމަ އެމީހަކު އެއީ ދުޢާ ކުރަނީކީ ނޫނެވެ. ތިބާގެ ގައިގާ އިޚްލާސްތެރިކަމާއި ތަޤްވާވެރިކަމެއް ނެތި މަޑުމަޑުން ނުވަތަ ސާފު ނުވާގޮތަށް ކިޔާނަމަ އެ ދުޢާ ﷲ ޤަބޫލެއް ނުކުރައްވާނެއެވެ. އެހެންކަމުން ކީރިތި ރަސޫލާ މުޙައްމަދުﷺ ޙަދީޘް ކުރައްވަނީ ދުޢާ ކުރާ ވަގުތުގައި އެމީހެއްގެ ހިތް އެހެން ކަމެއްގައި ވާނަމަ ﷲ އެދުޢާ ޤަބޫލެއް ނުކުރައްވައެވެ. ތިބާގެ ދުޢާ ޤަބޫލު ކުރެއްވުން އެދޭނަމަ ތިބާގެ ހިތާއި ނަފުސު އެ ދުޢާއަކާއި އެކު ވާށެވެ. ތިބާއަށް ކިޔެނީ ކޯއްޗެއްކަން އެނގިގެން ދުޢާ ކުރާށެވެ. އަމިއްލަ ބަހުން ދުޢާ ކުރުން ރަނގަޅީ މި ސަބަބާއި ހުރެއެވެ. ތިބާއަށް އެނގޭ ކޮންމެ ބަހަކުންވެސް ދުޢާ ކުރެވިދާނެއެވެ. އޭރުން ތިބާއަށް އެ ކުރެވޭ ދުޢާއާއިމެދު ވިސްނައިގެން ފަރުވާތެރިކަމާއިއެކު ދުޢާ ކުރެވޭނެއެވެ. އެހެންކަމުން ތިބާ ކުރާ ދުޢާއަކީ ހިތް އެކަމަކަށް އޮވެ، އެކަމަކަށް އެދިގެން ކުރެވޭ ދުޢާއަކަށް ވާންވާނެއެވެ.

ދުޢާ ޤަބޫލު ނުކުރެއްވޭނެ ދެވަނަ ކަމަކީ ޙަރާމް ތަކެތި ކައިބޮއެ އުޅުމެވެ. ޙަރާމް ފައިސާއިން ހޯދާފައިވާ ތަކެތިން ކައިބޮއެ ހެދުމެވެ. ތިބާގެ ހަށިގަނޑަށް ޙަރާމް ތަކެތި ކާންދީ، އަދި  ތިބާ ހޯދާ ފައިސާ އަންނަނީ ކޮންތާކުން ކަމާއިމެދު ސަމާލުކަން ނުދޭނަމަ ތިބާގެ ދުޢާ ﷲ ޤަބޫލެއް ނުކުރައްވަވާނެއެވެ. ކީރިތި ރަސޫލާ މުޙައްމަދުﷺ ދަތުރުވެރިއަކާއި ބެހޭގޮތުން ޙަދީޘް ކުރައްވާފައިވެއެވެ. އާއިލާއާއި ދުރުގައިވާ ދަތުރުވެރިއެކެވެ. އޭނާވަނީ ވަރަށް ވަރުބަލިވެފައެވެ. މުޅި ގައިގާ އޮތީ ހުސް ހިރަފުހެވެ. ހުރީ ވަރަށް ހަޑިކޮށެވެ. އޭނާ އެކަނި ހުރެ ދެއަތް އުފުލާ ﷲ އަށް ދުޢާ ދެންނެވިއެވެ. ތިމަންނައަށް އެހީތެރިވެދޭށޭ ކިޔަމުންނެވެ. އޭނާގެ ދުޢާ ﷲ އިޖާބަ ކުރައްވާނެއެވެ. ނަމަވެސް އޭނާ ކާ އެއްޗެހި ޙަރާމް ކަމުގައިވެ، އޭނާ ބޯ އެއްޗެހި ޙަރާމް ކަމުގައިވެ، އޭނާ ލާ އަންނައުނު ޙަރާމް ކަމުގައި ވާނަމަ އޭނާގެ ދުޢާ ﷲ ޤަބޫލުކުރައްވާނީ ކިހިނަކުންތޯއެވެ. އެހެންކަމުން ދުޢާ ޤަބޫލު ނުކުރެއްވޭ އަނެއް ސަބަބަކީ ޙަލާލު ގޮތުގައި ރިޒުޤު ނުހޯދުމެވެ. އަހަރެމެން ލާރި ހޯދަނީ ކޮން ގޮތަކުން ކަމުގައި ބެލުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

ދުޢާ ކުރުމަށްފަހު އެ ދުޢާއެއް ﷲ ޤަބޫލު ނުކުރައްވާ ކަމަށް ނިންމާ، ދުޢާ ކުރުން ހުއްޓާލައިފިނަމަ އެމީހެއްގެ ދުޢާވެސް ﷲ ޤަބޫލެއް ނުކުރައްވައެވެ. އަހަރެމެން އެއްވެސް ހާލެއްގައި އުންމީދު ކަނޑާލާކަށް ނުވާނެއެވެ. އަހަރެމެންގެ ދުޢާ މާތްﷲ އިޖާބަ ކުރައްވަވާނެއެވެ. ދުޢާ ޤަބޫލު ކުރައްވާނެކަމަށް ވިސްނައިގެން އަބަދުވެސް ދުޢާ ކުރުންމަތީ ދެމިތިބެންވީއެވެ. އެހެންކަމުން، އުންމީދު ކަނޑާލާ، ތިމަންނަގެ ދުޢާ ﷲ ޤަބޫލު ނުކުރެއްވިކަމަށް ނިންމުމަކީ ދުޢާ ޤަބޫލު ނުކުރެއްވުމުގެ އެއް ސަބަބެވެ.

މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންވީ ކަންކަމެވެ. ދުޢާ ކުރާއިރު އެކަމަށް ސަމާލުކަން ދީގެން ކިޔެނީ ކޯއްޗެއް ކަމާއިމެދު ވިސްނައިގެން ދުޢާ ކުރުމެވެ. ތިބާއަށް ލިބޭ ރިޒުޤަކީ ޙަލާލު ރިޒުޤެއްތޯ ވިސްނައިގެން ރިޒުޤު ހޯދުމެވެ. ދުޢާ ޤަބޫލު ނުކުރެވުނު ކަމަށް ނިންމާ އުންމީދު ކަނޑާނުލުމެވެ. މި ތިންކަމަށް ސަމާލުކަން ދީފިނަމަ ﷲގެ އިރާދަފުޅުން ތިބާގެ ދުޢާ ﷲ އިޖާބަކުރައްވަވާނެއެވެ.

ޖަންނަތްއެމްވީ އެޑިޓޯރިއަލް

އެޑިޓޯރިއަލްގެ ފަރާތުން ޝާޢިރުކުރާ ލިޔުންތަކަކީ ޖަންނަ އެމްވީގެ އަމިއްލަ ޚީޔާލުތަކާއި ވިސްނުންތަކެވެ.

Leave a Reply

Your email address will not be published.