އިސްތިހާރު : އެންޑްރޮއިޑް އެޕްލިކޭޝަން ހަދާހިތްވޭތަ؟
މުޖުތަމަޢު

ސްޓޭޓަސް އަޕްޑޭޓް ކޮށްލައިފިން ހެއްޔެވެ؟

އަހަރެން ދައްކަން މިއުޅޭ ވާހަކަ ފެށުމުގެ ކުރިން ވާހަކައެއް އަހައިލަން ހެއްޔެވެ؟ ތިބާ އަތުގައި ފޯނެއް އޮވޭހެއްޔެވެ؟ އެފޯނަށް އެންމެފަހުން ކޯލެއް ނުވަތަ މެސެޖެއް އައީ ކޮންއިރަކު ހެއްޔެވެ؟ ފޯނުން ”ކައްކަކާކޯ“ ނުވަތަ މިނޫންވެސް ރިންގުޓޯނެއްގެ އަޑުއިވުމުން ޖަވާބުދިނިން ހެއްޔެވެ؟ ކޮފީއަކަށް ނުވަތަ އެހެންވެސް ކަމަކަށް އެކުވެރިޔާ ދަޢުވަތު ދީފައި ފޮނުވި މެސެޖަށް ޖަވާބު ފޮނުވިންތޯއެވެ؟

ދެން އެހެން ސުވާލެކެވެ. ފޭސްބުކުގައި ހުރީ ކިތައް ”ރަތް ދުނިޔެ“ ތޯ ޗެކުކުރީ ކޮންއިރަކުތޯއެވެ؟ އެރަތް ދުނިޔެތަކުގެ ތެރޭގައި ތިބާ ޖަވާބު ދޭންވެފައި ނުވަތަ ލައިކުވާން ޖެހިފައިހުރި ކޮމެންޓުތަކަށް ޖަވާބުދީ، ލައިކުވީ އެންމެފަހުން ކޮންއިރަކުތޯއެވެ؟

މިއީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުން މިއަދު އިޖާބަދޭ ކަންކަމެވެ. ލޯބިވާ އެކުވެރިޔަކު ނުވަތަ ގާތްމީހަކު ކުރާ ފޯނުކޯލަށް ނުވަތަ އެސްއެމްއެސް އަށް ޖަވާބު ދިނުމަކީ މައްސަލައެކޭ އަހުރެން ނުބުނަމެވެ.

ބުނަންމިއުޅޭ ވާހަކައަކީ އަހަރެމެން އެންމެނަށްވެސް އެނގޭފަދައިން މިޒަމާނަކީ ވަރަށްވެސް ’ކުރަންޖެހިފައި ހުރިކަންތައް‘ ގިނަޒަމާނެކެވެ. ’ބިޒީ‘ ޒަމާނެކެވެ. މިބުނީ ޒަމާން ބިޒީ ވާހަކައެއް ނޫނެވެ. އަހަރެމެން ބިޒީ ވާހަކައެވެ. މިހަލަބޮލިކަމުގެ ތެރޭގައި އުޅޭއިރު ބަންގީގެ އަޑުއިވެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ބާއެވެ؟ އެއީވެސް ކޯލެކެވެ. މެސެޖެކެވެ. ކޮންމެދުވަހަކު ފަސްފަހަރު ލިބޭ ނޯޓިފިކޭޝަނެކެވެ.

