އިސްތިހާރު : އެންޑްރޮއިޑް އެޕްލިކޭޝަން ހަދާހިތްވޭތަ؟
މުޖުތަމަޢު

ނަމާދުގައި ޚުޝޫޢަތްތެރިވުން

ޚުޝޫޢަތްތެރިވުމަކީ، ކުރާ އަޅުކަންތަކުގައި މާތް ﷲ އަށް ހިތް ނިޔަތް ޚަލާޞްކުރުމަށްފަހު މަޑުމޮޅިވެ އެ އިލާހު ހަޟްރަތުގައި ނިކަމެތިވެ ޚުޟޫޢަތްތެރިވުމެވެ. ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ތިމާގެ ހިތާއި ވިސްނުމާއި ފިކުރު ނަމާދުގައި ޝާމިލު ކުރުމެވެ. ނަމާދުގައި ޚުޝޫޢަތްތެރިވެ ތިބެވޭނީ ނަމާދުން ބޭރުގައިވެސް ޚުޝޫޢަތްތެރި ވެގެންނެވެ.

ކީރިތި ޤުރުއާނުގެ އަލް މޫމިނޫން ސޫރަތުގެ 1 ވަނަ އާޔަތާއި ދެވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

قَدْ أَفْلَحَ الْمُؤْمِنُونَ ﴿١﴾ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾

މާނައީ: ”މުޢުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ.“

ޚުޝޫޢަތްތެރިވުމުގެ ދެ ވައްތަރެއް ވެއެވެ. އެއީ ހިތުގެ ޚުޝޫޢަތްތެރިކަމާއި ގުނަވަންތަކުގެ ޚުޝޫޢަތްތެރިކަމެވެ.

ހިތުގެ ޚުޝޫޢަތްތެރި ކަމަކީ ނަމާދު ކުރާ ހިނދުވެސް، މާތް ﷲ ބައްލަވާ ވޮޑިގެންވާކަން ހިތަށް ގެނެސް އެކަލާނގެ މަތިވެރިކަން ހަނދާންކުރުމެވެ. ނަމާދުގައި ކިޔާ ތަކެއްޗާއި، ދުޢާތަކުގެ މާނައާއިމެދު ވިސްނުމެވެ. ސުވަރުގެ ދެއްވުމަށް އެދި ފުރިހަމަ ގޮތުގައި ނަމާދުގެ އަޅުކަން އަދާކުރުމެވެ.

ގުނަވަންތަކުގެ ޚުޝޫޢަތްތެރިކަމަކީ ހިތުގެ ޚުޝޫޢަތްތެރިކަމަށް ފުރިހަމަ ކަމެއް ގެނެސްދީ ހިތުގައި އޮންނަ ޚުޝޫޢަތްތެރިކަން ބޭރުފުށުން ދައްކުވައިދޭ އެއްޗެވެ. ނަމާދަށް ހުންނައިރު، ގައި ކަހާ، ގަޑި ބަލާ، ގިނަ ގިނައިން ހެދުން ރަނގަޅުކޮށް ފަރާތްފަރާތަށް އެނބުރި ބެލުންފަދަ، ނަމާދުން ބޭރު ގިނަ ޙަރަކާތްތަކުން ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ނަމާދުން ބޭރު ޙަރަކާތްތައް ގިނަވެއްޖެނަމަ ނަމާދު ބާޠިލުވެދާނެއެވެ. އެހެންކަމުން ގުނަވަންތަކުގެ ޚުޝޫޢަތްތެރިކަމަކީ މިފަދަ ނަމާދުން ބޭރު ޙަރަކާތްތަކުން ބޭރުވެ ހުރުމެވެ.

ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން

  • މާތް ﷲ އަށް އިޚްލާޞްތެރިވުން
  • ރަސޫލުﷲ ﷺ ނަމާދުކުރެއްވިގޮތް ދަސްކޮށް އެފަދައިން ނަމާދު ކުރެވޭތޯބެލުން
  • ނަމާދަށް ތައްޔާރުވެ، ހިތް ނަމާދަށް ހުސްކޮށްލުން (އެހެން ކަންކަމާމެދު ހިތް މަޝްޣޫލުނުކުރުން)
  • އިމާމުމީހާ ކިޔަވާއިރު ކަނުލާ އަޑުއަހައި ވިސްނުންތެރިކަމާއެކު ހުރުން
  • ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ދަސްކޮށް ވިސްނުންތެރިކަމާއެކު އެޛިކުރުތައް ކިޔުން
  • ކުރީ ޞަފުގައި ނަމާދުކުރުން

ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ކޮންމެ ނަމާދަކަށްވެސް ރަނގަޅަށް ތައްޔާރުވެ، ޚުޝޫޢަތްތެރި ކަމާއިއެކު ނަމާދު ކުރުމުގެ ޢަޒުމުގައި ނަމާދު ކުރާށެވެ.

ޖަންނަތްއެމްވީ އެޑިޓޯރިއަލް

އެޑިޓޯރިއަލްގެ ފަރާތުން ޝާޢިރުކުރާ ލިޔުންތަކަކީ ޖަންނަ އެމްވީގެ އަމިއްލަ ޚީޔާލުތަކާއި ވިސްނުންތަކެވެ.

Leave a Reply

Your email address will not be published.