ކުޑަކުދިން

ފިރުޢަނުގެ ވެރިކަމާ އޭނާގެ ނިމުން

ﷲ (سبحانه وتعالىٰ) އަޅުގަނޑުމެން އެންމެންނަށް ހުރި ޢިބުރަތެއްގެ ގޮތުގައި މިދުނިޔެ މަތީގައި އެތަކެއް ނުބައި އަދި ޖައްބާރު ވެރިންނަކާއި ރަސްކަލުންނެއް ލެއްވެވި އަދި މި އެންމެންނަށްވެސް އެކަމާ ދޭތެރޭ ފިކުރު ކުރާ ބަޔަކަށް ޢިބުރަތުން ފުރިގެންވާ ނިމުންތަކެއް ކުރިމަތިކުރުވިއެވެ. އެގޮތުން މޫސާގެ ފާނުގެ ޒަމާނުގައި މިސްރުގައި ރަސްކަން ކުރަމުންދިޔައީ މިދުނިޔެ މިހާތަނަށް ދެކުނު އެންމެ ނުބައި އަދި ޖައްބާރު ވެރިޔާ، ފިރުޢައުނެވެ. ﷲ ޤުރުއާނުގެ އެތައް ތަނެއްގައި ފިރުޢައުނުގެ ވެރިކަމާ، އޭނާއަށް ތެދުމަގު ދެއްކުމަށް މޫސާގެފާނު ފޮނުއްވުމުން ކަންތައް ކުރި ގޮތާ އަދި އޭނާގެ ހިތި ނިމުން ވަނީ ބަޔާން ކޮށްދެއްވާފައެވެ. ވީމާ މިލިއުމުގައި ފިރުޢައުނުގެ ނުބައި ވެރިކަމާއި އޭނާގެ ނިމިދިއުމަށް އަލިއަޅުވާލާނަމެވެ.

ފިރުއައުނުގެ ނުބައި ރަސްކަމާއި ވެރިކަން

ފިރުޢައުނުގެ ވެރިކަމުގެ ސިޔާސަތަކަށް ވެގެން ދިޔައީ އޭނާއަށް ލަފާދޭން ތިބި ވަޒީރުންނާއި އާއިލާގެ މީހުން ފިޔަވައި ދެންތިބި އެންމެހައި ބަޔަކު އަޅުވެތި ކަމުގައި ގެންގުޅުމެވެ. އޭނާއަކީ ކަލަކު ކަމުގައި ބުނެ މީސްތަކުން ލައްވައި އޭނައަށް ސަޖިދަ ޖެއްސުވިއެވެ. މިއީ އޭނާ ކުރި އެންމެހާ ނުބައި ކަންތަކުގެ ތެރެއިންވެސް ﷲގެ ހަޛްރަތުގައިވެސް އެންމެ ނުބައިކަމެވެ.

“ ފަހެ، އޭނާ ( ފިރުޢައުނު ) ބުންޏެވެ. ތިމަންނާއީ ތިޔަބައިމީހުންގެ އެންމެ މަތިވެރިވަންތަ ކަލާނގެއެވެ.“ { އަންނާޒިޢާ : 24 }

އޭނާގެ ވެރިކަމުގައި އަލަށް އުފަންވާ ކުދިންގެ ތެރެއިން ފިރިހެން ކުދިން ގަތުލު ކުރަމުންދިޔައެވެ. މިކަންތައް ހިނގަން މެދުވެރިވި ސަބަބަކަށް ވެގެން ދިޔައީ ފިރުޢައުނަށް އެއްދުވަހު ފެނުނު ހުވަފެނެކެވެ. މިހުވަފެނުގައި އޭނަޔަށް ފެނުނީ ގަދަ އައްޔެއް އައިސް، އިސްރާޢީލް ދަރިކޮޅުގެ މީހުން ފިޔަވައި އޭނާއާ އޭނާގެ މުޅި ގައުމުގެ މީހުން ނެތިކޮށްލާ ތަނެވެ. މިކަމާ ކަންބޮޑުވެގެން އޭނާ މިސްރުގައި އޭރު ތިބި މޮޅެތި ސިހުރުވެރިންނާއި ފާލު ބަލާ މީހުން އެއްކޮށް މި ހުވަފެނުގައި ދޭހަވާ އެއްޗެއް އޮޅުން ފިލުވިއެވެ.

އެމީހުން ބުނިގޮތުގައި އެހުވަފެނުގެ މާނައަކީ، އިސްރާޢީލް ދަރިކޮޅުގެ މީސްތަކުންގެ ތެރެއިން ފިރިހެން ކުއްޖަކު އުފަންވެ، ބޮޑުވެގެން އަންނާނެކަމަށެވެ. އަދި އެއައްފަހު ފިރުޢައުނުގެ އެންމެހާ ތަކެއްޗެއް ގެންދާނެކަމަށެވެ. މިހިސާބުން ފެށިގެން އިސްރާޢީލް ދަރިކޮޅަށް، ކޮންމެ 2 އަހަރުން 1 އަހަރު އުފަންވާ ހުރިހާ ފިރިހެން ކުދިންތައް ޤަތުލު ކުރުމަށް ފިރުޢައުނު އަމުރު ކުރިއެވެ.