އަހަރެމެން ވަރުވަރަށް ފޭސްބުކު ބަލަމެވެ. ފާޑުފާޑުގެ ސްޓޭޓަސްތަކާއި ފޮޓޯތައް އަޕްކުރަމެވެ. އެކަމަކު ބަންގީގެ އަޑުއިވުމުން އަހަރެމެންގެ ’ސްޓޭޓަސް‘ ﷲތަޢާލާގެ ޙަޟްރަތުގައި ’އަޕް’ކުރުމަކަށް އަހަރެމެންނަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވެއެވެ. އަޅެފަހެ، މުހިންމުވާންވީ ސްޓޭޓަސް އަކީ މިއީނޫންތޯއެވެ. އަނެއްކާވެސް ސުވާލެކެވެ. މާފުކުރާށެވެ. މާ ސުވާލު ގިނަކުރަން އުޅެނީއެއްނޫނެވެ. ބަންގި ގޮވުމުގެ ކުރިން ވުޟޫކޮށް ނަމާދަށް ދިޔުމަށް ތައްޔާރުވަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟ ވިސްނާލާށެވެ! ހެނދުނު އޮފީހަށްދާން ގަޑިދެގަޑި ކުރިން ތައްޔާރުވަމުއެވެ. ރޭގަނޑު ޕާޓީތަކާއި އެކިއެކި ޙަފްލާތަކަށް ދިއުމަށް ތައްޔާރުވާން ދުވަހަކުވެސް ހަނދާނެއް ނުނެތެއެވެ. ހުކުރުދުވަހު ޕިކްނިކުދާން ފަތިހުފަތިހާ ހޭލައި ތައްޔާރުވަމުއެވެ. މިހެންގޮސް ހުރިހާކަމަކަށް ތައްޔާރުވަމެވެ. އެކަމަކު ނަމާދަށް ދިއުން ފިޔަވައެވެ.

އެކުވެރިޔާއެވެ! މިއަދު އަޑުއިވުނު ބަންގިއަކީ ތިބާގެ ޙަޔާތުގައި އަޑުއިވޭނެ އެންމެފަހު ބަންގިކަމަށް ވެއްޖެނަމަ ހަދާނީ ކިހިނަކުންތޯއެވެ؟ މީހުން ބުނެއެވެ. ލޯބިވާމީހުންނާ ބައްދަލުނުވެ މާގިނަދުވަސް ނުކުރާށެވެ. މަރުއައިސް ތިބާއާ ބައްދަލުކުރާނީ ކޮންއިރަކުކަމެއް ނޭނގެއެވެ. މިލިޔުން ކިޔައި ނިމުމުގެ ކުރިންކަމަށްވެސް ވެދާނެއެވެ. ޝައްކެއްނެތެވެ. އަހަރެމެންނަށް ދުވާލަކު ފަސްފަހަރު އެނިދާއަކުން ގޮވައިލެވޭ ނިދާގެ ވެރިރައްބަކީ އަބަދަށް ދިރިދެމިވޮޑިގެންވާ އިލާހެވެ. އެއިލާހުފިޔަވައި އެހެން ހުރިހާ އެއްޗެއް ފަނާވެ ނެތިދާނެއެވެ. ޙަޔާތުން ފާއިތުވެގެންދާ ކޮންމެ ފަޅިސިކުންތަކާއެކު އަހަރެމެން އަހަރެމެންގެ މަރާކައިރިވެއެވެ.

ތިބާއަށް ޙަޔާތުގެ އެންމެފަހު ބަންގީގެ އަޑުއިވުމުގެ ކުރިން ﷲގެ މަގަށް ރުޖޫޢަވެ ތެދުވެރި ތަޢުބާއަކުން ތަޢުބާވާށެވެ. ﷲގެ ތަނަވަސްވެގެންވާ ރަޙްމަތްފުޅާމެދު މާޔޫސްނުވާށެވެ. ތިބާގެ ހިތުގެ ހަމަޖެހުންވަނީ އެއަޑަށް އިޖާބަދިނުން ކަމުގައި ހަދާށެވެ. މާތްﷲ ތިބާއަށް ހެޔޮތައުފީޤު ދެއްވައި ބަރަކާތް ލައްވާށި! آمين

 

ޖަންނަތްއެމްވީ އެޑިޓޯރިއަލް

އެޑިޓޯރިއަލްގެ ފަރާތުން ޝާޢިރުކުރާ ލިޔުންތަކަކީ ޖަންނަ އެމްވީގެ އަމިއްލަ ޚީޔާލުތަކާއި ވިސްނުންތަކެވެ.

Leave a Reply

Your email address will not be published.