“ އެއުރެންގެ ފިރިހެންދަރިން ޤަތުލުކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، ފަސާދަ ކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.“ { އަލް ޤަޞަޞް : 4 }

ﷲ (سبحانه وتعالىٰ) ފިރުއައުނާއި އޭނާގެ ގައުމުގެ މީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މޫސާގެފާނު ފޮނުއްވަވާއި ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަން ކުރުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. ފިރުޢައުނު މިކަމަށް އިންކާރުކޮށް އާލަމްތަކުގެ ކަލާނގެއީ ކޯޗެއްތޯ ބުނެ މަލާމާތްކުރިއެވެ

.
”ފިރުޢައުނުގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ.“ { ސޫރަތުލް ތާހާ :43}

ފިރުޢައުނުގެ ނެތިދިއުން

މުސާގެފާނު ފިރުޢައުނާ އޭނާގެ ގައުމުގެ މީހުންނަށް އިސްލާމް ދީނަށް ގޮވާލެއްވުމުން އެކަމަށް އިންކާރުކޮށް އެކަމަށް ހެކިދެއްކުމަށް އެދުނެވެ. ﷲގެ ވާގިފުޅާއެކު އެމީހުންނަށް ހެކިތައް ދެއްކުމުންވެސް އެބައިމީހުން އިސްލާމް ދީނަށް އިންކާރުކޮށް އެކަލޭގެފާނީ ސިހުރުވެރިއެއް ކަމުގައި ތުހުމަތު ކުރިއެވެ. ފިރުޢައުނު މުސާގެފާނާއި އިސްރާޢީލް ދަރިކޮޅުގެ މީސްތަކުން ޤަތުލުކޮށްލުމަށްޓަކައި ރޭވުންތަކެއް ރޭވިއެވެ. އެހެންނަމަވެސް ﷲ (سبحانه وتعالىٰ) މިކަމުގެ ޚަބަރު މުސާގެފާނަށް ދެއްވަވައި، މިސްރު ދޫކޮށް ވަޑައިގަތުމަށް އަމުރު ކުރެއްވިއެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ގައުމުގެ މީސްތަކުން ދަތުރު ކުރަމުންގޮސް ހުއްޓުމަކަށް އައީ އަލްބަހްރް އަލް އަހްމަރް ( ރެޑް ސީ ) އާ ހިސާބުންނެވެ. ދެން އިތުރަށް ދެވޭނެ އެއްވެސް ކޮޅެއް ފެންނަން ނެތުމުން ގިނަ ބަޔަކު އުއްމީދު ކަނޑާލައިފިއެވެ. އަދި ފިރުޢައުނުގެ އަތްދަށުވެ މަރުވެގެން ދާނެކަމަށް އެމީހުން ނިންމިއެވެ. އެހެންނަމަވެސް މޫސާގެފާނު އެކަލޭގެފާނުގެ އިލާހަށް ފުރިހަމަޔަށް އިތުބާރުކުރެއްވެވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ﷲ އެކަލޭގެފާނަށް އެކަލޭގެފާނުގެ އަސާކޮޅުން ފެނުގައި ޖެއްސެވުމަށް އަމުރުކުރެއްވެވިއެވެ. އެއާއެކު އެބިޔަ ކަނޑު އިރައިގެން ގޮސް މޫސާގެފާނާއި އެކަލޭގެފާނުގެ ގައުމުގެ މީސްތަކުންނަށް މަގުދެއްކެވިއެވެ.

“ ފަހެ، ތިމަންރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން ( މޫސާގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް ) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ “ { އައް ޝުޢަރާ : 63 }

ފިރުއައުނާއި އޭނާގެ ލަޝްކަރަށް މުސާގެފާނުގެ ގައުމުގެ މީހުންނާ ހަމަޔަށް އާދެވުނު އިރު އެބައިމީހުން އެކަނޑުގެ މެދަކަށްވުރެ ބޮދުތަން ކަޑައްތުކޮށްފިއެވެ. ފިރުއަނުގެ ލަޝްކަރުވެސް އެމަގުން ދަތުރުކުރަން ފެށިއެވެ. އެހެނަސް އެމީހުންނަށް މެދަކާ ހިސާބަށް ދެވުނުތަނާ މުސާގެފާނު އެކަލޭގެފާނުގެ އަސާކޮޅުން ދެވަނަ ފަހަރަށް ފެނުގައި ޖެއްސެވިއެވެ. އަދި ﷲގެ އިރާދަފުޅާއެކު އެކަނޑު އޭގެ އަސްލަށް ރުޖޫޢަވެގެން ދިޔުމާއެކު ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަގު ކުރެއްވެއެވެ.

“ ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ ލަޝްކަރު ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ.“ { އަލް ޤަޞަޞް : 40}

Leave a Reply

Your email address will not be published.